އާ ރަންވޭގައި ތާރު އަޅަން ފަށައިފި، ފަހު ކުއާޓަރުގައި ބޯޓު ޖައްސާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް ދައްކައިދޭ ފޮޓޯއެއް --- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ފަށައިިފި އެވެ.

އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ ރަންވޭގައި ތިން ލޭޔަރަށް ތާރު އަޅާނެ ކަމަށެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް މިއަދު "ސަން" އަށް ވިދާޅުވީ ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި މި އަހަރުގެ ފަހު ކުއާޓަރުގައި އާ ރަންވޭ އަށް ބޯޓު ޖައްސާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

އާ ރަންވޭއަކީ 3.4 ކިލޯ މީޓަރު ދިގު، އަދި 60 މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭ އެޅުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)ންނެވެ.

އާ ރަންވޭ ހުޅުވުމާ އެކު، ކުރިން ބޭނުންކުރަމުން އައި 3.2 ކިލޯ މީޓަރު ދިގު، އަދި 45 މީޓަރު ފުޅާ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭއެއްގެ ގޮތުގަ އެވެ.

އެއާޕޯޓު ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ދަނީ ކުރިއަށެވެ. އެގޮތުން އާ ސީޕްލޭން ޓާމިނަލް އެޅުމުގެ މަސައްކަތާއި އާ ކާގޯ ޓާމިނަލްގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ. މީގެ އިތުރުންއާ އޭޕްރަންގެ މަސައްކަތާއި އެމްއާރްއޯގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށް ގެންދަވާ މަޝްރޫއަކީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

comment ކޮމެންޓް