ފަރުކޮއި ޕްރޮގްރާމް: ވިސްނުން ބަދަލު ކުރަން ރަނގަޅު ފެށުމެއް

މާލޭގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ފަރުކޮއި ޕްރޮގްރާމުގެ މައުލޫމާތު ދިނުމަށް ބޭއްވި ސެޝަނެއްގެ ތެރެއިން -- ފޮޓޯ/ ޓުވިޓާ

ގުދުރަތީ ގޮތުން ރާއްޖެއަށް ލިބިފައިވާ މުއްސަނދިކަމުގެ ރީތީ ވާހަކައަކީ ދައްކާ ކޮޅުން ނުލާނެ ވާހަކައެކެވެ. އަޅުގަނޑުމެންގެ ވަށައިގެންވާ ރީތީ މޫދާއި ގޮނޑުދޮށްތަކާއި އަދި ފަރުތައް ރާއްޖެއިން ބޭރު މީހުންގެ ހިތްތަކުން ވެސް ވަނީ އެންމެ ފުންމިނުން ޖާގަ ހޯދައިފަ އެވެ. އެ ރީތިކަމަކީ އަޅުގަނޑުމެންގެ ނަސީބާ ގުޅިފައިވާ ރަން ބިސް އަޅާ ކުކުޅު މިއަދާ ހަމައަށް ވެސް ދެމިއޮތުމުގެ އަސްލެވެ. ދިވެހިންނަށް ލިބިފައިވާ އެ ރީތިކަން ދެމެހެއްޓުމަކީ ވެސް ހަމަ ދިވެހިންގެ މައްޗަށް އޮތް ޒިންމާއެކެވެ.

ދާދިފަހުން އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ފެށި "ފަރުކޮއި" ޕްރޮގްރާމަކީ ތިމާވެށި، ހާއްސަކޮށް އަޅުގަނޑުމެންނަށް ލިބިފައިވާ ނާޒުކު ރީތި ފަރުތައް ރައްކާތެރިކުރުމުގެ މުހިންމުކަން އެންމެ ކުޑަކުދިންނަށް ވެސް ވިސްނައިދިނުމުގެ ގޮތުން އެ މިނިސްޓްރީން ފެށި ޕްރޮގްރާމެކެވެ.

"މިދިޔަ އަހަރު ފަހުކޮޅު ތަފާތު އެންޖީއޯތަކާއި ޑައިވް ސެންޓަރުތަކާ އެކު ކުރިއަށް ގެންދިޔަ ބްރެއިންސްޓޯމް ސެޝަންއެއްގެ ތެރެއިން އައި އައިޑިއާއެއްމީ. "ކޮއި" އަކީ އަޅުގަނޑުމެން ލޯބިން ކުޑަކުދިންނަށް ކިޔައި އުޅޭ ނަމެއް. އެހެންވެ "ފަރުކޮއި" މިނަން މި ޕްރޮގްރާމަށް ކީ،" އެޑިއުކޭޝަން މިނިސްޓްރީން ހިންގާ "އުފާ" ޕްރޮގްރާމްގެ ފަރާތުން ފާތިމަތު ސޯފިޔާ ރަޝީދު "ސަން" އަށް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ރަށްތައް ވަށައިގެންވާ ރީތި ނާޒުކު ފަރުތައް ބަލައިލުމުގެ ފުރުސަތު މިހާތަނަށް ލިބިފައި ވަނީ މަދުބަޔަކަށެވެ. ގިނަ ބަޔަކަށް މިހާތަނަށް ވެސް ހީވެފައި އޮންނަނީ ފަރުތައް ބަލައިލުމުގެ ފުރުސަތު ލިބޭނީ ހަމައެކަނި ޕްރޮފެޝަނަލް މީހުންނަށް ކަމަށެވެ. ފަރުކޮއި ޕްރޮގްރާމުން އެ ވަނީ އެ ވިސްނުން ބަދަލުކޮށްލައިފަ އެވެ.

ފަރުކޮއި ޕްރޮގްރާމު ރާއްޖޭގެ ބައެއް ސްކޫލުތަކުގައި މިހާރު ފަށާފައިވާ އިރު، މުހްޔިއްދީން ސްކޫލުން އެ ސްކޫލުގައި ކިޔަވާ 702 އަށް ވުރެ ގިނަ ދަރިވަރުންނަށް ފަރުތައް ވަނީ ދައްކާލައިފަ އެވެ.

ފަރުކޮއި ޕްރޮގްރާމްގެ ދަށުން މުހްޔިއްދީން ސްކޫލުގެ ދަރިވަރުން ފަރުތައް ބަލާލުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: ޓުވިޓާ

ކުރިން ވެސް ސްކޫލު ކުދިންނަށް ތިމާވެއްޓާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގާފައިވެ އެވެ. ނަމަވެސް "ފަރުކޮއި" ޕްރޮގްރާމް ހިންގަނީ އަދި މުޅިން ތަފާތު "ކޮންސެޕްޓް" އަކަށެވެ. ފަރުކޮއި ޕްރޮގްރާމްގެ އަމާޒަކީ ކުދިން ރާއްޖޭގެ ފަރުތަކަށް ލޯބި ޖައްސައިގެން އެފަރުތައް ހިމާޔަތްކުރުމަކީ ކޮންމެ ކުއްޖަކުގެ ފަރުދީ ޒިންމާއެއްކަން ވިސްނައިދިނުމެވެ.

"އަޅުގަނޑުމެން އެބަޖެހޭ ކުޑަކުދިންނަށް ފުރަތަމަ ފަރުތައް ދައްކާލަން، އެ ފަރުތައް ސާފުކުރުމާއި ހިމާޔަތްކުރުމުގެ ވާހަކަ ދެއްކުމުގެ ކުރިން. އެ ފަރުތަކަށް އެކުދިންގެ ހިތްތަކުގައި ލޯބި ޖެހިއްޖެއްޔާ ފަރުތައް ހިމާޔަތްކުރަން ވެސް ލޯބި ޖެހޭނެ." ސޯފިޔާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ ވާހަކަ ވެސް ހުރީ ހަމަ މިބީދައިންނެވެ.

"ކޮންމެ ކުއްޖަކަށް ސްނޯކަލް ކޮށްލާފައި ފަރު ފެނިގެން ދިޔުމުން އެކުދިންނަށް އެބަ ވިސްނޭ އަޅުގަނޑުމެންގެ ތިމާވެށީގެ މުއްސަނދިކަމާއި އެ ރައްކާތެރިކުރުމުގެ މުހިންމުކަން. އެކުދިން ލޯބިވާ އެއްޗެއް އެކުދިންނަށް ހިމާޔަތްކުރެވެނީ." މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އެއްވެސް ކުއްޖަކު ބާކީ ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ސިޔާސަތުގެ ދަށުން ސްކޫލުތަކުގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ވެސް ފަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.

ފަރުކޮއި ޕްރޮގްރާމްގެ ދަށުން ޖަމާލުއްދީން ސްކޫލުން ވަނީ ރީފިލް ބޮޓަލް ބޭނުންކުރަން ނިންމައިފައި -- ފޮޓޯ: ޓުވިޓާ

ފަރުކޮއި ޕްރޮގްރާމްގެ ހަމައެކަނި އަމާޒަކީ ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނަށް ފަރުތައް ދައްކާލުން އެކަންޏެއް ނޫނެވެ. އެ ޕްރޮގްރާމްގެ އަމާޒު ހުރީ ރާއްޖޭގެ ހުރިހާ ސްކޫލުތަކަކީ "ވޮއިސް ފޯ ދަ އޯޝަން" ސްކޫލުތަކަކަށް ހެދުމަށެވެ.

"ވޮއިސް ފޯ ދަ އޯޝަން ސްކޫލަކަށް ވެގެންދާނީ ދެ ކަމެއް ހާސިލްވެގެން. އެއް ކަމަކީ ސްކޫލުގައި ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުން. ދެން މި އަހަރު ނިމުމުގެ ކުރިން އެ ސްކޫލުތަކުން ހުރިހާ ދަރިވަރުންނަށް ފަރުތައް ދައްކާލަން ޖެހޭނެ،" ސޯފިއާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިމަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ނިންމައިފަ އެވެ.

ފަރުކޮއި ޕްރޮގްރާމްގް ދަށުން، ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރާނެ ފޮތިކޮތަޅު މުހްޔިއްދީން ސްކޫލުގެ ބެލެނިވެރިން ތައްޔާރުކުރަނީ -- ފޮޓޯ: ޓުވިޓާ

"އެންމެ ފުރަތަމަ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަނީ. މައިލޯ އާއި ޖޫސް ޕެކެޓުގެ ބަދަލުގައި ގެނެވޭނެ އެއްޗެއްސާ މެދު އަޅުގަނޑުމެން މިދަނީ ވިސްނަމުން. މިހާރު މިދަނީ ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވޭނީ ކޮންއެއްޗެއްތޯ ބަލަމުން. މިސާލަކަށް ފޮތިކޮތަޅު ނޫނީ ކަރުދާސް ކޮތަޅު. ބައެއް ސްކޫލުތަކުގައި ރާބަދި ވެސް މިހާރު ބޭނުންކުރަމުން އެބަގެންދޭ،" ސޯފިޔާ ވިދާޅުވި އެވެ.

ސޯފިޔާ ވިދާޅުވީ ރާއްޖޭގެ ސްކޫލުތައް "ވޮއިސް ފޯ ދި އޯޝަން" ސްކޫލުތަކަށް ވުމަށް ފަހު ވެސް ފަރުތައް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމުގެ އަމާޒު މިހާރު ހުރީ ރާއްޖޭގެ ގޮނޑުދޮށްތައް ވެސް ސްކޫލު ކުދިން ލައްވައި ސާފުކުރުމަށެވެ.

"މިހާރު ވެސް ރަސްފަންނު ސާފުކުރަން ސްކޫލަކުން ވަނީ ހަމަޖައްސާފައި،" ސޯފިޔާ ވިދާޅުވި އެވެ.

ޕްލާސްޓިކް ނައްތާލުމަށް ދުނިޔޭގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ޕާލޭގެ އެހީތެރިކަން ވެސް ފަރުކޮއި ޕްރޮގްރާމަށް ވަނީ ލިބިފަ އެވެ. އެގޮތުން ސްކޫލުކުދިން އެކި ވައްތަރުގެ ޕްލާސްޓިކް ކުނިތައް އެއްކޮށް "ކަލެކްޝަން ޕޮއިންޓް" އަކަށް ގެންދިޔުމުން ޕާލޭއިން އެކުނިތައް ރީސައިކައިލް ކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ސޯފިޔާ ވިދާޅުވި އެވެ.

ތިމާވެއްޓަށް ދިވެހި ދަރިވަރުން އާ ވިސްނުމަކުން ހޭލައްވާން އާމާޒުހިފާފައި ހުރި ފަރުކޮއި ޕްރޮގްރާމްއަކީ މިހާތަނަށް ސަރުކާރުން ނެގި ވަރަށް ރަނގަޅު "އިނީޝިއޭޓިވް" އެކެވެ. ހާއްސަކޮށް މީގެ ކުރިން ރާއްޖޭގެ ސްކޫލުތަކުގެ ހުރިހާ ދަރިވަރުންނަށް ތިމާވެއްޓާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައެއް ނުވެ އެވެ. މިއީ އަންނަން އޮތް ޖީލުތަކަށް ކޮށައިދެވުނު ރަނގަޅު މަގެކެވެ. ހަރުދަނާ ބިންގަލެކެވެ.

comment ކޮމެންޓް