ނޭޕާލަށް ބޯޓު ވެއްޓުނު ހާދިސާގައި ޒަހަމްވި ފަސިންޖަރެއް ފަރުވާއަށް ސިންގަޕޫރަށް

ކަތުމަންޑޫ އެއާޕޯޓަށް ވެއްޓުނު ޔޫއެސް ބަންގްލާ އެއާލައިނުގެ ބޯޓު--ފޮޓޯ: ކަތަމަންޑޫ ޕޯސްޓު

ކަތުމަންޑޫ (15 މާޗް): ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއަށް ވެއްޓުނު ބޯޓުުގެ ހާދިސާގައި ޒަހަމްވި ފަސިންޖަރަކަށް ފަރުވާ ދިނުމަށް ސިންގަޕޫރަށް ގެންގޮސްފިއެވެ.

އެ ހާދިސާގައި ހަށިގަނޑުގެ ވަރަށް ބޮޑު ބައެއް އަނދައިފައިވާ ފެސިންޖަރެއް ކަމަށްވާ ޑރ. ރިޒްވާނުލް ހައްގުގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅު އިތުރު ފަރުވާއަށް ރޭ ސިންގަޕޫރުގެ ޖެނެރަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އެ ގައުމަށް ގެންގޮސްފައިވާ ކަމަށެވެ.

ރިޒްވާނު ސިންގަޕޫރަށް ގެންދިޔައީ ޔޫއެސް ބަންގްލާ އެއާލައިންގެ ހަރަދުގައި ކަމަށްވެސް ރިޒްވާނުގެ ބައްޕަ ބުންޏެވެ. އަދި ބުނީ އޭނާގެ ދަރިފުޅުގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އަދި ދަރިފުޅުގެ ހަށިގަނޑުގެ 40 ޕަސެންޓް ފިހިފައިވާ ކަމަށެވެ.

ނޭޕާލްގެ ރަންގްޕޫރު މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި އެސިސްޓެންޓް ރެޖިސްޓްރާއެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ރިޒްވާން މިހާތަނަށް ފަރުވާ ދެމުންގެންދިޔައީ ކަތުމަންޑޫގެ އޯއެމް ހޮސްޕިޓަލުގައެވެ.

ރިޒްވާނުގެ އަންހެނުންވެސް ބޯޓުން ދަތުރުކުރިއެވެ. އެ ހާދިސާގައި އަންހެނުން ވަނީ މަރުވެފައެވެ.

ހޯމަ ދުވަހު ހިނގި އެ ހިތާމަވެރި ހާދިސާގައި ބޯޓުން ދަތުރުކުރި 70 މީހުންގެ ތެރެއިން 50 މީހުން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ބަނގުލަދޭޝްގެ 26 މީހުން ހިމެނެއެވެ.

comment ކޮމެންޓް