ޗާންސެލަރުކަމުގެ ހަތަރުވަނަ ދައުރަކަށް މާކަލް

ޗާންސެލަރުކަމުގެ ހަތަރުވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި އެންްގެލާ މާކަލް -- ފޮޓޯ/ ގްލޯބަލް ލުކް ޕްރެސް

ޖަރުމަނުގެ ޗާންސެލަރު އެންގެލާ މާކަލް އެމަގާމަށް ހަތަރުވަނަ ދައުރަކަށް ހޮވިވަޑައިގެންފިއެވެ.

ޖަރުމަނު ޗާންސެލަރުކަމަށް މާކަލް ހަތަރުވަނަ ދައުރަކަށް ހޮވިވަޑައިގަތީ މިއަދު އެގައުމުގެ ޕާލެމަންޓުގައި ނެގި ވޯޓުގައި 709 ވޯޓުގެ ތެރެއިން 364 ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.

އެއާ އެކު، މާކަލް މިއަދު ވަނީ ހަތަރުވަނަ ދައުރަކަށް ޗާންސެލަރުކަމުގެ މަގާމުގެ ހުވާ މިއަދު ކުރައްވައިފައެވެ. ހުވާ ލައިދެއްވީ ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީސް ބުންޑަސްޓަގްގެ ރައީސް ވުލްފްގާންގް ޝައިބަލްއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަރުމަނުގައި އާންމު އިންތިޚާބުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ މާކަލް ޗެއާކުރައްވާ ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން (ސީޑީޔޫ) އަދި އެޕާޓީގެ އިއްތިހާދު ބައިވެރިޔާ ކްރިސްތިއަން ސޯޝަލިސްޓް ޔޫނިއަން (ސީއެސްޔޫ)އިންނެވެ. އެ އިއްތިހާދަށް ލިބުނީ 246 ގޮނޑިއެވެ. އެހެން ނަމަވެސް ސަރުކާރެއް އުފެއްދެން އޮތީ މަޖިލީހުގެ 355 ގޮނޑި ލިބިގެންނެވެ.

އެހެންކަމުން މާކަލްގެ އިއްތިހާދު ފުޅާކުރުމަށްޓަކައި އެހެން ޕާޓީތަކަކާ ކޯލިޝަން ނުހެދުމުގެ ސަބަބުން ސަރުކާރެއް ގާއިމުނުކޮށް ހަ މަސް ދުވަސް ފާއިތުވެގެން ދިޔައެވެ.

އެހެން ނަމަވެސް މި މަހު ސީޑީޔޫ/ސީއެސްޔޫ ކޯލިޝަނާ ގުޅޭނެ އެހެން ޕާޓީއެއް މާކަލްއަށް ލިބިވަޑައިގަތީ މި މާޗު މަހުގެ ކުރީކޮޅުއެވެ. އެއީ ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގައި ދެވަނައަށް އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޑީޔޫ)އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އިންތިޚާބުގައި އެޕާޓީއަށް 153 ގޮނޑި ލިބިފައިވެއެވެ.

ސެޕްޓެމްބަރު މަހުގެ އިންތިޚާބުގައި މާކަލްގެ ސީޑީޔޫއަށް މެޖޯރިޓީ ގެއްލުނީ އިންތިހާބުގައި އެގައުމުގެ "ނޭޝަނަލިސްޓު" ނުވަތަ ވަތަނީ ޕާޓީތަކުން ވަނީ ކުރިން ނުޙޯދާވަރުގެ ކާމިޔާބީއެއް ހޯދުމުގެ ސަބަބުންނެވެ.

ސީޑީޔޫއާއި އެސްޑީޕީން ކޯލިޝަން ހެދިކަމުގައިވިޔަސް، މާކެލްގެ ދައުރު ހަމަވަންދެން ކޯލިޝަން ދެމި އޮވެދާނެތޯވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ. މާކެލްގެ ޕާޓީއަށް ކެބިނެޓްގެ މުހިންމު މަގާމުތައް ކަމަށްވާ ފިނޭންސް އަދި ފޮރިން މިނިސްޓަރުގެ މަގާމު ދީފައިވާތީ ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެންގެލާ މާކެލް ޖަރުމަނުގެ ޗާންސެލަރުކަމަށް އެންމެ ފުރަތަމަ އިންތިޚާބުވީ 22 ނޮވެމްބަރު 2005 ގައެވެ.

comment ކޮމެންޓް