ނާހިދަކީ ތިޖޫރީއެއް ފަޅައިލި ވަގެކެވެ. ހަޔާތުގެ ބޮޑުބައެއް ހޭދަކުރީ ހަށިގަނޑުގެ ގުނަވަނަކަށް ވެގެން އުޅުނު ދަގަނޑު ބިޑިއާއެކު ޖަލުގޭގެ އެވެ. ވައްކަން ކުރަން ގޭގޭގެ ފެންލައިޓާއި ކުޑަދޮރުން ހުރަސް ކުރި އަދަދު ގުނާކަށް ނޭނގެ އެވެ. ކުޑަ ދޮރެއް ކައިރީގައި މަޑު ކޮށްލައި ބޭރު ބަލައިލައިން ހުރި ހަދާނެއް ވެސް ނެތެވެ.

ނާހިދަށް ދެ ވަނަ ފުރުސަތެއް ލިބި، މިނިވަން ވެގެން ގެއަށް އާދެވުނީ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ގެއަށް އައިސް ވެސް ކުޑަ ދޮރު ކައިރީގައި ހުރެވެނީ ޖަލުގެ ތޭރިތަކުގެ ބިއްދަށުގައި ފަސް އަހަރު ވަންދެން ހުރި ގޮތަށް ދެ އަތް ފުރަގަހަށް ލައިގެނެވެ. އެ އާދަ ކަށީގައި ހިފާފައިވާތީ އެވެ. އެއީ ނާހިދުގެ ހަޔާތުގެ ފިނިބުރެވެ.

ނާހިދަކީ މިނިވަނެކެވެ. އެކަމަކު ބޭރަށް ނުގޮސް ގޭގައި ހުންނަނީ ދެވަނަ ފުރުސަތުގައި ރަނގަޅުވާން ވެގެނެވެ. އެކަމަކު ފަސް އަހަރު ޖަލު އަހުވައިގައި އުޅުނު އުޅުމަށް ވުރެ، އަމިއްލަ ގޭތެރެ، ފޫހިވެފައި ބަލާ ބޮޑެވެ. ނާހިދަށް ވެސް ސަތޭކަ އަކަފޫޓު ލިބޭ ގޭތެރޭގައި ނާހިދާ އެއްލޭ ހިނގާ މީހުން ވެސް ދެކެނީ އާއިލީ ވަގުގެ ގޮތުގަ އެވެ. ބަލަނީ ވަގު ލޮލުންނެވެ. އެއް ގޭތެރޭގައި ނާހިދަށް ފިލައި، ތަކެތި ވެސް ފޮރުވައިގެން އުޅޭހެން ހީވެ އެވެ. ނާހިަދަށް އޮތީ އަމިއްލަ ގޭގައި ބީރައްޓެއްސަކަށް ވެގެން ހުންނާށެވެ. މިދިއަ ހަތް ދުވަހު ވެސް ގޭގައި ނާހިދުގެ އެކުވެރިޔަކީ ކޮޓަރީގެ ކުޑަދޮރެވެ. ޖަލުގައި ވެސް އުޅޭ ގޮތަށް ރީތިވެ އަވި އައިނު އަޅާލައިގެން ކުޑަދޮރުން ބެލުން ނޫން ކަމެއް ނާހިދަކަށް ނެތެވެ.
ނިމިގެންނޭ ފަނާވެދަނީ!
ދޭތި ވޭނުން އަރާމް ނުވާ!
ނުވަނީ ދިރުމާ އަރާމާ ކަލާޔާ ނުލާ!
ދުރުން އިވެން ފެށި ލަވަޔާއެކު ނާހިދު ބަލައިލި އެވެ. ހަރުދަނާ ކަމާއެކު ލޯ ހުޅުވައިލި އެވެ. ޖެހިގެން ހުންނަ ގެއިން ނާހިދުގެ ކޮޓަރިއާ ދިމާވާ ކޮޓަރި އޮތީ ދޮރުފޮތި ކަހާލައި ރަން އައްޔަކުން ދިއްލާލާފަ އެވެ. ހިސާބަކަށް ހުޅުވާލާފައިވާ ކުޑަދޮރުން ފެންނަ އިސްކޮޅު ވަރުގެ ލޯގަނޑުގެ ތެރެއިން އަންހެން ކުއްޖަކު ފެނެ އެވެ. ދެމެދު އެހާ ދުރެއް ނޫނެވެ. ހަމަ ރީއްޗަށް ފެނެ އެވެ. މޭ މަތިން ބައެއް ފެންނަވަރަށް ހުދު ކުލައިގެ ތުވާއްޔަކާ އޮޅިގެން ހުރި ދޮން އަންހެން ކުއްޖާ ހެޔާޑްރެޔާއަކުން ބޯ ހިއްކާއިރު ބުޅި އިސްތަށިގަނޑު ވިހުރިވިހު އެ ކޮޓަރީގެ ތެރެއިން އިވޭ ލަވަޔަށް ނަށަމުން ދެއެވެ.

ވާތީއޭ ތަފާތު އާޝިގާ !
ދޭހާ އަރާމް މިއޭ އެ ހިތާ!
ވާނީ ދިރުމާ ސަލާމާ ކާލާއާއެކުގާ!

ޖަލުގެ ތެރޭރިތަކުން ދުވާލު ބޭރު ބަލާއިރު ހާމަ އުޑެއް ނުފެނެ އެވެ. ހަމަ ބިމެއް ނުފެނެ އެވެ. ސާފު ދުރެއް ނުފެނެ އެވެ. ފިނިވައެއް ނުލިބެ އެވެ. ރޭގަނޑުވުމަކީ ކަނުބަނުމެކެވެ. އަނދިރިގަނޑެއް ނޫން އެއްޗެ ބަލާކަށް ނުލިބެ އެވެ. އެކަމަކު މިރޭ ތަފާތުވެޖެ އެވެ. ދުރުން އަންނަ ލަވަޔާއި އެ ލަވަޔާއެކު ފެންނަން މަންޒަރުން ހަޔާތުގައި އަދި މިކަހަލަ ވަގުތުކޮޅެއް ނާދެއޭ ނާހިދުގެ ހިތަށް ވެދެ ހަށިގަނޑުގެ ގަނޑުފިލުވައިފި އެވެ.
"ވާތީއޭ ތަފާތު އާޝިގާ..." އެ އަންހެން ކުއްޖާގެ ކަނދުރާ މަތިން މޭ މައްޗަށް އެލިގަނެގެން އޮތީ ނޫ ޖަވާހިރެއް ޖެހި ރަން ހިތެކެވެ. ކުޑަކުޑަ ތުނިތުނި ހިތެކެވެ. ކޮޓަރީގެ ރަން އައްޔަށް ފަށާއި ހިތް އިރުއިރުކޮޅާ ވިދައިގެންފައި ދޮން މޭމެތީގައި ހޭކިލާފައި އަޑިކޮޅެއްގައި ހިމޭން ވެއެވެ. އެ މަންޒަރު ނާހިދަށް ވަރަށް ކަމު ހިންގައްޖެ އެވެ. ހަށިގަނޑު ވާންވެއްޖެ އެވެ. ކޮޓަރިތެރެއިން ނުކުމެގެން އަންނަ ލަވަ ވެސް ސަޅި ވެއްޖެ އެވެ. ސާފުކޮށް ބޮޑު މަންޒަރު ބަލައިލުމަށް ކުޑައިކޮށް ކޮރާލައި ކަރު ދަމާލެވިއްޖެ އެވެ.

ނާހިދު ވިސްނާލި އެވެ. ވަގަކަށް ވެގެން ޖަލަށް ގެންދިޔައިރު އެ ކޮޓަރީގައި އުޅެނީ ފަލަކުގެ ބައްޕަ އެވެ. އަބަދު ވެސް ގެއަށް އައިސް ނާހިދުގެ ޝަކުވާ އޮއްސާ މުއްސަނދި ޒާހިރެވެ. ނާހިދުގެ ނަޒަރުގައި ޒާހިރުގެ ހިތުގައި އޭނާއާމެދު ހަސަދަވެރި ކަމެއް އޮވެ އެވެ. އެ ރުޅިގަނޑު ބާލަނީ ލޯތް ބަކަށް ބަދަލުވެފައިވާ ގުޅުމެއް ބާއްވާތީ އެވެ. ކުޑައިރު ފަލަކާއެކު އެގެއަށް ދާން ފެށުނީ ގޯޅިތެރެއިން އުފެދުނު ގާތް ކަމުގަ އެވެ. އެގެއިން އަބަދުވެސް ބޭރުކޮށްލަނީ ވައްކަމެއް ބޮލު އަޅުވާފަ އެވެ. ހަނދާންވި އެވެ. އެއްދުވަހަކު ގޯޅިގަނޑުގެ ތެރޭގައި ވާހަކަ ދައްކަން ތިއްބާ ފަލަކުގެ މަންމަ އައިސް ބަވައިގެންފައި ދަމާހަލާ ފަލަކު ގޭތެރެއަށް ވެއްދި އެވެ. އެތަނަށް ޒާހިރު ނުކުމެ ދެ ކޯފުއްޕާލައި ފިޔޮށް ކުކުޅެންހެން ފުފިގެންފައި އެގޭ އަލާމާރިން ފަންސާސް ރުފިޔާ ވަގަށް ނެގީއޭ ވެސް އަޑުގެ ކޮޅަށް ގޮވައިލި އެވެ.

"ފަލަކަށް ނޭނގިގެން ތިއުޅެނީ ކީއްވެގެންތަ؟ މީހެއްގެ ޖަވާހިރެއް ވަގަށް ގެންދަންވެސް އޭނަ ފަހަކަށް ނުޖެހޭނެ!" ޒާހިރު އޭނާގެ ބޮޑާ ކަމުގައި ފަލަކާ ދިމާއަށް އަތް އުކައިގަތެވެ. އެދުވަހު ޒާހިރު އުޅުނު ފާޑުން ނާހިދާއި ފަލަކާ ދެމެދު ދުރުކަމެއް އުފެދުނެވެ. ގޯޅިިގަނޑުގައިތިބޭ ތަނުގައި އޮންނަ ފިލާގަނޑުގައި ފަލަކު "ސޮރީ" އޭ ލިޔުނު ނަމަވެސް ބަލަބަލާ ތިއްބާ ދުރުކަމުގެ ރާސްތާ ދިޔައީ ދިގު ވަމުންނެވެ.

އެއީ ނާހިދާ ފަލާކާ ދެމެދު ގުޅުމެއް އުފެދެމުން ދަނިކޮށް ދެމެދަށް އެރި އުސް ފަރާކެވެ. އެ ފާރު ބޮލަށް ވެއްޓުނީ ފަލަކުމެންގެ ގޭގައި ހުންނަ އޮފީހެއްގެ ތިޖޫރީ ފަޅައިލި މައްސަލަ ނާހިދުގެ މައްޗަށް ސާބިތުވެ ޖަލަށް ދާންޖެހުމުންނެވެ. ނާހިދު ތިޖޫރީ ފަޅައިލި އެވެ. ނާހިދު ގަބޫލު ކުރާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރާނެ ފުރުސަތު ފުލުހުންނަށް ލިބުނީ ފަލަކު ބައްޕަ ފުލުހުން ގާތަށް ގޮސް ތުހުމަތުގެ އިނގިލި ދިއްކޮށް އޭނާއަށް ލިބުނު ދެވަނަ ފުރުސަތުގެ ބޭނުންކޮށްގެނެވެ.

ހަޔާތުގެ ތަސްވީރު ފޮތުގައި ހިމެނޭ ފަލަކުގެ ގަނޑުތައް ނާހިދު ކުރިމަތިން ނިއުޅިގަތުމާއެކު އެންމެ ބޮޑަށް ހިތަށް ވެރިވީ ފަލަކުގެ ދޮން ހަށިގަނޑެވެ. ހެދެމުން އައި އެ ހަށިގަނޑުގައި ނާހިދަށް ވަނީ ވަރަށް ގިނައިން ވަނީ އަތްލެވިފަ އެވެ. އެއް ދުވަހަކު ކޮއްޕާ ގަޅުވާ ހަދަނިކޮށް ފަަލަކު ވެއްޓި ކަނާތުފައިގެ ކުޑަކަޅުވާގައި އުފެދުނު ޒަހަމަކީ ނާހިދުގެ ހިތުގައި ލީ ޒަހަމަކަށް ވި އެވެ. ލޭ މަނާ ކުރަން ފަލަކުގެ ކުޑަކަޅުވާގައި ހިފަހައްޓާ ފިރުމުނު ގޮތް މިހާރުވެސް ފެންނަ ކަހަލަ އެވެ. ފަހުން އެތަނުގައި ލީލަކުނު ބައިރުފިޔާއެއްހެން ބޮޑުވެ އޮފު ވެފައި ހުއްޓާވެސް ނާހިދު ފިރުމައި ދިނެވެ.

ކުއްލިއަކަށް ނާހިދު ބަލައިލި އެވެ. ފަލަކަށް ވެސް ނާހިދު ފެނިގެން ސިއްރުން ބަލައިލަނީ އެވެ. ދުރުން ފެނުނު އެ މޭމަތިން ޖަވާހިރުގެ ކުޑަ ހިތް ވިދައިގަތެވެ. ހިނދުކޮޅެއްގެ ތެރޭގައި ކޮޓަރީގެ ދޮރު ފޮތިގަނޑު ދަމާލި އެވެ. ހިތަށް އެރިއެެ. އަދި އެއް ފަހަރު ބަލައިލާނެ ނަމަ އެވެ.

ފަލަކަށް އަހަރެން ނޭނގުނީބާ؟ ވަގަކަށް ވީމަ ދެކެން ބޭނުން ނުވީކަން ނޭނގެ! ނާހިދު ވިސްނައިލި އެވެ.

ހިސާބަކަށް ކަނިލާފައި ބޯކޮށް ވާރޭކޮޅެއް ވެހުމަށް ފަހު ރޭގެ ބޮޑު ބައެއް މަރުވެގެން ހިންޖެ އެވެ. އެހުރިހާ އިރެއް ވަންދެން ނާހިދު ކުޑަ ދޮރުން ބޭރު ބަލަން ހުއްޓެވެ. ކިތަންމެ އަނދިރިއަސް ނާހިދަށް ބެލެނީ ހަތަރެސްކަން ގޮޅިކަށް ހިސާބަކަށް ދިލިފައިވާ ކުޑަދޮރާ ދިމާއަށެވެ. ވިސްނަމުން ދެވުނީ ފަލަކާ މެދު އެވެ. ކިތަންމެ އިރަކު އެވެ. ކަމެއް ކުރުމުގެ ކުރިން އެތަކެއް ކަމަކާމެދު ވިސްނަން ޖެހޭ ކަމަށް ނާހިދު ސަޕޯޓް ކުރާ ރައީސް ވިދާޅުވާ ގޮތަށް ނާހިދު ވެސް ދިޔައީ ވިސްނަމުންނެވެ. ރާވަމުން ގޮސް ގޮތެއް ނިމިއްޖެ އެވެ. އެއީ މެންދަމެވެ.

ރީތިވެލައި ސިނގިރޭޓެއް ރޯކޮށްލައިގެން ކުޑަދޮރުގެ ދެ ފަރާތަށް ދެފައި ބާލައިގެން ފަލަކުގެ ކޮޓަރިއާ ދިމާއަށް ނާހިދު ބަލައިލި އެވެ. އެވަގުތު ފުންކޮށް ސިނގިރޭޓް ދަމާލުމުން ވެއްޓުނު އަޅިކޮޅު ޖެހުނީ ޖީންސަށެވެ. އަޅިކޮޅަށް ބަލަހައްޓައިގެން އިނުމަށްފަހު އަނގައިގެ ތެރެއަށް އިނގިލި ލައި ތެންމާލުމަށްފަހު އަޅިކޮޅުގެ މަތީގައި އިނގިލި ޖައްސާ ފިއްތާލި އެވެ. ޖީންސުގެ މަތިން ހިތެއްގެ ބައްޓަން ފަވާލާފައި ކުޑަދޮރުމަތިން ފޭބި އެވެ. ދެން ބަލައިލީ ބޭރެވެ. އިރާކޮޅުންސުރެ އޮތް ރަން އަލި އޮތް ކޮޓަރީގެ ތެރޭގައި ފަލަކު އުޅޭހެން ހީވެއެވެ.
އިރުކޮޅެއް ވަންދެން ބަލަން ހުރުމަށް ފަހު ކުރިންސުރެ އަލަމާރީގައި ފޮރުވައިގެން ގެންގުޅޭ ރިޗަޑް ރެންޗް ނަގައި ޖީބަށް ލިއެވެ. އަލަމާރި މަތީގައި އޮތް ނައިލޯން ވާ ބުރިއާއި ބެލްޓް ނެގުމަށްފަހު ބެލްޓް އަޅައިލި އެވެ. ވާބުރި އަތަށް އޮޅާލައިގެން ކޮޓަރިން ނުކުމެ ސިޑިން ފައިބަމުން ދިޔައީ ސިނގިރޭޓް ރޯކޮށްގެން ދުން ބޮމުންނެވެ.

ވެހުނު ވާރޭގަނޑުގައި ގޯޅި ތެރެ އޮތީ ހިސާބަކަށް ފެން ބޮޑުވެފައެވެ. މަގުމަތީގައި ހުރި ހޮޅި ދަނޑީގެ އަލިން ގޯޅިގަނޑުގެ ބައެއް އޮތީ ދިލިފަ އެވެ. މަތި ބަލައިލުމަށްފަހު ނާހިދު ވިސްނާލި އެވެ. ފާރުގެ މަތިން ތިރިޔަށް ފާބައިފައިވާ އެސްލޯން ހޮޅީގައި ބާރަށް ހިފާލައި ތިރިޔަށް ދަމައިލައި ތަޅުވައިލި އެވެ. ކަރު ދަމާލައިގެންހުރެ ހޮޅީ ހަރު ކުރަން ޖަހާފައިވާ ބުރެކެޓް ތައް ގުނާލުމަށް ފަހު ގޯޅިތެރެއިން މަގަށް ނުކުމެ ސިނގިރޭޓެއްގެ އެއްބައި ހުލި އަރުވާލުމަށްފަހު ފެންގަނޑުގެ ތެރެއަށް އެއްލައިލި އެވެ. ހިނގައިގަތެވެ. ފަލަކުމެންގޭގެ ސިޑިން ދެ ވަނަ ބުރިއަށް އެރުމަށްފަހު ކުޑަދޮރުން ބޯދީ ބޭރުގައި އިން ހޮޅީގައި އަތްލައި ބަލައިލި އެވެ. ދެން ދޮރުތެރެ ދެމިގަނެ ހޮޅީގެ ބްރެކްޓްގައި ވާ ބުރި ބައްދައި ހޮޅިން މައްޗަށް އަރަން ފެށި އެވެ. ތިން ވަނަ ބުރީގެ ބެލްކަނީ ސީޓްގެ ފެން ފަހީގައި އަތްލެވުމާއެކު އުނގަނޑުގައި އިން ވާފަށް މުހާލައި ޗެންޗޭނުގެ އެހީގައި ބެލްކަނީގެ ތެރެއަށް ދެމިގަނެ އަތާއި ޖިންސުގައި ހޭކިފައި ހުރި ހުދު ކުލަ ފިލުވައިލި އެވެ.

ބެލްކަނީގައި ކުޑަދޮރަށް ބަލަހައްޓައިގެން ހުރުމަށްފަހ ރިޗަޑް ރެންޗް ނަގައިގެ އެލްމުނިއަމް ދޮރުގައި ހިފާލި އެވެ. އެތެއިން ތަޅުލާފައި ހުރުމުން ރެންޗުގެ އެހީގައި ޕެކިންތައް ދަމައިގަނެ ބިއްލޫރުގަނޑު ނައްޓައިލައި ކުޑަދޮރުގެ ފޮތިގަނޑު ދުރުކޮށް އެތެރެ ބަލައިލި އެވެ. އެނދުގައި ފަލަކު އޮތެވެ. ފެންނަނީ ކަނދުރާ އާއި އިސްތަށިގަނޑު އެކަންޏެވެ. ކޮޓަރިއަށް ފަތުރާލާފައިވާ ރަން އަލީގައި އެމަންޒަރު ވަރަށް ރީއްޗެވެ.

ފަސޭހަ ކަމާއެކު ނާހިދު ކޮޓަރީގެ ތެރެއަށް ވަދެއްޖެ އެވެ. ރަނގަޅަށް ހަމަޖެހިލައި ފަލާކާ ދިމާއަށް ބަލައިގެން ހުރުމަށްފަހު ކޮޓަރީގެ ތެރެއަށް ނަޒަރު ހިންގާލި އެވެ. ތަނަވަސް ރީތި ކޮޓަރިއެކެވެ. ފިނިކޮށްފައިވާ ކޮޓަރީގައި ހުރި ކުޑަ އައިސް އަލަމާރި ކައިރީގައި މަޑުކޮށްލައިގެން ހުރުމަށްފަހު ހުޅުވައިލި އެވެ. އައިސްކިއުބް ޓްރޭ ފެނުމުން ނާހިދު ހަނދާންވީ ވަރަށް ބޮޑުވެ ގުޅުމެއް އުފެދުނު ފަހުން ވެސް އެކަކު އަނެކަކަށް ގައިގައި ގަނޑުފެން ޖައްސަން އުޅުނު ހަނދާނެވެ. ކަރުވަޅުން ގަނޑުފެން ކޮޅުކޮޅު ވައްޓާލައި ސިއްސުވައިލި ދުވަސްތަކެވެ.

ނާހިދު ޓްރޭއިން ކިއުބެއް ނެގުމަށްފަހު ނެގުމަށް ފަހު ފަލަކާ ދިމާއަށް ބަލައިލި އެވެ. ތުނި ހަށިގަނޑުން ބޮޑު ބައެއް ފާޅުވާން އޮތެވެ. އެހާ ފާޅުކޮށް މީގެ ކުރިން ފަލަކުގެ ހަށިގަނޑު ފެނިފައެއް ނުވެ އެވެ.
"ފަލަކު... އޭއި..." މަގަތުގައި އިށީނުމަށްފަހު ފަލަކުގެ މޫނު މަތިން ފެށިގެން މޭމައްޗަށްވާ ގޮތަށް އައިސްކިއުބު ހިންގާލަމުން ނާހިދު މަޑުމަޑުން ގޮވައިލި އެވެ.
"ޝްސ!" ނާހިދުގެ އިނގިލިތައް ބީހެން ފެށުމާއެކު ފަލަކު ސިއްސައިގެން ގޮސް ބެޑުކަވަރާއެކު އޮޅިގެންފައި ތެދުވި އެެވެ. ނާހިދު އަތުން އިޝާރާތް ކުރި އެވެ. ވާހަކަ ނުދެއްކުމަށެވެ.
"ނާ.. ނާހިދު!" ހިސާބަކަށް ބިރުގަނެ ހާސްވެފައި އިން ފަލަކުގެ ނިދި ވަނީ ފިލައިގެން ގޮސްފަ އެވެ. ނާހިދާ ދިމާއަށް ބަލަން އިނީ ހައިރާންެވެގެނެވެ. ނާހިދު އިތުރަށް އެއްޗެއް ނުބުނެ ކޮޅަށް ތެދުވެ އަތުގައި އޮތް އައިސްކިއުބު އޭނާގެ ޓީޝާޓްުގެ ކަރުވަޅުން ވައްޓައިލުމަށްފަހު ތިރިން މުށުގެ ތެރެއަށް ލައި ނެގި އެވެ. ފަލަަކަށް ދައްކާލުމަށްފަހު އަނގައިގެ ތެރޭގައި މުގުރައިލި އެވެ.

"ކިހިނެއް... "
"ތީ އަހަރެން ކުރަންވި ސުވާލެއް!" ނާހިދު ހީނލި އެވެ.
"ކިހިނެއް މި ކޮޓަރިއަށް ނާހިދު ވަނީ؟" ހަށިގަނޑު ފޮރުވަމުން ފަލަކު އެނދުގެ ބިއްދޮށަށް ޖެހިލި އެވެ.
"ބަކަރިއަށް ފުޅަށް މަތިން ފުންމަން ދަސްވީމަ ފާރުމަތިން ވެސް ފުންމާނެ! ވަގުންނަށް ވައްކަން ކުރަން ދަސްވީމަ ކުޑަދޮރުން ވެސް، ފެންލައިންޓުން ވެސް ވަންނާނެ، މިހިރަ ކުޑަދޮރުން ވަނީ؟ އަހަންނަކީ ވަގެެއްނު، ވަގަށް ވަނީ!"
"ނާހިދޫ..."
"މިކަހަލަ ހިމޭން ވަގުތުކޮޅެއް ލިބުނީމާ ވާހަކަ ދައްކާކަށް ނުވާނެ، ސްޓޮޕް ޓޯކިން،" ނާހިދު އެދުނެވެ.
"ބައްޕަ ނާހިދުގެ ވާހަކަ ރިޕޯޓް ކުރީމަ ބަދަލު ހިފަނީތަ؟ އަހަރެން ބުނެފިތަ ތީ ވަގެކޭ!"
"ބުނެފީމެއްނު ވާހަކަ ނުދައްކާށޭ!" ނާހިދު އަނެއކާވެސް އައިސ އަލަމާރިން އައިސް ކިއުބެއް ނެގި އެވެ. މަގަތުގައި އިށީނދެ ފަލަކުގެ މޫނާ ދިމާއަށް ބަލައިލި އެވެ. ކަނދުރާގައި އައިސް ކިއުބު ޖައްސައިގެން މޭމަތިން ތިރިއަށް ދޫކޮށްލުމާއެކު ފަލަތު ތެޅިގަތެވެ. ނާހިދުު އިނީ ހެވިފަ އެވެ. އިރުކޮޅަކު އިނުމަށްފަހު ޖީންސުގެ ޖީބުން ރޫޖެހިފައިވާ ބޭސް މަލަންް ކޮޅެއް ނަގައި ދެ އިނގިލި ކުރިން ފަލަކަށް ދައްކައިލުމަށް ފަހު ފަލަކުގެ ފަޔަށް އިޝާރާތް ކުރި އެވެ.
"ދައްކަބަލަ ފައި... ކަނާތުފައި؟"
"ކީއްކުރަން؟ ނާހިދު މިތަނުން ދޭ ޕްލީޒް..."
ނާހިދު ފަލަކުގެ ދެ ތުންފަތުގައި އިނގިލި ޖައްސައިލުމަށްފަހު ކަވަރުގެ ތެރޭގައި ފޮރުވިފައިވާ ފަލަކުގެ ކަނާތުގައި ކުޑަކަޅުވާގައި އަތް ލި އެވެ. ދެން އޭނާގެ ޖިންސުގެ ގައި ފަވާފައިވާ ހިތުގެ ވަށައިގެން އިނގިލި ކަތާލައި ފަލަކުގެ ކުޑަކަޅުވާގައި އިން ލަކުނުގެ ވަށައިގެން ހިތަކަށް ވާ ގޮތަށް އިނގިލީ ހިނގައިލި އެވެ. ކުރިއެކޭ އެއްވެސް ތަފާތެއް ނެތް އެ ލަކުނުގެ މަތީގައި ބޭސް މަލަން ކޮޅު އަޅައިދިނެވެ.

"އެ ދުވަހު ބޭސްމަލަން އަޅައިދޭން އުޅެނިކޮށް ފަލަކުގެ ބައްޕަ ފަލަކުގެ ގެންދިޔައީ، މިރޭ މިއައީ އެ މަލަންކޮޅު ހިފައިގެން،" މަލަންކޮޅު މަތީގައި އަތް ކާތަމުން ގޮސް ގާތަށް އަންނާށޭ ބުނާ ގޮތަށް ނާހިދު އިޝާރާތް ކުރި އެވެ. މުޅިން ފިޔާތޮއްޓަކަށް ނުވާ ތުނިތުނި ނައިޓީއާއެކު ކަވަރުގެ ތެރެއިން ނުކުމެގެން ފަލަކު ގާތަށް ޖެހުނެވެ. އެނދުން ފައިބައި ކޮޅަށް ހުއްޓުނެވެ.
"ކުރަން އޮތީ އޭރުވެސް ކުރާ ސުވާލު!"
"ކޮން ސުވާލެއް؟"
"އަހަރެން ގައިގަ ބައްދާލަ ބަލާށޭ؟ ސުވާލުގެ ޖަވާބުގައި އޭރު ބުނަނީ މިއީ މަގުމައްޗޭ، މިރޭ ސުވާލުގެ ޖަވާބު ވެސް ދޭނީ އަހަރެން. މިވަގުތު މިތިބީ މަގުމައްޗަކު ނޫން!"
ފަލަކުގެ ތުންފަތަށް ހިނިތުން ވުން އައިސް އަޑިކޮޅު އުފެދުމާއެކު ނާހިދު ފަލަކުގެ އަތުގައި ހިފާލި އެވެ. ގާތަށް ގެންދިޔަ އެވެ. އުނގަނޑު މަތިން ދެ އަތް ވަށައި ޖައްސައިލުމަށްފަހު މޭ މަތިން ހެލުވި ހެލުވި އޮތް ފަށުފުލުގައި ހިފާލައި އަޑި ރޮނގުގެ މަތީގައި ހިމޭން ކުރުވި އެވެ. "އަދިވެސް މި ފޫ ހާދަ ރީއްޗޭ. މި ހިތް އަހަންނާމެދު އޮތީ ސާފުކޮށްތަ؟"
ފަލަކު ޖަވާބެއް ނުދެ އެވެ. ހަމަ ހުރީ އެވެ.
"ވަގަކަށް ވިޔަސް މިހާ ދުވަހަށް ފަހަ މި ކޮޓަރިއަށް އައިމަ އަހަރެން ފޮނުވާލަން ބޭނުންވަނީތަ؟"
ނޫ ޖަވާހިރު ލީ ފަށުފުލާ ކުޅެމުން ނާހިދުގެ އިތުރު ސުވާލެއް ކުރި އެވެ. ސުވާލަށް އެއްވެސް ޖަވާބެއް ނުދީ ނާހިދުގެ ކޮނޑުމަތީގައި ފަލަކު ބޯ އަޅާލައިލި އެވެ. ކަރާ ކަރުމަހަލުމެއްގައި އިރުކޮޅެއް ވޭތުވި އެވެ.
"ކީއްތިކުރަނީ؟" މަޑުމަޑުން ފަަލަކު ބުންޏެެވެ.
"ހިތުގައި ފިރުމައިދެނީ،" ފަށު ފޫ ހިއްލުމަށް ފަހު ފަލަކުގެ މޭ މައްޗަށް ލެނބި ފޫ އަނަގައަށް ލާފައި ނާހިދު ދޫކޮށްލި އެވެ. އަދި މޭގައި އައްޖައްސާލުމަށް ފަހު ލަވައެއްގެ ތަންކޮޅެއް ކިޔައިލި އެވެ.

ހިތް މިއޮތީ ދޭ ހިތުން ނަގާފައި ކަލާއަށް!
ހިތް މިއޮތީ ހިބަކޮށްފައި އެކީގައި ކަލާއަށް!
" ހުއްޓާލާ، ހުއްޓާލާ، ދެން އޯކޭއޭ... އެނގެއޭ ތިކަން،" ނާހިދުގެ ދިގުވެފައިވާ އިސްތަށިގަނޑުގެ ތެރޭގައި އަތް ހިނގާލަމުން ފަލަކު ހޭން ފެށި އެވެ.

"ތިބުނީ ދާށޭތަ؟ މިހިރީ ޖަލުން މިނިވަންެގެން އައިސް، ފަލަކު ވެސް ތިހިރީ މިނިވަން ކަމާއެކު އެކަނި. މިއީ މިހެން އަހަރެމެނަށް ލިބުނު ދެވަނަ ފުރުސަތު، އެހާ އަވަހަށް ފޮނުވާލަން ބޭނުންތަ؟"
"ގެނެސްގެނެއް ނޫނެއްނު އައީވެސް،"
"ހޫމްމ،" ފަލަކު ދޫކޮށްލުމަށްފަހު ނާހިދު ބިއްލޫރީ ނައްޓާފައިވާ ކުޑަދޮރުން ބޭރު ބަލައިލި އެވެ.
"އައިސް ބަލަ؟"
ނާހިދު ގާތަށް ފަލަކު ދިޔަ އެވެ. ފަލަކު ނައިޓީގެ އެތެރެއިން ބުރަކަށީގައި ނާހިދުގެ އަތްތިލަ ޖައްސައިލި އެވެ. ފަލަކުގެ ދެ ފައިތިލަ ނާހިދުގެ ދެފައިތިލައިގެ މައްޗަށް އެރުވި އެވެ.
"ގޯޅިގަނޑުގައި މިހެން ހިނގާ މަތިން ހަނދާންވޭތަ؟" ނާހިދަށް ޖަވާބު ދިނުމަށް ފަލަކު ދެތުންފަތް ދުރުވެލި ވަގުތު އަރިވެގެން ގޮސް ޖޯޑް ހަމަވި އެވެ. ގާތްވެލައި ފިތިލުމުގެ ޖަޒުބާތުތައް ހޫނު ކަމަކަށް ބަދަލުވެ ނޭވަޔަށް ވެއްޖެ އެވެ. ނާހިދުގެ އަތްތިލަ ފަލަކުގެ ކަނދުރަގައި ބީހެމުން ދިޔައިރު ފަލަކު އުޅުނީ އެހެން އާލަމެއްގަ އެވެ. ލޯބިން ލޯ މަރާލައިގެނެވެ.

"ދެން ދޭ! ޕްލީޒް،" ކުއްލިއަކަށް ފަލަކު ދުރަށް ޖެހިލި އެވެ. ނާހިދުގެ ފަލަކުގެ ކަނދުރަގެ މަތިން އަތް ނައްޓާލައި ދެ ޖީބަށް އަތް ޖަހައިލި އެވެ.
"ހަމަ ދާންވީ؟ އޯކޭ، ދަނީ... ބައި،"
"ބައި... ގްޑު ނައިޓް،"
"ނައިޓީ!" ކުޑަދޮރުން ފުންމައިލަން ހިނގައި ގަންނަމުން ނާހިދު ފަލަކުގެ ނައިޓީގައި ހިފައި ދަމާލި އެވެ. ދެން އަވަސް ހަރަކާތުގައި ބޭރަށް ފުންމާލައި ކުޑަދޮރުގެ ބިއްލޫރުގަނޑު ލައްވައި ރެންޗުން ޕެކިންތައް އަޅުވާލުމަށް ފަހު، އުނަގަނޑުގައި އޮތް ބެލްޓު ނައްޓަލައި ހޮޅީގައި ބެއްދުމަށް ފަހު އެލިގަނެ ހޮޅިން ތެރެއަށް ފައިބައްޖެ އެވެ. ދެން ޖިންސުގެ ޖީބުގައި އޮތް ނޫ ޖަވާހިރުގެ ފަށުފޫ ލާފައިވާ ރަން ފަށް ނަގައި އެއް އަތުން އަނެއް އަތަށް ބަަލު ކޮށްލި އެވެ. ހިތުގެ ބައްޓަމުގައި ތުންފަތް ޖައްސައިލުމަށް ފަހު މަތި ބަލައިލި އެވެ. ދެ ން ހިނގައިގަތެވެ.
"ގުޑްބައި!" ހިނގައި ގަންނަމުން ނާހިދު މަޑުމަޑުން ބުނެލި އެވެ.

ނާހިދު ދިއުމުން ކުޑަދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ފައިގައިވާ މަލަންކޮޅު މަތީގައި އަތް ޖައްސައިލި އެވެ. އައިސް އަލަމާރި ކައިރިއަށް ގޮސް ހުޅުވާލަން ގުދުވުމާއެކު އަލާމަރި މަތީގައި ބާއްވާފައި އޮތް ނޯޓް ފެނުނެވެ. ނަގައިގެން ފަލަކު ކިޔަން ފެށި އެވެ: "އެކުގައި ހޭދަކުރި ދުވަސްތައް ވަރަށް ހަނދާންވެ އެވެ! އެއީ ވަރަށް ރީތި އެހާ އުފާވެރި ދުވަސްތަކެވެ. އެހަނދާންތަކުން ފުދޭވަރު ވެއެެވެ! މިހެންވީ ސަބަބެއް އަހަންނަކަށް ނޭނގެއެވެ! ފަހަރެއްގައި ގޯހީ އަހަންނެވެ. ފަހަރެއްގައި ރަނގަޅީ ފަލަކެވެެ! އަހަރެމެންގެ އެ ދުވަސްތަކުގެ އުފާތައް ހަނދާނުން ފުހެލާށެވެ. ހުރިހާ ކަމެއް ވަނީ ބަދަލުވެފައެވެ! ދެވަނަ ފުރުސަތެއް ލިބުނަސް އެއްވެސް ކަމެއް ކުރިއެކޭ އެއްގޮތަށް އަނބުރާ އިއާދަ ނުވާނެކަން އަހަންނަށް އެނގެ އެވެ. އެއީ އަހަރެންގެ ބަދު ނަސީބެވެ. ފަލަކުގެ ނަސީބެވެ. އަހަންނަކީ ވަގެކެވެ. އަހަންނަށް މާފުކުރާށެވެ. އަހަންނަކީ ފަލަކަށް ފެނުނު ވަރަށް ހަޑި ހުވަފެނެކެވެ. އެކަމަކު އެއީ އަހަންނަށް ފެނުނު ރީތި ހުވަފެނެކެވެ. ތިއީ އަހަރެންގެ ހިތެވެ. ތި ހިތުގެ އަޑު އަހަނަށް އިވެ އެވެ. އަހަރެން މިދަނީ ހިތް ހިފައިގެނެވެ. ހިފައިގެން މިދާ ހިތް އަހަރެން ގެންގުޅޭނީ އަހަރެން ހިތާ އެންމެ ކައިރީގަ އެވެ"

ނޯޓް ކިޔައިލުމަށްފަހު ފަލަކު މޭ މައްޗާއި ކަނދުރާގައި އަތް ޖައްސައިލި އެވެ. ފަށެއް ނެތެވެ. ދެން ކުޑަދޮރުން ބޭރު ބަލައިގެން ހުރެވުނީ އެވެ. ގެއްލުނު ޖަވާހިރުލީ ފަށަށް ވުރެ ބޮޑަށް ނާހިދާ މެދު ވިސްނާލާށެވެ. އަދި ފުރުސަތެއް ލިބޭނެ ކަމަށެވެ. )ނިމުނީ(




ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު