އެއްވުންތަކަށް މީހުން އުފުލާ މަސްވެރި އުޅަނދުފަހަރުގެ ލައިސަންސް ބާތިލްކުރަނީ

މީގެ ކުރީން ބޭއްވި އެމްޑީޕީގެ ޖަލްސާގައި ބައިވެރިވުމަށް ތޮއްޑޫގެ އެމްޑީޕީ ސަޕޯޓަރުން މާލެއަށް އައުމަށް ދޯންޏެއްގައި --- ސަން ފައިލް ފޮޓޯ

ރާއްޖޭގައި މިހާރު ހިނގަމުންދާ ބައެއް ހަމަނުޖެހުންތަކާއި ޣައިރު ގާނޫނީ ބައެއް އެއްވުންތަކުގައި މަދަދުވެރިވާ މަސްވެރި އުޅަނދުފަހަރުގެ ލައިސެންސް ބާތިލް ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

މަސްވެރިންނަށް ވަރުގަދަ އިންޒާރަކާއެކު އެ މިނިސްޓްރީން މިއަދު އިއުލާނެއް ނެރެފައި މިވަނީ، އިދިކޮޅު ޕާޓީތަކުން އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވެ، އަތޮޅުތެރޭގެ ރައްޔިތުން މާލެއައުމަށް ގޮވާލަމުންދަނިކޮށެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ލައިސަންސް ދިނުމާއިބެހޭ ގަވާއިދުގެ ދަށުން މަސްވެރިކަންކުރުމުގެ ލައިންސަންސް ނަގައިގެން މަސްވެރިކަން ކުރާ ބައެއް އުޅަނދުފަހަރުން ރާއްޖޭގައި މިހާރު ހިނގަމުންދާ ބައެއް ހަމަނުޖެހުންތަކަށް މީހުން އުފުލަމުންދާތީ އަދި ކުރުމަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން އެފަދަ ޣައިރު ގާނޫނީ ހަރަކާތްތަކަށް މަދަދުވެރިވުމުގެ ގޮތުން، މަސްވެރިކަން ކުރުމުގެ ލައިސަންސް ހޯދާފައިވާ އުޅަނދުފަހަރު ބޭނުން ކުރުމަކީ މަނާ ކަމެއްކަމަށް ފިޝަރީޒް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

އަދި އެފަދަ ހަރަކާތްތަކުގައި މަސްވެރި އުޅަނދުފަހަރު ބޭނުންކޮށްފިނަމަ، މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީން އެ އުޅަނދަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކޮށް، އެފަދަ އުޅަނދުފަހަރާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ފިޔަވަޅު އަޅާނީ، އިއުލާނުގައި ބުނެފައިވާ ގޮތުން ލައިސަންސް ދިނުމާބެހޭ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުންނެވެ.

އެ މާއްދާގައި ބުނެފައިވަނީ، މިގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތުން ނުވަތަ އެފަރާތުގެ އިރުޝާދުގެ މަތިން ހަރަކާތްތެރިވާ މުވައްޒަފަކު، އޭޖެންޓަކު ނުވަތަ އެހެން މީހަކު، މިގަވާއިދުގެ ދަށުން ހިންގާ އެއްވެސް ކަމެއް ކުރުމުގައި، ދިވެހިރާއްޖޭގެ އާއްމު މަސްލަހަތަށް ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެއްވެސް ކަމެއް ކުރާނަމަ ނުވަތަ ކޮށްފިނަމަ ނުވަތަ ކުރުމަށް މަސައްކަތްކޮށްފިނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، އެފަރާތަށް ދީފައިވާ ލައިސަންސް އަނބުރާ އަތުލުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ނިންމާފައިވާ ބޮޑު އެއްވުން އޮންނާނީ މިމަހުގެ ސޯޅަ ވަނަ ދުވަހުއެވެ.

comment ކޮމެންޓް