ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފި

ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުގެ ތެރެއިން ---

ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2018ގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖު ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ނުވައެއްގައެވެ. ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 65،000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގައި މިއަހަރު ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލިކަން އިއުލާން ކޮށްދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނާއި ޔޫތު މިނިސްޓްރީ މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން ---

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވިދާޅުވީ މިއަހަރުވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ލިބިގެންދާނެ ކަމަށެވެ.

"މިއަހަރުވެސް މާލެ އަދި ފުއައްމުލަށް ސިޓީ ފިޔަވާ ކޮންމެ ރަށަކުންވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމު މުބާރާތުގައި ބައިވެރިކުރުމަށް ފުރުސަތު ލިބޭނެ. މާލެއާއި ފުއައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ނެރުމަށް މިވަނީ ހުޅުވާލާފައި. މިއީ ކުރީ އަހަރުވެސް ހުޅުވާލި ގޮތް. މިއަހަރުވެސް ރަށްރަށް ބައިވެރިކުރުވާއިރު އިސްކަން ދޭނީ ފުރަތަމަ ފޯމު ހުށައަޅާ ޓީމަށް،" ސަން ސްޕޯޓްސްއަށް މައުލޫމާތު ދެމުން ރިލުވާން ވިދާޅުވިއެވެ.

ރިލުވާން ވިދާޅުވީ މިއަހަރުގެ މުބާރާތަށްވެސް ޔޫތު މިނިސްޓްރީގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭން އެއްބަސް ވެވިފައިވާ ކަމަށާއި ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ މުބާރާތެއް ކަމަށް މިސްޓަރު އިރުތިޝާން ވިދާޅުވި ކަމަށެވެ.

ރިލުވާން ވިދާޅުވީ މުބާރާތުގައި ބައިވެރިވުމަށް 9994470 ގުޅާލުމުން ފަހުގެ މައުލޫމާތު އަދި ފޯމު ލިބޭނެ ކަމަށައި މުބާރާތުގެ ސްޕޮންސާޝިޕަށްވެސް ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށެވެ.

މިދިޔަ އަހަރު 50 ޓީމަކާއެކު ކުރިއަށްދިޔަ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހެންވޭރެވެ. ހެންވޭރު ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އައްޑޫ ސިޓީ ފޭދޫ ބަލިކޮށެވެ.

މިއަހަރަކީ ގޯލްޑަން ފުޓްސަލް ޗެލެންޖު މެދުނުކެނޑި ބާއްވާތާ ތިންވަނަ އަހަރެވެ. މިއަހަރުވެސް މުބާރާތުގެ ޓައިޓަލްސް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. މީގެ ކުރިން ބޭއްވި ދެ މުބާރާތުގެވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް