ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް ނުވަންނަން ނިންމީ ވިސްނާފައި: އިންޑިއާ އާމީ ޗީފް

އިންޑިއާގެ އަސްކަރިއްޔާގެ ޗީފް، ޖެނެރަލް ބިޕިން ރަވަތް -- ފޮޓޯ: ޕީޓީއައި

ދިވެހިރާއްޖޭގެ ސިޔާސީ މައްސަލަތަކުގެ ތެރެއަށް ނުވަންނަން އިންޑިއާ އިން ނިންމީ ރަނގަޅަށް ވިސްނާފައި ކަމަށް އިންޑިއާ އަސްކަރިއްޔާގެ ޗީފް، ޖެނެރަލް ބިޕިން ރަވަތް ވިދާޅުވެއްޖެ އެވެ.

ޖެނެރަލް ރަވަތް އެފަދައިން ވިދާޅުވީ ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރުމާ ގުޅިގެން ސިޔާސީ މަސްރަހު ހަލަބޮލިވި ދަނޑިވަޅުގައި އިންޑިއާއިން ފިޔަވަޅު އަޅަން ޖެހޭތޯ ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"ރާއްޖޭގެ ކަންތައްތަކުގެ ތެރެއަށް އިންޑިއާއިން ނުވަނުމަށް ނިންމީ އެކަމާ ބެހޭ ގޮތުން ވަރަށް ރަނގަޅަށް ވިސްނާފައި ކަމަށް އަޅުގަނޑަށް ޔަގީން. އެއީ ރަނގަޅު ނިންމުމެއްތޯ ނޫންތޯ އެނގޭނީ އަދި ފަހުން،" ޖެނެރަލް ރަވަތް ވިދާޅުވި އެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން އިންޑިއާ ސިފައިން ރާއްޖެއަށް ފޮނުވުމަށް އެގައުމުން ތައްޔާރުވި ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ވަނީ އިންޑިއާ ސިފައިން ރާއްޖެއަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް