ހަމަލާއަކަށް ފަހު ހަމަލާއެއް، ތާރީހަކަށް ފަހު ތާރީހެއް!

ފެބްރުއަރީ 3، 2018: ރައީސް ޔާމީނާ އެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން މިވީ މުއްދަތުގެ ތެރޭގައި ލައްކަ ގިނަ ކަންކަން ހިނގައިފި އެވެ. ތަރައްގީގެ މަގުގައި ގިނަ ކާމީޔާބީތަކެއް ހޯއްދެވި އިރު އެމަނިކުފާނުގެ ރިޔާސީ ދައުރު ވެގެން މިދިޔައީ، ގިނަ އަދަދަކަށް "ޓެރަރިސްޓުން"ވެސް ފެނިގެން ދިޔަ ދައުރަށެވެ. އެންމެ އާދައިގެ މީހުންނާ ހަމައިން ފެށިގެން ރަސްމީ ޝަރަފް އެރުވިފައި ތިއްބެވި ބޭފުޅުން ވެސް ރައީސް ޔާމީންގެ ވެރިކަން ކޮންމެވެސް ގޮތަކުން ނިމުމަކަށް ގެނެވޭތޯ މިވީ މުއްދަތުގައި ލައްކަ ގިނަ ފަހަރު މަސައްކަތް ކޮށްފި އެވެ.

ދެހާސްތޭރަ ވަނަ އަހަރު ހޮވުނު ސަރުކާރެއްގެ ވެރިކަން ބަދަލު ކުރުމުގެ އެޕިސޯޑުތައް ފެށިގެން ކުރިޔަށް ދަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ވެސް މާކުރިން ކަމުގައި ބުނެފި ނަމަ ބަޔަކު ޖޯކު ޖަހައިފާނެ އެވެ. ނަމަވެސް ހަގީގަތަކީ އެއީ އެވެ. ދެހާސް ބާރަ ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފާނެކަމުގެ ބިރު އެއްކޮޅާއި ދެކޮޅުގައި އޮތެވެ. ރައީސް ޔާމީން ޕީޕީއެމްގެ ތެރެއިން ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރި އިރު ވެސް ސީދާ އެމަނިކުފާނުގެ ޕާޓީގެ ބައެއް ބޭފުޅުން ވަނީ ސިއްރިއްޔާތުގައި ބައެއް ކަހަލަ ރޭވުންތައް ރާވައި އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ކޮށްފަ އެވެ.

ރިޔާސީ އިންތިހާބު ނިމި ރާއްޖޭގެ ތިން ވަނަ ޑިމޮކްރަޓިކް ވެރިއަކަށް ރައީސް ޔާމީން ވެވަޑައިގެންނެވި އިރު އެމަނިކުފާނުގެ ވެރިކަމުގެ އެކި މަރުހަލާތަކުގައި އެކި ހުރަސްތައް ކުރިމަތިވެވަޑައިގެންނެވި އެވެ. ރައީސް ޔާމީން އާ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވުމާ އެކު އެމަނިކުފާނު އިންތިހާބުގައި ހޯއްދެވީ ހައްގު މޮޅެއް ކަމަށް، އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދު ވެސް އޭރު ވިދާޅުވި އެވެ. ބަލި ގަބޫލުފުޅު ވެސް ކުރެއްވި އެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން "ކާމިޔާބު ނުވާ ތަފާތު ހައެއްކަ ހާދިސާ" ނުވަތަ ކަންކަމާ ރައީސް ޔާމީން ކުރިމަތިލެއްވި އެވެ. ނަމަވެސް އެ އަހަރު ވެގެންދިޔައީ އިދިކޮޅު ފަރާތްތަކަށް ނާކާމިޔާބު އަހަރަކަށެވެ. ޖެހިހާ މަޅިއާ ދަންތުރާތައް ދިޔައީ ފެނަށެވެ.

ދެން ފެނިގެން ދިޔައީ 2015 ވަނަ އަހަރެވެ. އެ އަހަރުގެ ތެރޭގައި ސީދާ ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުންދީ އެމަނިކުފާނު އަވަހާރަކޮށްލައިގެން ނަމަވެސް ވެރިކަން ބަދަލު ކުރުމުގެ ސިލްސިލާތަކެއް ފެނިގެންދިޔަ އެވެ. ކުރު ގޮތަކަށް ބުނާ ނަމަ ހަމަލާއަކަށް ފަހު ހަމަލާއެކެވެ. އެންމެ ފުރަތަމަ އަމިއްލަފުޅު ޑިފެންސް މިނިސްޓަރުގެ ގެކޮޅުން ހަނގުރާމަވެރި ހަތިޔާރެއް ފެނުމެވެ. އެއަށް ފަހު މޭޑޭގެ މުޒާހަރާ ވެސް ފެނިގެން ދިޔައީ އެ އަހަރު އެވެ. ޝެއިހް އިމްރާން އަބްދުﷲ އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ އެ މުޒާހަރާއަކީ ވެރިކަން ވައްޓާލުމުގެ ނިޔަތުގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއް ކަމަށް ސަރުކަރުން ވަނީ ބުނެފަ އެވެ.

މޭޑޭގެ މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާދެނީ

އެއަށް ފަހު އެ އަހަރު ދެން ފެނުނީ "ފިނިފެންމާ ލޯންޗް" ގޮއްވާލި ހާދިޘާއެވެ. އެ ހާދިޘާގައި ރައީސް ޔާމީނަށް ބޮޑު އަނިޔާއެއް ވެވަޑައިނުގެން ސަލާމަތްވެވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާޙީމަށް ވަނީ އަނިޔާވެވަޑައިގެން ފަރުވާ ހޯއްދަވާފަ އެވެ. އެއަށް ފަހު ސްނައިޕަރެއް ބޭނުންކޮށްގެން ވެސް ރައީސް އަވަހާރަކޮށްލަން މަސައްކަތް ކުރެވުނެވެ. އަދި އިތުރު ބޮންތަކެއް ވެސް ގޮއްވަން މަސައްކަތް ކުރެވިގެން ދިޔަތަން ވެސް ފެނުނެވެ. އެ އަހަރު ނިމުމަކާ ހަމައަށް އައީ ކުއްލި ނުރައްކަލުގެ ހާލަތުގަ އެވެ.

ޖެހިގެން އައި 2016 ވަނަ އަހަރު ވެސް އެފަދަ ބައެެއް މަސައްކަތްތައް ކުރެވުނެވެ. އަމިއްލަފުޅު ޕާޓިން ރައީސް ޔާމީން ބޭރުކުރައްވަން ބަޔަކު ކުރި މަސައްކަތް އެންމެ ފަހު ވަގުތު ނާކާމިޔާބިވެގެންދިޔަ ތަންވެސް ފެނުނެވެ. އަދި އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސް ޔާމީނަށް ކުރައްވާ ތާއިދު އަނބުރާ ގެންދަވައި، އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރައްވަން ފެއްޓެވި އެވެ.

ނެޝަނަލް އިންކުއަރީ ކޮމިޝަނުން ހާމަކުރި ވީޑިއޯ ސްކްރީން ޝޮޓް

ނިމިގެންދިޔަ އަހަރަށް ބަލާއިރު ވެރިކަން ބަދަލު ކުރުމުގެ ސިލްސިލާތައް ފެނުނީ މަޖިލިސް ތެރޭންނެވެ. އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީގެ ގިނަ މެމްބަރުންތަކެއް އިދިކޮޅާ ގުޅި ވެރިކަން ބަދަލު ކުރުމަށް މަސައްކަތްފެށިތަން ފެނިގެން ދިޔަ އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކޮށް، މަޖިލީހުގެ ތެރެއިން ވެރިކަން ނިގުޅައިގަތުމަށް އެ ފަހަރު ވަނީ މަސައްކަތްކޮށްފަ އެވެ.

ރިޔާސީ ދައުރުގެ ފަހު ތަޅާލުންގަނޑާއި މި އަހަރު ކުރިމަތިލީއިރު ފެނިގެންދިޔައީ ދައުލަތުގެ އެކި މުއައްސަސާތައް މެދުވެރިކޮށް ބޮޑުވެގެންވާ "ބަޣާވާތްފުޅެއް" ގެނައުމަށް މަސައްކަތް ކުރިތަނެވެ. އެ ބަޣާވާތަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފައިވާ އިރު ރައީސް ޔާމީނަށް އެކަން ހައްލު ކުރައްވަން ޖެހިވަޑައިގަތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެންނެވެ.

ރައީސް ޔާމީންގެ ވެރިކަން ބަލިކަށިކުރުމަށާއި ވެރިކަން ވައްޓާލުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އެކިއެކި ޖިނާއީ ކުށްތަކަށް ގިނަ ބަޔަކު އަރައިގަތެވެ. އެ ސިލްސިލާތައް އަދިވެސް ކުރިއަށް ދަނީއެވެ.

މީގެ ކުރިން ހިނގައިދިޔަ ބައެއް މިފަދަ ހާދިޘާތަކާ ގުޅޭ ގޮތުން ރައީސް ޔާމީން ވެސް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. ވިދާޅުވީ ފަހުގެ ތާރީހުގައި ފެބްރުއަރީ މަސް ފެށިގެން ދަނީ ރާއްޖޭގެ ވެރިކަމާ ތޮޅެން ބަޔަކު ނުކުންނަ މަހެއްގެ ގޮތުގައި ކަމަށާއި ފެބްރުއަރީ ހަތެއް ބައްދަލުކުރާއިރު ވަރުގަދަ ޝަހްސިއްޔަތުތަކެއް ފެނިގެންދާ ކަމަށެވެ.

ސެޕްޓެމްބަރު 28، 2015: ރިޔާސީ ލޯންޗުކޮޅު "ގޮވި" ހާދިސާގައި ރައީސްގެ އަނބިކަނބަލުންނަށް އަނިޔާވުމުން، އެކަމަނާއަށް އެހީތެރިވުމަށް ރައީސް މަސައްކަތްޕުޅު ކުރައްވާނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"އެހެންވީމަ އަޅުގަނޑުމެން ކޮންމެ ފެބްރުއަރީ ހަތަކީ މިހާރު ހަނދާން ކުރަންޖެހޭ ދުވަހަކަށް ވެއްޖެ. ވަތަނީ ގައުމީ ދުވަހަކަށް ހަދަން ވެއްޖެ. އެއީ އެކަހަލަ ވިޔާނުދާ ކަންކަމާ ދެކޮޅަށް އަޒުމް ކަނޑައަޅާ އެކަން ވިޔަނުދިނުމަށް ޓަކައި އަޅުގަނޑުމެން ހިތްވަރުގެ ކަމަރު ބަންނަންޖެހޭ ދުވަހަކަށް ހަދަން ވެއްޖެ،" ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

އިދިކޮޅުން ވެރިކަމާ ދެކޮޅަށް ހިންގާފައިވާ ކަންތައްތަކާ ގުޅޭ ގޮތުން ޕީޕީއެމްގެ މަޖިލިސް މެމްބަރު އަލީ އާރިފް ވިދާޅުވީ، ރައީސް ޔާމީންއާ ދެކޮޅަށް ބަޔަކު މަސައްކަތް ކުރަނީ އެމަނިކުފާނަކީ އިހުލާސްތެރިއަކަށްވާތީ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީން މި ގައުމުން މަންފާއެއް ނުހޯއްދަވާނެ ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ ގައުމަށް މަންފާ ހޯއްދަވައިދެއްވަން ކަމަށެވެ.

"ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ގައުމުގެ ހައްގުގައި. އެމަނިކުފާނުގެ އާއިލާ އާއި އެމަނިކުފާނަށް ދިރިއުޅެވޭނެ ކުޑަ ފައިސާ ކޮޅަކުން ވެސް. ކޮންމެހެން މަގާމުގައި ހުރުން ލާޒިމެއް ނޫން. އެކަމަކު ދިމާވި ހުރިހާ ހާލަތެއްގައި ވެސް ރައީސް ހިތްވަރު ކުރެއްވީ ރައްޔިތުންނަށް ޓަކައި،" ކެލާ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަލީ އާރިފް ވިދާޅުވި އެވެ.

ވެރިކަމުގެ ފަހު އަހަރު ގުނަމުންދާއިރު އިދިކޮޅުން އަދި ވެސް މަސައްކަތް ކުރަނީ ސަރުކާރު ވައްޓާލުމަށެވެ. ތާރީހަކަށް ފަހު ތާރީހެއް ދެމުންދާއިރު އެންމެ އަމާންވެގެންވާ ހުކުރު ދުވަސް ސީޔާސީ ކޮންމެ ވެސް އެއްވުމެއްގެ ދަޅަ ދައްކައިގެން ބިރުވެރިކުރާތަން ދަނީ ފެންނަމުންނެވެ. ފެބްރުއަރީމަހުގެ އެއްވަނަ ދުވަހަށް ފަހު ތިން ހަތަރު ތާރީހެއް ދީފި އެވެ. ނަމަވެސް ވެރިކަން އަދިވެސް ދެމިއޮތީ އެވެ.

"މިއޮތީ ބިނާ ކުރުމާއި ފަނާކުރުން. ބިނާކުރުމުގެ މަސައްކަތަކީ މާގިނަ ބަޔަކު ސަނާ ކިޔާ ފަލްސަފާއެއް ނޫން. ދެމެހެއްޓެނިވި ތަރައްގީއަކީ ވެރިކަމުގެ ރޭހުގައި އުޅޭ ބަޔަކަށް މަގްބޫލު އެއްޗެއް ވެސް ނޫން،" އަލީ އާރިފް ކުރިން ވިދާޅުވި އެވެ.

ތާރީހަކަށް ފަހު ތާރީހެއް ވެސް ފާއިތުވެ ދަނީ އެވެ. އިދިކޮޅުގެ ވިސްނުން، ވޯޓުން ވެރިކަން ބަދަލު ކުރުމާ މެދު ހުރިހެނެއް ހިއެއް ނުވެ އެވެ. އެއަށް ވުރެ ބޮޑަށް ފެނިގެންދަނީ މަގުމަތިން އެކަން ނިންމުމަށް ޒަމާނުއްސުރެ އަރާފައި ހުރި ފޯރި އަދި ވެސް ގަދަ ކުރަމުންދާ ތަނެވެ. މަޖިލީހުންވިއްޔާ މަޖިލީހުންނެވެ. ސުޕްރީމް ކޯޓުންވިއްޔާ ސުޕްރީމް ކޯޓުންނެވެ. ކޮންމެ ގޮތަކުން ނަމަވެސް ބޭނުން ވަނީ ވެރިކަމެވެ.

މާދަމާވެސް ބޮޑު އެއްވުމެއް ބާއްވަން ދަނީ ގޮވާލަމުންނެވެ. ވާގޮތެއް އެނގިދާނެތާ އެވެ. އިދިކޮޅުން ބުނަނީ ސަރުކާރު "ހުއްޓުވާނެ" ކަމަށެވެ. ސަރުކާރުން ބުނަނީ ކޮންމެ ހަމަލާއެއް ކޮންމެ ތާރީހެއް ވެގެންދާނީ "ސައިބޯނި ބޮތްކަކަށް އަދި ބިލާހަކަށް" ކަމަށެވެ.

comment ކޮމެންޓް