ހަވާއެރުވުން: ބަލާލަން ރީތި ބުރަ މަސައްކަތް، ތިމާވެއްޓަށް ގެއްލުން!

ރާއްޖޭގައި ހަވާ އަރުވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ޒަމާނުއްސުރެ ހަވާ ނޫނީ "ފަޔަވޯކްސް" އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި މުނާސަބާތައް ފާހަގަކޮށް އުފާ ކުރަން ބޭނުންކުރާ އެއްޗެކެވެ.

ޗައިނާ މީހުން ޒަމާނުއްސުރެ ހަވާ އަރުވަނީ ނުބައި ލޯތަކުން ސަލާމަތްވުމަށް ކުރާ ކަމެއްގެ ގޮތުގައެވެ. އިންޑިއާގައި ހަވާ އަރުވަނީ އެމީހުންގެ އީދު، ދިވާލީ އާ ގުޅިގެންނެވެ. ރަޝިއާއާއި ޔޫރަޕުގެ ގައުމުތަަކުން ހަވާ އަރުވަނީ ހަނގުރާމަތައް ނިމުމާ ގުޅުވައިގެންނެވެ.

ރާއްޖޭގައި މި ފަހަކަށް އައިސް އެކި މުނާސަބަތުތަކާ ގުޅުވައިގެން ހަވާ އެރުވުމަކީ ކުރާ ކަމެކެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރީތި މަންޒަރުތަކެއް ފެންނަ ހަވާ އެރުވުމަށް ބުރަ އަދި ގިނަ މަސައްކަތްތައް ކުރަންޖެހެއެވެ. ޗައިނާގެ އެންމެ ބޮޑު ފަޔާވޯކް އުފައްދާ ކުންފުނީގެ ޑިރެކްޓާ އޮފް ޕްރޮޑަކްޝަން ވިދާޅުވާގޮތުގައި އެކުންފުނިން އަހަރަކު 30000 އަށް ވުރެ ގިނަ ފަޔާވޯކް ޑިސްޕްލޭ އެކްސްޕޯޓުކުރެއެވެ. މިތަކެތި އެކުންފުނިންް އުފައްދަނީ މެޝިނަރީ އަކާ ނުލައި އަތުންނެވެ.

ރާއްޖޭގައި ހަވާ އަރުވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ފަޓާސް ގޮއްވަން ބޭނުންކުރާ ބަޑިބޭސް އެންމެ ފުރަތަމަ އުފެއްދީ މީގެ 2000 އަހަރު ކުރިން ޗައިނާގައެވެ. މިހާރުވެސް އެންމެ ގިނަ އަދަދަކަށް ބަޑިބޭސް އުފައްދައި، އެކްސްޕޯޓުކުރަނީ އެ ގައުމުންނެވެ. އެމެރިކާގެ މިނިވަންދުވަސް ފާހަގަކުރުމަށް ބޭނުންކުރާ ބަޑިބޭހުގެ 90 ޕަސެންޓަކީ ޗައިނާއިން އިމްޕޯޓުކޮށްގެން ބޭނުންކުރާ އެއްޗެއްސެވެ.

ކޮންމެ ފަޓާހެއްގައި ގޮވާޒާތުގެ ކުދި އެތިކޮޅުތައް ހިމެނެއެވެ. މިއީ ހަވާއަރުވާއިރު ފެންނަ ރީތި ކުލަތަކެވެ. މި އެއްޗެހި ބަޑިބޭހާ އެއްކޮށް ކަރުދާހަށްލައި ފިޔުޒަކަށް ލައި ފިޓުކުރެއެވެ. އެކި ޑިޒައިނަށް ކަސްޓަަމައިޒްކޮށްގެންވެސް ހަވާ އުފައްދައެވެ.

ރާއްޖޭގައި ހަވާ އަރުވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މިއީ ބަލަން ރީތި މަންޒަރެއް ނަމަވެސް މިއީ އޭގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުން ލިބޭ ކަމެކެވެ. ފަޓާސް ނުވަތަ ހަވާތައް ގޮވާއިރު އަރާ ދުމަކީ ވައި ނުސާފުކުރާ އެއްޗެކެވެ. ވައި ނުސާފުވުމުގެ ސަބަބުން ޗައިނާގެ 400 ސަރަހައްދެއްގައި މިހާރު ފަޓާސް ގޮއްވުމާއި ހަވާއެރުވުން ވަނީ މަނާކޮށްފައެވެ.

ފަޓާސް އުފައްދާ ފެކްޓްރީ ތަކުގައި އެއްޗެހި ގޮވައި، ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން 2014 ވަނައަހަރު ޗައިނާގެ ފެކްޓްރީ އެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 12 މީހުން ވަނީ މަރުވެފައެވެ. 2016 ވަނަ އަހަރުވެސް އެގައުމުގެ ފަޓާސް އުފައްދާ ފެކްޓްރީއެއްގައި މިފަދަ ހާދިސާއެއް ވަނީ ހިނގައިފައެވެ.

ފަޓާހާއި ހަވާ އުފައްދާ މީހުން އެ ކަމުގައި ބުރަ މަސައްކަތް ކުރި ނަމަވެސް، އެތަކެތި ގޮއްވުމުގައި އެ މީހުންގެ އެއްވެސް ދައުރެއް ނޯވެއެވެ.

comment ކޮމެންޓް