ސިއްހީ އެތައް މައްސަލަތަކެއް ދިމާވެފައިވާ މިއްސަތުގެ "މުސްތަގްބަލް" ބަނަކަމެއްގެ ތެރޭގައި!

ސިއްހީ އެތައް މައްސަލަތަކެއް ދިމާވެފައިވާ މިއްސަތު--- ފޮޓޯ/ އާއިލާ

ކުއްޖާ ދުނިޔެއަށް އުފަންވާ ވަގުތުން ވެސް މައިންބަފައިން މެދުކެނޑުމެއްނެތި އިންތިޒާރު ކުރާނީ ކުއްޖާ ހިނގާ ބިނގާވާ ދުވަހަކަށެވެ. ހީ ސަމާސާ ކޮށްލާނެ ވަގުތަށެވެ. ދިރިއުޅުމުގައި އެތައް އަޑިގުޑަން ތަކެއް ހުރަސްކޮށްގެން ނަމަވެސް ދަރިފުޅު ކާމިޔާބު ކުއްޖަކަށް ހެދުމަށް މައިންބަފައިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެއެވެ.

ބައެއް ކުދިންނަކީ އުފެދުމުގައި ވެސް ބައެއް ކަންތައްތަކުން މަހުރޫމުވެފައި ތިބޭ ކުދިންނެވެ.

އައްޑޫ ސިޓީގެ ފޭދުއަށް އުފަން އުމުރުން އެންމެ ހަތަރު އަހަރުގެ މުހައްމަދު މިއްސަތު މައުސޫމް އަކީ ވެސް އުފެދުމުގައި އެތައް ކަމަކުން މަހުރޫމުވެފައި ހުރި ކުއްޖެކެވެ.

ކުއްޖާ އުފަންވީ ވަގުތުން ފެށިގެން ވެސް އެ ތުއްތު ދަރިފުޅަށްޓަކައި އެތައް ގުރުބާނީތަކެއް އެ އާއިލާއިން އަންނަނީ ވަމުންނެވެ.

މިއްސަތުގެ ބަލި ހާލަތާ ގުޅޭ ގޮތުން "ސަން ކުލުނު" އާ ވާހަކަ ދައްކަމުން އޭނާގެ ބައްޕަ މައުސޫމް އިބްރާހިމް ބުނީ މިއްސަތަކީ އުފަންވީ އިރު ވެސް ނުކުޅެދުންތެރިކަން ހުރި ކުއްޖެއް ކަމަށެވެ.

"ފެށުނީއްސުރެ މަސައްކަތް މި ކުރަނީ ދަރިފުޅު ރަނގަޅުވޭތޯ. ދަރިފުޅުގެ ކަރުވެސް އެއް ފަރާތަކަށް އެނބުރެނީ. ފައިވެސް އިންނަނީ ފާޑަކަށް. ފައި ސީދަލެއް ނުކުރެވޭ. މައިބަދަ ވެސް އިންނަނީ އެއްކޮށް ނުބެދި. ޓެސްޓިސް (އުރަވަޅި) ވެސް އިންނަނީ އެތެރޭގައި،" އޭނާ ބުންޏެވެ.

މައުސޫމް ބުނީ ދަރިފުޅު އުފަންވި ދުވަސްކޮޅު ވެސް އިންޑިއާއަށް ގޮސް ގިނަ ޓެސްޓް ތަކެއް ހެދި ކަމަށާއި ނަމަވެސް އޭރު ދަރިފުޅު އުމުރުން ކުޑަ ވުމުން އޮޕަރޭޝަނެއް ވެސް ކުރެވިފައި ނުވާ ކަމަށެވެ.

"އަޅުގަނޑު މިހާރު ވަޒީފާއިން ކެނޑިގެން ދަރިފުޅު ބަލަމުން މި އަންނަނީ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ 2000 ރުފިޔާ އާ އެކީ. ދަރިފުޅު ބަލާނެ އިތުރު މީހެއް ނެތް އަޅުގަނޑު ނޫނީ،" މައުސޫމް އަސަރާ އެކީ ކިޔަދިނެވެ.

މައުސޫމް ބުނީ ދަރިފުޅު ރަނގަޅު ކުރުމަށް ޑަކްޓަރުން އަދި އުންމީދު ކަނޑައި ނުލާ ކަމަށާއި މިހާރު ބޭނުންވަނީ އަވަހަށް އިންޑިއާއަށް ގޮސް ދަރިފުޅު ރަނގަޅު ކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ކަމަށެވެ.

އޮޕަރޭޝަން ތަކެއް ކޮށް ދަރިފުޅު ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި ވީހާ ވެސް އަވަހަށް އޮޕަރޭޝަން ކުރުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ގިނަ ސިއްހީ މައްސަލަތަކެއް ދަރިފުޅަށް ދިމާވެފައި އެހުރީ. އަޅުގަނޑަށް އިހުސާސް ކުރެވޭ ދަރިފުޅު ގައިގައި އަޅާނެ ވޭން. އަދި އުމުރުން އެންމެ ހަތަރު އަހަރު. އެއްވެސް ފޫހި ކަމެއް ނެތި މަސައްކަތް މި ކުރަނީ ﷲގެ ވާގިފުޅާ އެކީ ދަރިފުޅަށް ދިމާވެފައި ހުރި ސިއްހީ މައްސަލަތައް ރަނގަޅު ކުރެވޭތޯ،" މައުސޫމް ބުންޏެވެ.

މައުސޫމް ބުނީ އެންމެ އަވަހަށް ކުރާނެ ދެ އޮޕަރޭޝަނަކީ ދެ ފައި ރަނގަޅު ކުރުމަށް ކުރާ އޮޕަރޭޝަނާއި ޓެސްޓިސްގެ އޮޕަރޭޝަނެއް ކަމަށެވެ. ދެ ފައިގެ އޮޕަރޭޝަނަށް އެކަނި ވެސް ގާތްގަނޑަކަށް 1800 ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

"ދެ ފައި އެގޮތަށް އިންނާތީ ސޯޓު އެއްޗެހި ވެސް ލައްވަން ވަރަށް ދަތ.ި އަނެއްކޮޅުން ދަރިފުޅަކަށް ނުވެސް ހިނގޭ،"

އޭނާ ބުނީ ފަރުވާ ހޯދުމަށް އިންޑިއާއަށް ދާން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އިންޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދުމަށް މަޑު ކުރުމަކީ އޭނާގެ މާލީ ތަނަވަސްކަން ހުރި ކަމަކަށް ނުވާއިރު މައުސޫމް އެދެނީ އާންމުންގެ އެހީތެރިކަމަށެވެ.

ސިއްހީ އެތައް މައްސަލަތަކެއް ދިމާވެފައިވާ މިއްސަތުއަށް އާދައިގެ ކުދިން ހަރަކާތްތެރިވެ އުޅެވޭ ގޮތަށް ހަރަކާތްތެރިވުމުގެ ނަސީބެއް އަދި ލިބިފައެއް ނުވެއެވެ. ތުއްތު މިއްސައްތުއަށް ބޭނުންވަނީ ތިބޭފުޅުންގެ ދީލަތި އެހީ އެވެ.

މުހައްމަދު މިއްސަތު މައުސޫމް އަށް އެހީތެރިވުމަށް

  • ފޯނު ނަންބަރު: 7473043 (މައުސޫމް އިބްރާހިމް/ބައްޕަ)
  • ބީއެމްއެލް އެކައުންޓް ނަމްބަރު: 7702266797001 (މުހައްމަދު މިއްސަތު މައުސޫމްގެ ބައްޕަ މައުސޫމް އިބްރާހިމް އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް