ޕީޕީއެމް އެމްޑީއޭ ދައްކަނީ ކޯލިޝަނުގެ މިސާލެއް: އަދުރޭ

މާޗް 8، 2018: ޕީޕީއެމްގެ ފަރާތުން އެ ޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމް އެމްޑީއޭ އަކީ ވަކި ނުކުރެވޭނެ ދެ ޕާޓީ ކަމަށާއި ދެ ޕާޓީން ދައްކަމުން ދަނީ ކޯލިޝަނުގެ މިސާލެއް ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ "ޕީޕީއެމް އެމްޑީއޭ ދައްކަމުން ދަނީ ކޯލިޝަން ސަރުކާރެއް ހިނގާނީ ކިހިނެތް ކަން" ކަމަށެވެ. ސަރުކާރު ކޯލިޝަނުން ވަކި ނުވެ، ރައީސް ޔާމީންގެ ސަރުކާރު ދެމެހެއްޓުމަށް އެމްޑީއޭ ކުރަމުންދާ މަސައްކަތަށް އަދުރޭ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"އެމްޑީއޭ އަޅުގަނޑުމެން ޝާމިލު ކުރަން ޖެހޭނެ. ޕީޕީއެމް އަންނަ ކޮންމެ ތަނެއްގައި. އެއީ ޕީޕީއެމް އާއި އެމްޑީއޭ އަކީ ވަކި ނުކުރެވޭނެ ދެ ޕާޓީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވަނީ ރައްޔިތުން ސަރުކާރު ކޯލިޝަނާ މެދު ޝައްކު ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. ވިދާޅުވީ މިގައުމަށް ގައްދާރުވާ ކޮންމެ ބަޔަކާ ދެކޮޅަށް ނުކުތުމަށް ޕީޕީއެމް އެމްޑީއޭ ކޯލިޝަން އޮތީ ތައްޔާރަށް ކަމަށެވެ. އެ ދެޕާޓީ ބަލިކޮށްފައި ރާއްޖެ ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލެވޭ ވަރުގެ ބަޔަކު ނެތް ކަމަށް އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގައި އުޅުއްވަނީ މި ގައުމުގެ ވެރި ކަމަށް ނާދެވިގެން އުޅޭ މީހުން ކަމަށް އަދުރޭ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

"ރައީސް ޔާމީން ވައުދުތައް ފުއްދަވަމުން ގެނއްދަވާ ދަނޑިވަޅެއްގައި އިދިކޮޅު ފަރާތްތަކުން އެކަމަށް އެކަމަށް ކެތް ނުކުރެވިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ބައެއް ދުވަސްވަރު އަދާކުރައްވާފައި ތިއްބެވި ބޭފުޅުންނާއި އަދި ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަންނަވަން ބޭނުންފުޅު ވެގެން އަވަހާރަފުޅު ނުލެއްޕެވިގެން ވަރީއްނުކުޅެއްވިގެން އުޅުއްވާ ބޭފުޅުން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ މިއަދު މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަމުން ގެންދަވަނީ އިސްލާމް ދީނުގައި ރިޝްވަތަކީ ކިހާވަރެއްގެ އެއްޗެއްކަން މަޖިލީހުގެ މެމްބަރުންނަށް ހަނދުމަފުޅުކޮށް އެރުވި ބޭފުޅުން ކަމަށެވެ.

"ސުޕްރީމް ކޯޓުގެ އަގު ދިވެހި ރައްޔިތުންގެ ކުރިމަތީގައި ވެއްޓިގެންދާ ފަދަ ގޮތަކަށް ކަންކަން ކުރެއްވީމާ އަޅުގަނޑުމެން އެބަޖެހޭ އެބޭދުޅުންނާ ދޭތެރޭގައި ގާނޫނީ ގޮތުން އެޅެން ހުރީ ކޮން ފިޔަވަޅުތަކެއްތީ ބަލަން." އިއްޔެ މަޖިލީހުގައި އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ފަރާތްތަކުން ބާޣީންގެ ލަގަބު ހޯދުމަކީ ދެރަވާ ކަމެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.

comment ކޮމެންޓް