ބޯޓް ވެއްޓުނު ހާދިސާގައި ޒަޚަމްވި ތިން މީހަކު ހޮސްޕިޓަލުން ދޫކޮށްލައިފި

ކަތުމަންޑޫ އެއާޕޯޓަށް ވެއްޓުނު ޔޫއެސް ބަންގްލާ އެއާލައިނުގެ ބޯޓު--ފޮޓޯ: ކަތަމަންޑޫ ޕޯސްޓު

ނޭޕާލްގެ ކަތަނަމްޑޫ އެއާޕޯޓަށް މިދިޔަ ހޯމަ ދުވަހު ޖައްސަން އުޅުމުގެ ތެރޭގައި ހިނގި، ބޯޓު ވެއްޓުމުގެ ހާދިސާގައި ޒަޚަމްވި ތިން މީހަކަށް ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު ދޫކޮށްލައިފި އެވެ.

އެ ހާދިސާގައި 49 މީހަކުު މަރުވެ، 19 މީހަކަށް އެކިވަރުގެ ޒަޚަމްތައް ލިބުނެވެ. ޒަޚަމްވި މީހުންގެ ތެރެއިން ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. އެ ތިން މީހުންނަކީ ވެސް ނޭޕާލަށް ނިސްބަތްވާ ތިން މީހުންނެވެ.

ހަތްދިހައެއް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ޔޫއެސް-ބަންގްލާ އެއާލައިންގެ އެބޯޓު ވެއްޓުނީ ޓްރިބުވަން އިންޓަނޭޝަަލް އެއާޕޯޓު (ޓީއައިއޭ) އަށް ޖައްސަން ދަނިކޮށް ރަންވޭ މަތިން ކަހާލައިގެން ގޮސްގެންނެވެ.

އެހާދިސާގައި ސަލާމަތްވި މީހުން ވަނީ ބޯޓު ވެއްޓުމުގެ ކުރިން ބާރުގަދަ އަޑުފައްގަޑެއް އިވުނު ކަމަށާއި ބޯޓު ވަރަށް ބޮޑަށް ތެޅުނު ކަމަށް ބުނެފަ އެވެ. އަދި މަންޒަރު ދުށް މީހުން ވަނީ އެސަރަހައްދުގައި ތިބި އެންމެން ވެސް ވަރަށް ބޮޑަށް ހާސްވި ކަމަށާއި ބޯޓުގެ ތެރޭގައި ތިބި މީހުން ރޯ މަންޒަރު ފެނުނު ކަމަށް ބުނެފަ އެވެ.

އެހާދިސާގައި 49 މީހަކު މަރުވެފައިވާ އިރު، އަނިޔާވި މީހުންގެ ތެރޭގައި މެޑިސިން ކިޔަވާ ރާއްޖޭގެ ދަރިވަރެއް ކަމަށްވާ ރިޒާނާ އަބްދުﷲ ވެސް ހިމެނެ އެވެ. ރިޒާނާގެ އާއިލާއިން ވަނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި މިވަގުތު އޭނާ އޮތީ ޑޮކްޓަރުންގެ އޮބްޒަވޭޝަންގައި ކަމަށް ބުނެފަ އެވެ.

ނޭޕާލް ސަރުކާރުން ވަނީ އެހާދިސާ ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އެކުލަވާލާފައި އެވެ. އަދި އެހާދިސާގެ ޒިންމާ ނަގަން ޖެހޭނީ އެއާ ޓްރެފިކް ކޮންޓްރޯލުން ކަމަށްވާ ޔޫއެސް-ބަންގްލާ އެއާލައިނުން ބުނި ނަމަވެސް ޓީއައިއޭ އިން ވަނީ ބޯޓު ވެއްޓުނީ، ރަންވޭގެ ދެކުނު ފަރާތުގައި ޖެއްސުމަށް އެންގުމުން އުތުރު ފަޅިން ޖައްސަން މަސައްކަތް ކުރި ފަހުން ކަމަށް ބުނެފަ އެވެ.

އިއްޔެގެ ހާދިސާއަކީ 1992 ވަނަ އަހަރު ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ބޯޓެއް ވެއްޓި، 167 މީހުން މަރުވި ފަހުން ނޭޕާލްގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ އެވެ.

comment ކޮމެންޓް