ހުޅުމާލޭގައި 7،000 ފްލެޓު އަޅާ 16 ޓަވަރުގެ ޕައިލިންގް މަސައްކަތް ނިންމާލައިފި

7،000 ހައުސިންގް ޔުނިޓު ހިމެނޭ 16 ޓަވަރު އަޅާ ސަރަހައްދުގެ މަންޒަރެއް --- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޅުމަށް ސަރުކާރުން ނިންމާފައިވާ 7،000 ހައުސިންގް ޔުނިޓު އަޅާ 16 ޓަވަރުގެ ޕައިލިންގް މަސައްކަތް ނިންމާލައިފިއެވެ.

ސޯޝަލް ހައުސިންގް މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7،000 ފްލެޓު އަޅަނީ، 25 ބުރީގެ 16 އިމާރާތުގައެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، 16 ޓަވަރުގެ ވެސް ޕައިލިންގް މަސައްކަތްތައް ނިމިފައިވާ ކަމަށާއި، އެމަސައްކަތް ނިމިފައިވަނީ ތާވަލުކުރެވިފައިވާ ތާރީޚަށް ވުރެ ވެސް ކުރިން ކަމަށެވެ.

މި 7،000 ހައުސިންގް ޔުނިޓު އަޅާކަން ފުރަތަމަ އިއުލާނުކުރެއްވީ މިދިޔަ އަހަރުގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި، ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއެވެ.

"މި ދައުރު ނިމުމުގެ ކުރީގައި މި 7،000 ހައުސިން ޔުނިޓަށް ވަންނާނެ މީހުން ކަނޑައަޅައި އެ 7،000 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކާ އެ ތަން ހަވާލު ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލޭގައި އަޅާ 7،000 ފްލެޓުގެ ތެރެއިން 1،000 ފްލެޓު ޚާއްސަކުރަނީ ސިވިލް ސާވިސް މުވައްޒަފުންނަށެވެ.

މި މަޝްރޫއުގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން ސަރުކާރުން ދަނީ "ހިޔާ މަޝްރޫއު"ގެ ނަމުގައި ބޮޑު ހައުސިންގް ޕްރޮޖެކްޓެއް ފަށައިފައެވެ. ހިޔާ މަޝްރޫއުގެ ދަށުން 36 ޓަވަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ އިރު، ސަރުކާރުގެ އަމާޒަކީ އެ ޓަވަރުތަކުގައި އަޅާ ޖުމްލަ 10،080 ހައުސިންްގް ޔުނިޓުން 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

comment ކޮމެންޓް