ބީއެމްއެލްގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި 22 ރުފިޔާ ބަހަން ހުށަހަޅަނީ

ބީއެމްއެލްގެ 2016 ވަަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ބޭންކް އޮފް މޯލްޑިވްސްއަށް 2017 ވަނަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 22 ރުފިޔާ ބަހަން ހުށަހެޅުމަށް އެކުންފުނީގެ ބޯޑުން ނިންމައިފިއެވެ.

ގައުމީ ބޭންކުން މިދިޔަ އަހަރު ބޭއްވި 2016 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި ބެހީ ޖުމްލަ 107.6 މިލިޔަން ރުފިޔާއެވެ. އެއީ ހިއްސާއަކަށް 20 ރުފިޔާއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ހާމަކުރި ގޮތުގައި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ، 2017 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި 118،402،240 ރުފިޔާ ބަހަން ހުށަހެޅުމަށް ނިންމާފައެވެ. އެއީ ހިއްސާއަކަށް 22 ރުފިޔާއަށް ވާ ގޮތަށެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނާ ގޮތުގައި މިއީ ކުންފުނީގެ ތާރީޚުގައި އެންމެ ބޮޑު ފައިދާއެއް ބަހަން ހުށަހަޅާ ފަހަރެވެ.

ހިއްސާގެ ފައިދާ ބަހާނީ، މިއަހަރު ބާއްވާ ބީއެމްއެލްގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް އެކަން ހުށަހަޅައި، ހިއްސާދާރުންގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.

ބީއެމްއެލްއިން ބުނީ ހިއްސާގެ ފައިދާ ބަހާނީ ބުކް ކްލޯޝާ ޑޭޓުގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ލިސްޓުކޮށްފައިވާ ހުރިހާ ހިއްސާދާރުންނަށް ކަމަށެވެ. ބުކް ކްލޯޝާ ޑޭޓު އިއުލާނުކުރާނީ އަހަރީ އާންމު ޖަލްސާގެ ނޯޓިހާއެކުއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާ ސްޓްރަކްޗާ ބެހިގެންވާ ގޮތަށް ބަލާއިރު، ކުންފުނީގެ މެޖޯރިޓީ ޝެއާހޯލްޑަރަކީ 50.80 ޕަސަންޓު ހިއްސާ ކޮންޓްރޯލުކުރާ ދިވެހި ސަރުކާރެވެ.

އާންމުންގެ އަތުގައި އޮންނަނީ ބީއެމްއެލްގެ 33.73 ޕަސަންޓެވެ.

comment ކޮމެންޓް