ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ޒުވާން ޖީލެއް ބިނާ ކުރުމަށް ދަގަނޑޭގެ އެހީ ބޭނުންވޭ!

2016 ވަނަ އަހަރު އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފް ފުރަތަމަ ލެގުގައި ރާއްޖެ އާއި ލާއޯސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ސެޕްޓެމްބަރު މަހު ބަންގާޅުގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގު ބިނާ ކުރުމަށް ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ ބައިވެރިވުން ބޭނުންވާ ކަމަށް ގައުމީ ޓީމާ އަލަށް ހަވާލުވި ކޯޗު ޕީޓާ ސެގަޓް ބުނެފިއެވެ.

މީޑިއާއަށް ދީފައިވާ މެސެޖެއްގައި ސެގަޓް ބުނެފައިވަނީ ގައުމީ ކޯޗު ކަމާ ހަވާލުވެ ހުރީ ފަހުރުވެރިކަމާ އެކުގައި ކަމަށާއި އޭނާގެ މަސައްކަތް މިހާރުން މިހާރަށް ފަށައިފައިވާ ކަމަށެވެ.

ގައުމީ ޓީމުގެ ކޯޗަކަށް ސެގަޓް(ވ) ހަމަޖެއްސުމަށް އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މެސެޖުގައި ސެގެޓް ބުނެފައިވަނީ އޭނާގެ ފިލޯސޮފީއަކީ ވަރަށް ބޮޑަށް އިހުތިރާމާ ގުޅިފައިވާ ފިލޯސޮފީއެއް ކަމަށާއި އޭނާގެ މަސައްކަތަށް އެންމެ މުހިއްމީ ރާއްޖޭގައި ތިބި ޕްރޮފެޝަނަލް އަދި މޮޅެތި ކުޅުންތެރިން ކަމަށެވެ.

"އެފްއޭއެމްއާ އަހަރެން މަޝްވަރާތައް ކުރިއަށް ގެންގޮސްފިން ރާއްޖޭގެ ފުޓުބޯޅައަށް ދިމާވެފައިވާ ކަންކަމުގެ މައުލޫމާތު ހޯދުމަށް. މިކަންކަން ހައްލުކުރާނެ ގޮތެއް ހޯދުން އެންމެ މުހިއްމީ. އަހަރެންގެ މަގާމަކީ ވަގުތީ މަގާމެއް ނަމަވެސް ސަޕޯޓަރުންނަކީ އަބަދުވެސް ޓީމާއެކު ތިބޭނެ ބައެއް. އެހެންވީމަ ސަޕޯޓަރުންނާ އެންމެން ގުޅިގެން އެކަން ހައްލުކުރާނެ ގޮތެއް ހޯދުން މުހިއްމީ،" ސެގަޓްގެ މެސެޖުގައިވެއެވެ.

ސެގަޓް ބުނެފައިވަނީ ގައުމީ ޓީމު އަދި ގައުމީ ފުޓުބޯޅަ އެކިއެކި ލެވެލްގައި ކުރިއެރުވުމަށް ގައުމީ ޓީމުގެ ލީޑަރުންނާ ވާހަކަދައްކަން ޖެހޭ ކަމަށާއި އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ ކެޕްޓަން ދަގަނޑޭ ކަމަށެވެ.

"ކުރީ ދުވަހުގެ މެޗަށްފަހު ދަގަނޑޭއާ އަހަންނާ ދިމާވެ ވާހަކަތައް ދެކެވުނު. އަހަރެން ވަރަށް އުފާވި. ދަގަނޑޭ އެދުވަހު ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެކަންޏެއް ނޫން، ދަގަނޑޭ ދިވެހި ގައުމީ ޓީމަށް ކޮށްދީފައިވާ ހިދުމަތުގެ ސަބަބުން، އަހަރެން އޭނާއަށް އިހުތިރާމް ކުރަން. އެ ހިދުމަތް އަދިވެސް ލިބޭނެ ކަމަށް އުންމީދު ކުރަނީ،" ސެގަޓް ބުނެފައިވެއެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އިންޑިއާގެ އައިޒޯލް އެފްސީ އޭއެފްސީ ކަޕްގައި ކުޅުނު މެޗުގައި ދަގަނޑޭވަނީ ހެޓްރިކް ހަދައިފައެވެ.

ގައުމީ ޓީމަށް 50 އަށްވުރެ ގިނަ ގޯލް މިހާތަނަށް ކާމިޔާބުކޮށްފައިވާ ކެޕްޓަން އަލީ އަޝްފާޤު (ދަގަނޑޭ) އާއި ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެ، މިހާރު ރިޓަޔާކޮށްފައިވާ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) -- ސަން ފައިލް ފޮޓޯ

ސެގަޓް ބުނީ އޭނާ ދެކޭ ގޮތުގައި ދަގަނޑޭއަކީ މެޗުތަކުން ނަތީޖާ ނެރެވޭނެ ފެންވަރު ހުރި ކުޅުންތެރިއެއްގެ އިތުރުން ކުރިމަގަށް އަންނަ ޖީލަށް މަގު ދައްކައިދޭނެ ކުޅުންތެރިއާ ކަމަށެވެ.

"ދަގަނޑޭގެ ކިބައިގައި އެބަހުރި ހާއްސަ ރަނގަޅު ސިފަތަކެއް. އުންމީދު ކުރަނީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގެ އިތުރުން އޭގެ ފަހަށްވެސް ގައުމީ ޓީމު ލީޑު ކުރާނީ ދަގަނޑޭ ކަމަށް. ސަބަބަކީ ގައުމުގެ ކުރިމަގެއް ބިނާކުރުމަށް، ޖީލެއް އުފެއްދުމަށް ދަގަނޑޭ ފަދަ ކުޅުންތެރިއަކު ބޭނުންވާތީ،" ސެގަޓް ބުންޏެވެ.

ސެގަޓް މިހެން ބުނެފައިވާއިރު 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕް ކަމަށް ދަގަނޑޭވަނީ ބުނެފައެވެ. އެހެން ނަމަވެސް ނިއުއިން އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި ބަންގާޅުގެ ދާކާ އަބަހާނީއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެގައުމުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ދަގަނޑޭވަނީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ދާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.

ކްރޮއޭޝިއާއަށް އުފަން ޖަރުމަންގެ ސެގަޓްއަކީ މީގެ ކުރިން ޖޯޖިއާ އަދި އަފްގާނިސްތާންގެ ގައުމީ ޓީމުތަކުގެ ކޯޗުކަންވެސް ކޮށްފައިވާ މީހެކެވެ. އޭނާގެ މަސައްކަތް އެ ދެ ގައުމުގައިވެސް ފާހަގަކުރެވިފައިވަނީ ވަރަށް ބޮޑަށް ޓީމެއް ބިނާކުރުމުގެ ގޮތުންނެވެ. ހާއްސަކޮށް ޖޯޖިއާގެ ޒުވާން ޓީމަށް ސެގަޓް ނެރުނު ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއްވަނީ ގައުމީ ޓީމުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ.

ސެގަޓް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

comment ކޮމެންޓް