މެސީގެ 100 ވަނަ ޗެމްޕިއަންސް ލީގު ގޯލާއެކު ޗެލްސީ ކަޓުވާލައި، ބާސާ ކުއާޓާއަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ޗެލްސީ ކޮޅަށް ލަނޑުޖެހުމަށްފަހު ބާސާގެ ތަރި މެސީ އުފާފާޅުކުރަނީ: އެ މެޗުން ބާސާ މޮޅުވީ 3-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ މޮޅު ކުޅުމާއެކު ޗެލްސީ ބަލިކޮށް، ބާސެލޯނާއިން ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ބާސެލޯނާގެ ކޭމްޕް ނޯގައި ރޭ ކުޅުނު ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ޗެލްސީގެ މައްޗަށް ބާސާއިން ކުރި ހޯދާފައިވަނީ 3-0ގެ ނަތީޖާއަކުންނެވެ. ބާސާއިން ކުއާޓާގެ ޖާގައެއް ހޯދީ، 4-1ގެ އެގްރިގޭޓުން ކުރީގައި އޮވެގެންނެވެ.

އެ މެޗުގެ ތިންވަނަ މިނެޓުގައި ބާސާއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ލުއިސް ސުއަރޭޒް ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެސީއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޗެލްސީގެ ގޯލުގެ ތެރެއަށް މެސީ ބޯޅަ ފޮނުވާލި އިރު، ޗެލްސީގެ ޑިފެންސް ލައިނުން ގޯސްތަކެއް ފާހަގަވެގެންދިޔައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ބާސާއާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 3-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އެ ލަނޑަށް ފަހު ޗެލްސީން ކުޅުން ރަނގަޅުކޮށް ބާސާގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަން ފެށިއެވެ. އެގޮތުން ޗެލްސީގެ ވިލިއަންގެ ނުރައްކާތެރި ދެ ހުރަހަކާއި ވިކްޓަ މޮސެސްއާއި އޮލިވިއާ ޖިރޫއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ.

ޗެލްސީން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، ކައުންޓާ އެޓޭކަކުން މެޗުގެ 20 ވަނަ މިނެޓުގައި ބާސާއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. މެސީ ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ވިންގާ ޑެމްބެލޭއެވެ. ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަކަށެވެ. އެ ލަނޑަކީ މިސީޒަނުގައި ބޮރޫޝިއާ ޑޯޓްމަންޑުން ބާސާއާ ގުޅުނު ޑެމްބެލޭ، އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީއަށް ލަނޑުޖަހާނެ ރަނގަޅު ހަތަރު ފުރުސަތެއް ލިބިގެންދިޔައެވެ. ކައިރިކައިރީގައި މާކޯސް އަލޮންސޯއާއި ޖިރޫއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވޭ އިރު، ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން އެންގޯލޯ ކަންޓޭއަށް ލިބުނު ފުރުސަތުވެސް ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އަލޮންސޯ ފޮނުވާލި ހަމަލާއެއް ބާސާ ގޯލުގެ ދަނޑީގައި ވެސް ޖެހިފައިވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ބާސާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ކުރީކޮޅުގައި ވެސް ޗެލްސީން ރަނގަޅު ކުޅުމެއް ދައްކައި، ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން ޗެލްސީގެ އަލޮންސޯއަށް ތިން ފުރުސަތެއް ލިބުނު ނަމަވެސް، އެންމެ ރަނގަޅަށް އެ ބޯޅަތައް ނިންމާލެވިފައެއް ނުވެއެވެ.

ބާސާއިން ތިން ލަނޑުގެ ލީޑެއް ހޯދީ މެޗުގެ 63 ވަނަ މިނެޓުގައެވެ. ސުއަރޭޒް ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެސީއެވެ. އެ ލަނޑުވެސް އޭނާ ކާމިޔާބުކުރީ ފުރަތަމަ ލަނޑެކޭ އެއްގޮތަށް ޗެލްސީ ޕެނަލްޓީ އޭރިއާގެ އަރިމަތިން ފޮނުވާލި ހަމަލާއަކުންނެވެ. އެ ދެ ލަނޑުވެސް ވަދެފައިވަނީ ޗެލްސީގެ ގޯލްކީޕަރު ތިބައުޓް ކޯޓުވާގެ ދެ ފައި ދޭތެރެއިންނެވެ. މެސީގެ ދެވަނަ ލަނޑަކީ އޭނާ ކާމިޔާބުކުރި 100 ވަނަ ޗެމްޕިއަންސް ލީގު ލަނޑެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ބާސާއާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 3-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ޗެލްސީގެ އިތުރު ހަމަލާއެއް ވަނީ ބާސާގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން ޗެލްސީގެ އެ ހަމަލާ ފޮނުވާލާފައިވަނީ އެޓީމުގެ ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ރޭ އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ބެސިކްޓާސް ބަލިކޮށް، ބަޔާން މިއުނިކުން ވަނީ ކުއޓާގެ ޖާގައެއް ހޯދައިފައެވެ. ގަދަ 16ގެ ދެވަނަ ލެގު މެޗުން 3-1ގެ ނަތީޖާއަކުން ބަޔާން މޮޅުވި އިރު، އެޓީމު ކުއާޓާއަށް ދިޔައީ 8-1ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

އެ މެޗުގައި ބަޔާންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ތިއާގޯ އަލްކެންޓަރައާއި، ގޯކަން ގޯނުލް އަދި ސެންޑްރޯ ވެގްނާއެވެ. ބެސިކްޓާސްގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ވެގްނާ ލަވްއެވެ.

ބާސާއާއި ބަޔާންގެ އިތުރުން ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ޖާގަތައް ހޯދާފައިވަނީ ރެއާލް މެޑްރިޑް، ސެވިއްޔާ، ލިވަޕޫލް، މެންޗެސްޓާ ސިޓީ، ޔުވެންޓަސް އަދި ރޯމާއެވެ.

comment ކޮމެންޓް