އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތީ ޓެސްޓު ކުރެވިފައިވާ ގުޅުމެއް: އިންޑިއާ

އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ރިޓަޔާޑް ޖެނެރަލް ވިޖޭ ކުމާރު ސިންހު ވަނީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮތީ ޓެސްޓު ކުރެވިފައިވާ ގުޅުމެއް ކަމަށް ވިދާޅުވެފައި -- ފޮޓޯ: ޕީޓީއައި

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތީ ދުވަސްވީ އަދި ޓެސްޓް ކުރެވިފައިވާ ގުޅުމެއް ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ރިޓަޔާޑް ޖެނެރަލް ވިޖޭ ކުމާރު ސިންހު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސިންހު އެފަދައިން ވިދާޅުވީ އިންޑިއާ އާއި އަވަށްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުންތައް ދެމެހެއްޓުމަށް އެގައުމުން އާ ސިޔާސަތެއް ބޭނުން ކުރަން ފެށިތޯ އާއި އެސިޔާސަތުގެ ސަބަބުން ގުޅުންތަކަށް ބަދަލު އައިތޯ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސިންހު ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތީ ދުވަސްވީ ގުޅުމެއް ކަމަށާއި އެއީ ދެގައުމުގެ ހަމަޖެހުމަށާއި ތަރައްގީގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ވިދާޅުވެފަ އެވެ.

އަދި ފާއިތުވި ހަތަރު އަހަރު ތެރޭގައި އިންޑިއާ އިން ވަނީ ރާއްޖޭގައި ޑިމޮކްރެޓިކް މުއައްސަސާތައް ގާއިމު ކުރުމަށާއި ގާނޫނީ ވެރިކަމެއް ދެމެހެއްޓުމަށް ހިތްވަރުދީފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ދެ ގައުމުން މަތީ ފަންތީގެ ބައްދަލުވުންތައް ބާއްވައި ދިފާއީ އަދި ސަލާމަތީ ދާއިރާއިން އެއްބާރުލުންދޭ މިންވަރު އިތުރުކޮށް، އިންޑިއާ އިން ރާއްޖެއަށް ސިއްހީ އަދި ތައުލީމީ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން ދީފައިވާ ކަމަށް މިނިސްޓަރު ސިންހު ވިދާޅުވި އެވެ. އޭގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަނީ ވަރުގަދަވެފައި ކަން ވެސް ސިންހު ފާހަގަ ކުރެއްވި އެވެ.

ދެހާސް ބާރަ ވަނަ އަހަރު ރާއްޖެ އިން ޖީއެމްއާރު އެގްރިމެންޓު ބާތިލު ކުރުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ހީނަރުވެގެން ދިޔަ އެވެ. އަދި ޗައިނާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރި ފަހުން އިންޑިއާ އާ އެކު އޮންނަ ގުޅުމަށް ބުރޫ އަރާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، ދެގައުމުގެ މެދުގައި އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް