ސިލޯނުގެ ސައިފަތް އިންޑަސްޓްރީގެ ވާހަކަ

ލަންކާގެ ސައިފަތް ދަނޑެއްގައި ސައިފަތް އުފުރުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ: އަލްޖަޒީރާ

ފެނަށްފަހު ދެން އެންމެ ގިނަ ބަޔަކު ބޯ އެއްޗަކީ ސަޔެވެ. މިއީ ބައެއް ގައުމުތަކުގައި ސަގާފަތެކެވެ. އަނެއް ބަޔަކު ސައިބޮނީ އޭގެ ސަބަބުން އެ ލިބޭ ހިތްހަމަ ޖެހުމުގެ ސަބަބުންނެވެ. ސައިފަތުގެ މާކެޓަކީ ތެލާއި ރަނުގެ އަގު ފަދައިން އެކި ދުވަސްވަރު އެކި އަގުގައި ހުންނަ އެއްޗެކެވެ.

ދުނިޔޭގެ އެންމެ ގިނައިން ސައިފަތް އުފައްދާ ގައުމުތަކުގެ ހަތަރުވަނަ ލިބެނީ އަވައްޓެރި ސްރީލަންކާ އަށެވެ. މި ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާ އާއި އިންޑިއާ އަދި ކެންޔާއެވެ.

ލަންކާގެ ސައިފަތް ދަނޑެއްގައި ސައިފަތް އުފުރުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ: އަލްޖަޒީރާ

ލަންކާގެ ސައިފަތް އުފެއްދުމުގެ ސިނާއަަތުގައި މަސައްކަތްކުރާ މީހުންގެ އަދަދު މިލިއަނަކަށް އަރައެވެ. 20.6 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާގެ އިގްތިސާދުގައިވެސް މިއީ މުހިއްމު ދާއިރާއެކެވެ. އެގައުމުގެ އެކްސްޕޯޓުގެ 17 ޕަސެންޓު ހިއްސާކުރަނީ ސައިފަތެވެ. މި އިންޑަސްޓްރީގައި ރަސްމީ އަދި ނުރަސްމީ ވަޒީފާތަކުގައި މީހުން މަސައްކަތް ކުރެއެވެ.

އެކި ގްރޭޑުތަކުގެ ސައިފަތުން ހަދާފައިވާ ސައި ---

ސްރީލަންކާގައި މައިގަނޑު ތިން ގްރޭޑެއްގެ ސައިފަތް އުފައްދައެވެ. އެއީ ލޯ ގްރޯން ޓީސް، މިޑް ގްރޯން ޓީސް އަދި ހައި ގްރޯން ޓީސް އެވެ. މިއީ އެކި އުސްމިނުގައި ހައްދާ ސައިފަތެވެ. ސައިފަތް ހައްދާ ސަރަހައްދާއެކު އޭގެ ރަހައަށްވެސް ބަދަލު އާދެއެވެ. އެންމެ ފުޅާދާއިރާއެއްގައި ލަންކާގައި ސައިފަތް އުފައްދަނީ ނޫރަލިއާ ޑިސްޓްރިކްޓްގައެވެ. ލަންކާގައި ސައިފަތް ހައްދަން ފެށުނީ އިނގިރޭސި ކޮލޮނީއެއްގެ ގޮތުގައި އެގައުމު އޮތް ޒަމާނުގައެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގެ ކޮލޮނީއެއްގެ ގޮތުގައި ލަންކާ އޮތްއިރު، ލަންކާ އަކީ ކޮފީ ހެދޭ ގައުމެކެވެ. އޭރު ހުންނެވި އިނގިރޭސި ގަވަރުނަރު ނިންމެވީ މި އިންޑަސްޓްރީ ފުޅާ ކުރުމަށެވެ. އެމަސައްކަތަށް ބެނުންވާ ސާމާނާއި އިންފްރާސްޓްރަކްޗާގެ މަސައްކަތް ކުރައްވައި ކޭންޑީ އާއި ކޮލަމްބޯ އާ ދެމެދުގެ މަގުތައް ރަނގަޅަށް ހެއްދެވިއެވެ. ލަންކާގައި އުފައްދާ ކޮފީ ހެޔޮއަގުގައި އިނގޭސިވިލާތަށް އެކްސްޕޯޓު ކުރަންފެށިއެވެ.

ސައިފަތް އުފެއްދުމުގެ މަސައްކަތް ކުރަނީ ---- ފޮޓޯ: އަލްޖަޒީރާ

ނަމަވެސް ކޮފީ ދަނޑުތަކަށް ބައްޔެއް ޖެހި ދަނޑުތައް ހަލާކުވިއެވެ. އެ މަސައްކަތުން ދިރިއުޅެމުންދިޔަ އެތައް ބަޔަކަށް އޭގެ ސަބަބުން މާޔޫސީކަން ގެނުވިއެވެ. ކޮކޯ ފަދަ އަލްޓަނޭޓިވްތައް އުފެއްދޭތޯ އެމީހުން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

އަށާރަސަތޭކަ ސައުވީސް ވަނަ އަހަރު ލަންކާގައި ސައިފަތް އުފައްދަން ފެށީ ކޮފީ އުފެއްދުމުގެ އިންޑަސްޓްރީގައި މަސައްކަތްކުރި މީހުންނަށް އާމްދަނީ ލިބޭނެގޮތެއް ހޯދައިދިނުމަށެވެ. އެންމެ ފުރަތަމަ ޗައިނާއިން ސައިފަތުގެ މުޑުވައް އެތެރެކޮށްގެން ރޯޔަލް ބޮޓޭނިކަލް ގާޑެންގައި އެކްސްޕެރިމެންޓު ކުރިއެވެ. އޭގެ ފަހުން އައްސާމް އާއި ކަލްކަތާ އިންވެސް ސައިފަތުގެ މުޑުވައް ގެންގޮސްގެން ޓެސްޓުކުރިއެވެ. 1867 ވަނަ އަހަރު ލންކާގައި ސައިފަތް ދަނޑުހައްދަން ފެށީ ޖޭމްސް ޓޭލާގެ އިސްނެންގެވުމުގެ މަތިންނެވެ. އެންމެ ފުރަތަމަ ސައިފަތް ދަނޑެއް ހެއްދީ ކޭންޑީގައެވެ.

އެ ސައިފަތްދަނޑުގައި ހެއްދި ސައިފަތް އިގިރޭސިވިލާތަށް އެކްސްޕޯޓުކުރިއެވެ. އެ އުފެއްދުން ކާމިޔާބުވެ ލަންކާގައި ސައިފަތް ދަނޑުަތއް އިތުރުކޮށް އެ މަސައްކަތް ފުޅާކުރިއެވެ.

ސައިފަތް އުފެއްދުމުގެ މަސައްކަތް ކުރަނީ ---- ފޮޓޯ: އަލްޖަޒީރާ

ލަންކާގެ ސައިފަތް އެންމެ ގިނައިން އެކްސްޕޯޓު ކުރާ ގައުމަކީ ރަޝިއާ އެވެ. އިރާގާއި އީރާން އަދި ސީރިއާ އަކީވެސް ލަންކާގެ ސައިފަތް އެކްސްޕޯޓުކުރާ ގައުމުތަކެވެ. ނަމަވެސް އެ ގައުމުތަކުގެ ދާޚިލީ މައްސަލަތަކާއެކު ލަންކާގެ ސައިފަތް އިންޑަސްޓްރީ އަށްވެސް ލޮޅުން އައި ކަމަށް ޓީ ބޯޑުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެމެރިކާފަދަ ކުރިއަރާފައިވާ އިގްތިސާދުތަކުގައި ސައި ބޯމިންވަރު އަންނަނީ އިތުރުވަމުންނެވެ. މިއާއެކު ސްރީލަންކާގެ ސައިފަތް އިންޑަސްޓްރީއަށް ކުރިއެރުން އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ހުސްވި 2017 ވަނަ އަހަރު ސްރީލަންކާގައި 307.08 މިލިއަން ކިލޯގެ ސައިފަތް އުފެއްދިކަމަށް އެގައުމުގެ ޓީ އެކްސްޕޯޓާސް އެސޯސިއޭޝަނުގެ ތަފާސްހިސާބުތައް ދައްކައެވެ. މިއީ އޭގެ ކުރީ އަހަރާ އާޅާބަލާއިރު 4.9 ޕަސެންޓުގެ އިތުރުވުމެކެވެ. މި ތަފާސް ހިސާބުތައް ދައްކާގޮތުން އެގައުމުގައި ގްރީން ޓީ އުފައްދާ މިންވަރަރުވެސް އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. ސަބަބެއްކަމަށް ބެލެވެނީ ސިއްހީ ހޭލުންތެރިކަން އިތުރުވެ، ގްރީން ޓީ އިން ލިބޭ ސިއްހީ ފައިދާތަކުގެ ސަބަބުން ގްރީން ޓީ ބޯ މީހުންގެ އަދަދު އިތުރުވުމެވެ.

ލަންކާގެ ސައިފަތް ދަނޑެއްގައި މަސައްކަތް ކުރަނީ --- ފޮޓޯ: އަލްޖަޒީރާ

ސްރީލަންކާގެ ސައިފަތް އުފެއްދުމުގެ ސިނާއަތުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ އަންހެނުންނެވެ. ސައިފަތް ދަނޑުތަކުން ސައިފަތް "ހޭންޑް ޕިކް" ކުރާއިރު، އުފުރާ ކޮންމެ 18 ކިލޯއަކަށް ފަސްޑޮލަރުގެ އާމްދަނީއެއް ލިބެއެވެ. ދުވާލެއްގެ މައްޗަށް 18 ކިލޯއަށް ވުރެ މަދުން ސައިފަތް އުފުރާނަމަ ލިބޭނީ ތިން ޑޮަލަރެވެ.

ސައިފަތް ދަނޑުން ކަނޑައިގެން ހަވީރު ވާއިރަށް ފެކްޓަރީއަށް ގެންދާނެއެވެ. އެތަނުގައި ހޫނު އަދި ފިނި ވައި ބޭނުންކޮށްގެން ސައިފަތް ހިއްކާނީއެވެ. މި މަސައްކަތަށް 10 ގަޑިއިރު ހޭދަވެއެވެ.

ސައިފަތް ހިކުމުން ފުރޭންޏެއް ކަހަލަ އެއްޗަކުން ފުރާނާ ފަތްތައް ކުދި ކުރާނެއެވެ. މީގެ ތެރެއިން ބައެއް، ކަލަރ ސެޕަރޭޓާ މެޝިނެއްގެ އެހީގައި އިތުރަށް ޕިޔުރިފައި ކުރެއެވެ. ސައިފަތް ކުދި ކުރާ މިންވަރަކުން އެކި ގްރޭޑުތަކަށް ސައިފަތް ބަހައެވެ. ހިމުން، ރަހަގަދަ ސައިފަތަކީ އާންމުކޮށް ލަންކާގައި ބޭނުންކުރާ ސައިފަތެވެ.

ލަންކާގެ ސައިފަތް ދަނޑެއްގައި މަސައްކަތް ކުރަނީ --- ފޮޓޯ: އަލްޖަޒީރާ

ބްލެކް ޓީގެ އިތުރުން ވައިޓް އަދި ގްރީން ޓީ އަކީވެސް ސައި ބުއިމަށް ލޯބިކުރާ މީހުންގެ މެދުގައި މަގުބޫލު ބުއިންތަކެވެ. އެކި މޭވާތަކުގެ ރަހައިންވެސް މިހާރު ސައިފަތް އުފައްދައި ބާޒާރަށް ނެރެއެވެ.

މިއީ ލަންކާގެ އިގްތިސާދުގައި މުހިއްމު ރޯލެއް އަދާލުރާ ސިނާއަތެކެވެ. އެގައުމުގެ ދަށް ފަންތީގެ މީހުންނަށް އާމްދަނީ ލިބޭ މަގެވެ. ސައިފަތް ދަނޑުތަކުގައި އާންމުކޮށް މަސައްކަތްކުރަނީ ޓެމިލް ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ.

ލަންކާއަށް ޒިޔާރަތްކުރާ ގިނަ ދިވެހިންވެސް ސައިފަތް ދަނޑުތައް ބަލައިލުމަށް ޒިޔާރަތް ކުރެއެވެ. ތާޒާ ސައިފަތުގެ ރަހަ ތަޖުރިބާކޮށް ސައިފަތް އުފައްދަން ކުރާ މަސައްކަތް ހަމަ ލޮލުން ބަލައިލާ ތަޖުރިބާ ކުރެއެވެ.

comment ކޮމެންޓް