މާވާރުލު އެއާޕޯޓުގެ ރަންވޭ އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

މާވާރުލު އެއާޕޯޓުގެ ރަންވޭ އެޅުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގދ. މާވާރުލުގައި ގާއިމުކުރާ އެއާޕޯޓުގެ ރަންވޭ އެޅުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެމްޓީސީސީގެ ސީީއީއޯ އިބްރާހިމް ޒިޔަތެވެ.

ގދ. މާވާރުލުގެ އެއާޕޯޓުގެ ރަންވޭ މަޝްރޫއުގެ ދަށުން 1،220 މީޓަރުގެ ރަންވޭގެ އިތުރުން ޓެކްސީވޭ އާއި އޭޕްރަން، އަދި މީހުން އެރަށަށް އަރައި ފައިބައި ހެދުމަށް ޓަކައި ޖެޓީއެއް ވެސް އެމްޓީސީސީން ހަދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ. އަދި އެ މަޝްރޫއު އަށް 57 މިލިޔަން ރުފިޔާ ޚަރަދު ކުރާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އެ މަޝްރޫއު ނިންމުމަށް އެމްޓީސީސީއަށް ދީފައި ވަނީ 160 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އެ މުއްދަތުގެ ކުރިން މަސައްކަތް ނިންމުމުގެ މަސައްކަތް ކުރާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

އެމްޓީސީސީ އިން މިހާރު ދަނީ ކުޅުދުއްފުއްޓާއި ފުނަދޫގައި އަޅާ އެއާޕޯޓުތަކުގެ ވެސް ރަންވޭ އާއި ޓެކްސީވޭ އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި، ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ ތަކެއްޗާ އެކު، މާވާރުލު އެއާޕޯޓުގެ މަސައްކަތަށް ވެސް ބޭނުންވާ ތަކެތި ހޯދުމަށް އެމްޓީސީސީން ވަނީ އޯޑަރު ދީފަ އެވެ.

އަދި މާވާރުލު އެއާޕޯޓުގެ މަސައްކަތް ކުރުމަށް ސަބްބޭސް ޕްރިޕެރޭޝަން އޮތީ ކުރިން ހަދާފައި ކަމަށާއި އެހިސާބުން މަސައްކަތް ފަށައި ގަތުމަށް އެމްޓީސީސީ އަށް ފަސޭހަ ވެސް ވެގެންދާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

މާވާރުލަކީ ވަކިން އޮންނަ ފަޅުރަށެއް ކަމުން، ބައެއް ކަހަލަ ގޮންޖެހުންތައް ވެސް ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ހައްލުތަކެއް ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ކުޅުދުއްފުއްޓާއި ފުނަދޫގައި މައިގަނޑު އަސާސީ ޚިދުމަތްތައް، ރަށުގެ ޔުޓިލިޓީސްގެ [ވަސީލަތްތަކުގެ] ތެރެއިން ބޭނުންކުރެވޭނެ. މާވާރުލުގައި އެ ޑިފިކަލްޓީޒް[އެ ދަތި] އެބަހުރި. އެކަމަކު ސޮލިއުޝަންސްތަކެއް [ހައްލުތަކެއް] ހޯދޭނެ،" ޒަމީރު ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ، ތިން އެއާޕޯޓުގެ ރަންވޭ އާއި ޓެކްސީވޭ އަދި އޭޕްރަން ހެދުމުގެ މަސައްކަތް، އެ މުއްދަތެއްގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

comment ކޮމެންޓް