53 ވަނަ އުފަންދުވަހު އާމިރު އިންސްޓަގްރާމަށް!

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރު ޚާން އޭނާގެ 53 ވަނަ އުފަންދުވަހު، ސަޕޯޓަރުންނަށް ޚާއްސަ ހަދިޔާއެއް ދިނުމުގެ ގޮތުން އިންސްޓަގްރާމް ބޭނުންކުރަން ފަށައިފިއެވެ.

އަންގާރަ ދުވަހު އާމިރު އިންސްޓަގްރާމާ ގުޅުނު އިރު، އެއް ދުވަހުގެ ތެރޭގައި އާމިރަށް ވަނީ 234،000 ފޮލޮވަރުން ލިބިފައެވެ. ނަމަވެސް އާމިރު އެއްވެސް މީހަކު ފޮލޯ ކޮށްފައެއް އަދި ނުވެއެވެ.

އާމިރު އެންމެ ފުރަތަމަ އިންސްޓަގްރާމް ކޮށްފައި ވަނީ އޭނާގެ މަންމަގެ ފޮޓޯއެކެވެ. ފޮޓޯއާއެކު ބުނެފައިވަނީ އޭނާ މީހަކަށް ހަދައިދިނީ މަންމަ ކަމަށެވެ.

އިންސްޓަގްރާމަށް އާމިރު އާ ނަމަވެސް، ޓްވިޓާ އަދި ފޭސްބުކްގައި އާމިރު ފޮލޯކުރާ މީހުންގެ އަދަދު ވަރަށް ގިނައެވެ. އާމިރުގެ ޓުވިޓާ ފޮލޮވަރުންގެ އަދަދު 23 މިލިއަނަށް ވުރެ އިތުރުވެފައި ވާއިރު، ފޭސްބުކް މެދުވެރިކޮށް 15 މިލިއަން މީހުން އާމިރު ފޮލޯކުރެއެވެ.

އާމިރު މިހާރު ހުރީ އޭނާގެ ކުރިއަށް އޮތް ފިލްމު "ތަގްސް އޮފް ހިންދުސްތާން"ގެ ޝޫޓިންއަށް ޖޯދުޕޫރުގައެވެ.

ފިލްމީ ދާއިރާގައި 30 އަށް ވުރެ ގިނަ އަހަރުވެފައި ވާއިރު، އާމިރު ވަނީ އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއްގެ ގޮތުގައާއި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ފެނިގެން ގޮސްފައެވެ.

1988 ވަނަ އަހަރު ރިލީޒް ކުރި "ގަޔާމަތު ސޭ ގަޔާމަތު ތަކް" އިން ބޮލީވުޑަށް ތައާރަފުވުމުގެ ކުރިން، ކުޑަ ކުއްޖެއްގެ ގޮތުގައިވެސް ގިނަ އަދަދެއްގެ ފިލްމުތަކުން އާމިރު ވަނީ ފެނިގެން ގޮސްފައެވެ.

ގިނަ އަދަދެއްގެ ހިޓް ފިލްމުތައް ކުޅެފައިވާ އާމިރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި، 'ދިލް ހޭ ކި މާންތާ ނެހޯ'، 'ހަމް ހެ ރާހީ ޕިޔާރް ކޭ'، 'އަންދާޒް އަޕްނާ އަޕްނާ'، 'ރަންގީލާ'، 'ރާޖާ ހިންދުސްތާނީ'، 'ސަރްފަރޯޝް'، 'ލަގާން'، 'ދިލް ޗަހަތާ ހޭ'، 'ތަލާޝް'، އަދި 'ދަންގަލް' ހިމެނެ އެވެ.

ފިލްމީ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތް ފާހަގަ ކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވަނީ 2003 ވަނަ އަހަރު ޕަދްމާ ޝްރީ އަދި 2010 ވަނަ އަހަރު ޕަދްމަ ބޫޝަން އެވޯޑުވެސް އާމިރަށް ދީފައެވެ.

comment ކޮމެންޓް