ރަޝިއާގެ 23 ޑިޕްލޮމޭޓަކު އިނގިރޭސިވިލާތުން ބޭރުކޮށްލަނީ

ވިހައިގެ ހަމަލާ އަމާޒުވި ރަޝިއާގެ ކުރީގެ ޖާސޫސު ސާޖައި ސްކްރިޕަލް (ވ)، އަދި އޭނާގެ އަންހެން ދަރިފުޅު ޔޫލިއާ (ކ)--

ރަޝިއާގެ ކުރީގެ ޖާސޫސެއްގެ ގަޔަށް ވިހައެއް ބޭނުންކޮށްގެން ދިން ހަމަލާއަކާ ގުޅިން އެގައުމުގެ 23 ޑިޕްލޮމެޓަކު ބޭރުކޮށްލަން އިނގިރޭސިވިލާތުން ނިންމަައިފިއެވެ.

ރަޝިއާގެެ ކުރީގެ ޖާސޫސް ސާޖައި ސްކްރިޕަލް އަދި އޭނާގެ އަންހެން ދަރިފުޅު ޔޫލިއާއަށް ނާވް އޭޖެންޓެއް ބޭނުންކޮށްގެން ހަމަލާދީފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. ހަމަލާއަށްފަހު ދެމީހުންގެ ހާލު ވަރަށް ސީރިއަސް ވިނަމަވެސް މިހާރު އެމީހުންގެ ހާލަތު ދަނީ ހަމައަކަށް އެޅެމުންނެވެ.

އިނގިރޭސިވިލާރުގެ ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވީ ޑިޕްލޮމެޓުންގެ ނަމުގައި އެމީހުން ދަނީ ޖާސޫސުންގެ ގޮތުގައި ހަރަކާތްތަރިވަމުން ކަމަށެވެ. އަދި އެ 23 ޑިޕްލޮމެޓުން އިނގިރޭސިވިލާތުން ބޭރުވުމަށް 10 ދުވަހުގެ މުހުލަތެއް މޭ ވަނީ ދެއްވައިފައެވެ.

ޑިޕްލޮމެޓުން ބޭރުކުރުމުގެ އިތުރުން އިނގިރޭސިވިލާތާއި އަދި އެގައުމުގައި ދިރިއުޅޭ މީހުންނަށް ގެއްލުންދިނުމުގައި މާލީގޮތުން ހޭދަކުރާކަމަށް ޝައްކު ކުރެވޭ ރަޝިއާގެ އެސެޓްތައް ފްރީޒްކުރުމަށް ވެސް އިނގިރޭސިވިލާތުން ވަނީ ނިންމަައިފައެވެ. އޭގެ އިތުރުން ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް، އިިގިރޭސިވިލާތުގެ ޝާހީއާއިލާއާއި އަދި ސަރުކާރުގެ ވަޒީރުން ބޮއިކަޓް ކުރުމަށްވެސް ވަނީ ނިންމަވައިފައެވެ.

އިނގިރޭސިވިލާތުން ވަނީ ރަޝިއާގެ ފްލައިޓުތައް އިތުރަށް ޗެކްކުރުމަށް ވެސް ނިންމައިފައެވެ. ރަޝިއާއިން ވަނީ އިނގިރޭސިވިލާތުން ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ޖާސޫސަށް ދިން ވިހައިގެ ހަމަލާއާ ގުޅިގެން އިނގިރޭސިވިލާތުން ވަނީ އެކަމުގައި އެއްބާރުލުން ދިނުމަށް ރަޝިއާއަށް މުހުލަތެއްވެސް ދީފައެވެ.

މީގެ ކުރިންވެސް ރަޝިއާގެ ކުރީގެ ޖާސޫސެއް ކަަމަށްވާ އެލެކްޒެންޑްރާ ލިޓްވިނެންކޯއަށް ވިހައެއް ބޭނުންކޮށްގެން ދިން ހަމަލާއެއްގައި އޭނާ ވަނީ މަރުވެފައެވެ. ދެހާސް ހަވަނަ އަހަރު ދިން ހަމަލާގައި ބޭނުންކޮށްފައިވަނީ ޕޮލޯނިއަމް ކިޔާ ވިހަ މާއްދާއެކެވެ.

ޕޮލޯނިއަމް ކިޔާ ވިހަމާއްދާއެއް ބޭުނުންކޮށްގެން 2006 ވަނަ އަހަރު މަރާލި ރަޝިއާގެ ކުރީގެ ޖާސޫސު އެލެކްޒެންޑްރާ ލިޓްވިނެންކޯ--

އެލެކްސެންޑްރާގެ މަރުގެ މައްސަލައާގުޅިގެން ވެސް ރަޝިއާއާ އިނގިޜޭސިވިލާތާ ދެމެދު ވަރަށް ބޮޑަށް ގުޅުންތައް ގޯސްވިއެވެ. އެ މައްސަލައިގައި ރަޝިއާގެހަތަރު ޑިޕްލޮމެޓަކުވެސް ވަނީ އިިނގިރޭސިވިލާތުން ބޭރުކޮށްލައިފައެވެ.

އެ ހާދިސާއާ ގުޅިގެން ތަހުގީގަށް ރަޝިއާގެ ރައްޔިތެއް ހަވާލުކުރުމަށް ވެސް އިނގިރޭސިވިލާތުން ވަނީ ރަޝިއާގެ ކިބައިން އެދިފައެވެ. ނަމަވެސް ރަޝިއާއިން އެކަމާ ވަނީ ދެކޮޅު ހަދައިފައެވެ.

އެލެކްސެންޑްރާގެ މަރުގެ ތަހުގީގު ކުރި ކޮރޯނާ ސާ ރޮބާޓް އޮވަން ވަނީ އެ މައްސަލައިިގައި އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާއިން މުހިންމު މައުލޫމާތު ފޯރުކޮށްނުދޭ ކަމަށްބުނެ ހުޅުވާލެވިފައިވާ ތަހުގީގެއް ކުރުމަށް ގޮވާލައިފައެވެ.

އެލެކްސެންޑްރާ މަރުވިއިރު އޭނާ ދިޔައީ އިނގިރޭސިވަލާތަށް ޖާސޫސްކޮށްދެމުން ކަމަށް ވަނީ ވަރަށް ބޮޑަށް ތުހުމަތުކުރެވިފައެވެ. އިނގިރޭސިވިލާތުން އެ މައްސަލައިގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެލެކްޒެންޑްރާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅު ވަނީ ގައުމަށް ޣައްދާރުވެފައި ކަމަށެވެ.

comment ކޮމެންޓް