ފެނަކީ ﷲގެ ކުޅަދުންވަންތަ ކަމުގެ ވަރުގަދަ ދަލީލެއް: ހުތުބާ

ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފައްވާރުން ކުޑަކުދިންތަކެއް ފެން ވަރައި އުފާކޮށް ހަދަނީ: ފެނަކީ އުފަލާއި ހިތްހަމަ ޖެހުމާއި ދިރުން ގެނެސްދޭ، އަދި ދުނިޔޭގައި ﷲ ލެއްވި އެންމެ ބޮޑު އެއް ނިއުމަތް-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފެނަކީ ﷲގެ ކުޅަދުންވަންތަ ކަމުގެ ވަރުގަދަ ދަލީލެއް ކަމަށާއި ފެނަކީ ބޮޑު ނިއުމަތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވި ހުތުބާގައި ބުނެފައި ވަނީ، ފެނަށް ރައްކާތެރިވެގެން ނޫނީ ހަޔާތް ރައްކާތެރި ނުކުރެވޭނެ ކަމަށެވެ.

ފެނަށް ރައްކާތެރިވެގެން ނޫނީ ތިމާވެށި ފެއްސެއް ނުކުރެވޭނެ ކަމަށާއި އެއަށް ރައްކާތެރިވެގެން މެނުވީ ކާބޯތަކެތި ނުހެއްދޭނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ މުސްލިމުން ފެނާ މެދު އަބަދުވެސް ވިސްނަން ޖެހޭނެ ކަމަށާއި އެ ނިއުމަތާ މެދު ގިޔާމަތްދުވަހުން އިންސާނާ އާ ސުވާލު ކުރެވޭނެ ކަމަށެވެ.

ފެނުގައި ހިމެނޭ އާދަޔާ ހިލާފު ކަންތައްތަކުގެ ތެރޭގައި ފެނުގެ ކަޘާފަތް (ޑެންސިޓީ) ހިމެނޭ ކަމަށާއި ފެނުގެ ކަޘާފަތް މިހާރުގެ މިންވަރަށް ވުރެ ބޮޑު ވެއްޖެ ނަމަ އެ ފެން ބިމުގެ އަޑިއަށް ގެބިގެން ދިޔުމުގެ ފުރުސަތު އޮތް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެންއަރުވާ ވަޑާމުގައި ކުޑަކުދިން މަޖާކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވި ހުތުބާގައި ބުނެފައިވަނީ އަޅުގަނޑުމެން ހުރިހާ މުސްލިމުން ވެސް ފެނުގެ ނިއުމަތަށްޓަކައި މާތްﷲ ސުބްހާނަހޫ ވަތައާލާގެ ހަޟްރަތަށް ބަހުންނާއި އަމަލުން ވެސް ޝުކުރު އަދާކުރަން ޖެހޭނެ ކަމަށެވެ.

ފެނުގެ ނިއުމަތަށް ރައްކާތެރިވާން ޖެހޭނެ ކަމަށާއި މައްކާ އަކީ އޭރު އެއްވެސް ފެހިކަމެއް އާރޯކަމެއް ނެތް ބިމަކަށް ވީނަމަވެސް އެ ރަށަށް ރައްޔިތުން ވަޒަންވެރިވާން ފެށީ އެ ރަށުގައި މުއުޖިޒާތެއްގެ ގޮތުގައި ޒަމްޒަމް ވަޅުކޮޅު ފާޅު ކުރެއްވުމުން ކަމަށް ވެސް މިއަދު އިއްވި ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ދުނިޔޭގެ މިއަދުގެ އާބާދީ އަކީ ހަތްހާސް ފައްސަތޭކަ މިލިއަން މީހުން ކަމަށާއި އެ އާބާދީގައި ވެސް ސާފު ބޯފެންފޮދަކާ ހަމައަށް ވާސިލް ނުވެވި ދެހާސް އެއްސަތޭކަ މިލިއަން މީހުންވާ ކަމަށެވެ.

"ފެނަކީ ނިއުމަތެއް. ހަޔާތަކީ ފެން. ދިރުމުގެ އަސާސަކީ ފެން. ފެން ނެތްތަނެއްގައި ދިރުމެއް ނުވާނެ،"

މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ފެނުގެ ނިއުމަތަކީ ރައްކާތެރިވާން ޖެހޭ އަގުބޮޑު ނިއުމަތެއް ކަމަށް މިއަދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވި ހުތުބާގައި ބުނެފައިވެއެވެ.

comment ކޮމެންޓް