ސަސްޕެންޝަނަށް ފަހު ތިން ކައުންސިލަރުން އޮފީހަށް ނިކުމެއްޖެ

ގއ. އަތޮޅުގެ ތިން ކައުންސިލަރުން މިއަދު އޮފީހަށް ނިކުތުމުން ސްޓާފުން މަރުހަބާ ދަންނަވަނީ --- ފޮޓޯ: ކައުންސިލް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސާރކިއުލާއާ ހިލާފަށް ބޭރުގެ ޑިޕްލޮމެޓަކާ ބައްދަލު ކުރުމުން ތިން މަސް ދުވަހަށް ސަސްޕެންޑް ކުރި ގއ. އަތޮޅުގެ ތިން ކައުންސިލަރުން ސަސްޕެންޝަން ހަމަވުމުން އޮފީހަށް ނިކުމެއްޖެ އެވެ.

އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އަޒްލީން އަހްމަދު މީގެ ކުރިން ވިދާޅުވެފައި ވަނީ ތިން ކައުންސިލަރުން ތިން މަސް ދުވަހަށް ސަސްޕެންޑްކޮށްފައި ވަނީ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނެރެފައިވާ ސާކިއުލާއާ ޚިލާފަށް، ހޯމް މިނިސްޓްރީގެ ހުއްދައެއް ނެތި ބޭރުގެ ޑިޕްލޮމެޓަކާ އެ ކައުންސިލްގެ މެންބަރުން ބައްދަލުކުރައްވާފައި ވާތީ ކަމަށެވެ.

ސަސްޕެންޑު ކުރި މެންބަރުންނަކީ ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު (ވިލިނގިލި ދާއިރާ) އާއި އެ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ނަޒްމީން (ގެމަނަފުށި ދާއިރާ)އާއި ދާންދޫ ދާއިރާއިން ކައުންސިލަށް އިންތިޚާބުވެފައިވާ މެންބަރު ހުސައިން އާދަމެވެ. މީގެ ތެރޭން ފުއާދާއި ހުސައިން އާދަމަކީ އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުންނެވެ. އަދި ނަޒްމީން އަކީ އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރެކެވެ.

އެ މެންބަރުން ބައްދަލުކޮށްފައި ވަނީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ސަފީރު އަކިލޭޝް މިޝްރާއާ އެވެ. އަކިލޭޝް ގއ. އަތޮޅަށް ވަޑައިގަތީ ގއ. އަތޮޅުގެ ދައުވަތަކަށެވެ.

ތިން ކައުންސިލަރުންގެ ސަސްޕެންޝަން ހަމަވެފައި ވަނީ އިއްޔެ އެވެ. އަދި ސަސްޕެންޝަން ހަމަވުމުން ތިން މެންބަރުން އޮފީހަށް ނިކުންނެވީ މިއަދު އެވެ.

comment ކޮމެންޓް