ޓޫރިޒަމް ދާއިރާގައި އަންހެނުން ބާރުވެރިކުރުވަން މަޓާޓޯއާ ވިމެން އިން މެނޭޖްމެންޓް ގުޅިއްޖެ

ކ-ވ: ވިމެން އިން މެނޭޖްމެންޓްގެ ސެކްރެޓަރީ ޖެނެރަލް ރިޒްމާ ރަޝީދު، މަޓާޓޯގެ ޑެޕިއުޓީ އެސްޖީ އަސްރާ ނަސީމް، ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސްގެ ރައީސާ މިންހާ ފާއިޒް -- ފޮޓޯ/ ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސް

ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރުކޮށް، ބާރުވެރިކުރުވުމަށްޓަކައި ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސް (ވިމް)އާ މަޓާޓޯ ގުޅިއްޖެއެވެ.

މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް (އަސޫ) "ސަން"އަށް މިއަދު ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ދައުރު ރާއްޖޭގައި ވަރަށް ކުޑައެވެ.

އަދި އެ ދާއިރާގައި ދިވެހި އަންހެނުންނަށް ހުރި ފުރުސަތުތައް ގިނަ ފަރާތްތަކަށް ނޭނގޭ ކަމަށާއި، ދާއިރާއަށް ވަނުމަށް އަންހެނުން ޖެހިލުންވެސް ވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، ޓޫރިޒަމްގެ ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ، އަންހެނުން ބާރުވެރިކުރުމުގެ ކެމްޕޭނެއް މަޓާޓޯއާއި ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސް ގުޅިގެން ހިންގުމަށް ނިންމާފައިވާ ކަމަށް އަސޫ ވިދާޅުވިއެވެ.

"ފުރަތަމަ ކަމެއްގެ ގޮތުން، މި އިންޑަސްޓްރީގެ ތަޖުރިބާކާރުންނާ އެކު މާލެ ކައިރީ ރަށްރަށުގެ ސްކޫލުތަކަށް ޒިޔާރަތްކޮށް، އެ ސްކޫލުތަކުގެ އަންހެން ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކެއް ހިންގަން ވަނީ ރާވާފައި،" އަސޫ ވިދާޅުވިއެވެ.

މަޓާޓޯއިން މިއަހަރުގެ ތެރޭގައި އަންހެނުންގެ ތަރައްގީއަށާއި، ޓޫރިޒަމް ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ތަފާތު، ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވެއެވެ.

އޭގެ ތެރޭގައި، އަންނަ ހަފްތާގައި "ލީޑާޝިޕް އެންޑް މެނޭޖްމަންޓް ސްކިލް ފޯ ވިމެން"ގެ ނަމުގައި މަޓާޓޯއިން ޓްރެއިނިންގްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ސްރީލަންކާގެ މެކުއަޔަ ރެންސް އެންޑް ޖޯންސްއާ ގުޅިގެން، އަންނަ ބުދަ ދުވަހު ބާއްވާ މި ޓްރެއިނިންގް ވިމެން އިން މެނޭޖްމެންޓުން ވަނީ އެންޑޯޒް ކޮށްފައެވެ.

comment ކޮމެންޓް