އެންޓި ޑިފެކްޝަން ބިލު ތަސްދީގު ކުރައްވައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް ޔާމީން އެ ބިލު ތަސްދީގު ކުރެއްވީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. މިހާރު އެ ގާނޫނު ވަނީ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.

އެ ގާނޫނުގައި ބުނެފައިވާ ގޮތުން ގާނޫނު ތަންފީޒު ކުރަން ފަށާނީ 13 ޖުލައި 2017 ވަނަ ދުވަހުގެ ފަހުން މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް އިލެކްޝަނުން މަޖިލީހަށް އަންގާފައިވާ ހާލަތްތަކުން ފެށިގެން ކަމަށެވެ. ގާނޫނުގެ އެ މާއްދާއަށް ބަލާ އިރު މިހާރު އިލެކްޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ގެއްލޭނެ އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ

  • މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު
  • ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު
  • ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު
  • ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން
  • ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް
  • މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
  • ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު
  • ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ
  • ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ
  • އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ)
  • ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ
  • ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު

އެގާނޫނުގައި އިތުރަށް ބުނެފައި ވަނީ މަޖިލީހަށް މެމްބަރަކު އިންތިހާބުވާ ޕާޓީން ވަކިވުމުން ނުވަތަ އިންތިހާބުވާ ޕާޓީން ވަކިކުރުމުން ނުވަތަ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ އެވެ.

އެހެން ނަމަވެސް މިނިވަން މެމްބަރަކު ޕާޓީއަކަށް ބަދަލުވިޔަސް ގޮނޑި ނުގެއްލޭނޭ ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ. އަދި ވިޕްލައިނާ ހިލާފުވެގެން ވެސް ގޮނޑި ނުގެއްލޭނެ ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން ޕާޓީން އަޅާ ސުލޫކީ ފިޔަވަޅަކުން ގޮނޑި ނުގެއްލޭނެ ކަަމަށް ވެސް ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

comment ކޮމެންޓް