ޑެލީ އަލީއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ: ޕޮކެޓީނޯ

މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމްއާއި ޔުވެންޓަސް ވާދަކުރި މެޗުގައި ޑެލީ އަލީ(ވ) --- ފޮޓޯ/ އޭޕީ

ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ޑެލީ އަލީއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ކަމަށް އެޓީމުގެ ކޯޗު މައުރީސިއޯ ޕޮކެޓީނޯ ބުނެފިއެވެ.

ޓޮޓެންހަމްއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑެލީ އަލީ، 2015 ވަނަ އަހަރު އެޓީމާ ގުޅުނީ އިނގިރޭސި ތިންވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ އެމްކޭ ޑޯންސްއިންނެވެ.

މިސީޒަނުގައިވެސް މިހާތަނަށް ޑެލީ އަލީ ވަނީ ޓޮޓެންހަމްއަށް ހަ ގޯލު ޖަހައި ނުވަ އެސިސްޓް ހަދައިފައެވެ.

ޓޮޓެންހަމްގެ ކޯޗު ޕޮކެޓީނޯ ބުނެފައިވަނީ އޭނާއަކީ އާންމުކޮށް އަމިއްލަ ކުޅުންތެރިންނަށް ފާޑުކިޔާ މީހެއް ކަމަށާއި، އެހެން ނަމަވެސް ޑެލީ އަލީއަށް ފާޑުކިޔުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

މިވަގުތު ދުނިޔޭގައި ކުޅޭ ކުޅުންތެރިންނާ އަޅާ ކިޔާއިރު، ޑެލީ އަލީއަކީ ހަމައެކަނި ޔޫރަޕުގައި ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ނޫން ކަމަށާއި، އޭނާއަކީ މުޅި ދުނިޔޭގައިވެސް ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ކަމަށްވެސް ޕޮޗެޓީނޯ ބުންޏެވެ.

"ޑެލީ އަލީ ފެންވަރުގެ ކުޅުންތެރިޔަކު އަހަންނަށް ދައްކަބަލަ. އޭނާގެ އުމުރަކީ 21 އަހަރު. އެ އުމުރުގައި ޑެލީ އަލީއާ އެއްވަރަށް ކަންކަން ހާސިލްކޮށްފައިވާ ކުޅުންތެރިޔަކު މަދުން ނޫނީ ނުފެންނާނެ،" ޕޮކެޓީނޯ ބުންޏެވެ.

ޕޮކެޓީނޯ ބުނީ ޑެލީ އަލީއަކީ އޭނާގެ އިރުޝާދުގެ ދަށުން ކުޅޭ ކުޅުންތެރިޔަކަށް ވުމުން އޭނާއަށް މޮޅުވަނީ ކަމަށްވެސް ވެދާނެ ކަމަށާއި، އެހެން ނަމަވެސް ޑެލީ އަލީއަކީ ތަފާތު މޮޅު ކުޅުންތެރިއެއްކަން އެންމެންވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ބަހުސަކީވެސް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ ބަހުސަށް ވަކި ދޫކުރާ ބަހުސެއް ނޫނެވެ. ޕީއެސްޖީއަށް ކުޅެމުން އަންނަ ކިލިއާން އެމްބާޕޭގެ އިތުރުން ބާސެލޯނާއަށް ކުޅޭ އޮސްމާނޭ ޑެމްބޭލޭއާއި ރެއާލް މެޑްރިޑްގެ ޒުވާން ތަރި، މާކޯ އެސެންސިއޯއަކީ ގިނަބައެއްގެ ނަޒަރުގައި ދުނިޔޭގައި ތިބި އެންމެ މޮޅެތި ޒުވާން ކުޅުންތެރިންނެވެ.

ޕޮކެޓީނީގެ ލިސްޓުގެ އެއްވަނައިގައި ޑެލީ އަލީ އޮތް އިރު، އިނގިރޭސި ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކީ މެންޗެސްޓާ ޔުނައިޓެޑުގެ މާކަސް ރަޝްފާޑު ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.

comment ކޮމެންޓް