ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަނުކުރުމަށް ފަސް ނަމެއް މަޖިލީހަށް ފޮނުއްވައިފި

ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަނު ކުރެއްވުމަށް ފަސް ނަމެއް ރައީސް ޔާމީން ވަނީ މަޖިލީހަށް ފޮނުއްވާފައި --- ފޮޓޯ/ މަޖިލިސް

ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ)ގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނު ކުރުމަށް ރައިސުލްޖުމްހޫރިއްޔާ ފަސް ނަމެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.

ބްރޯޑް ކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނު ކުރުމަށް ނަންތައް ރައީސް މަޖިލީހަށް ފޮނުއްވާފައި މިވަނީ މިހާރު އެކޮމިޝަނުގެ މެންބަރު މުހައްމަދު އަސްލަމްގެ ދައުރު ހަމަވާތީ އެވެ. މުހައްމަދު އަސްލަމް އެކޮމިޝަނަށް އައްޔަނުކުރެއްވީ 2013 ވަނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.

ރައީސް ޔާމީން މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ އެމަނިކުފާނު އިސްކަންދެއްވާ ތަރުތީބުން ބޭފުޅުންގެ ލިސްޓެއް ފޮނުއްވާ ކަމަށެވެ. އަދި އެ ލިސްޓުން މަޖިލީހަށް ފެންނަ ނަމެއް ފާސްކޮށް ދިނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް މަޖިލީހަށް ފޮނުއްވި ނަންތައް ތަރުތީބުން

  1. އަމްޖަދު ވަހީދު، ވިލާޑި ސޯސަން، ގއ. ވިލިނގިލި
  2. މުހައްމަދު ޝަމީމް، ހ. ޕްރިޓީވިލާ،
  3. މުހައްމަދު ސައުޒަމް، ކީސްވިލާ، ރ. އިނގުރައިދޫ
  4. މުހައްމަދު އަސްލަމް، އާލިޔާ، ހއ. ދިއްދޫ
  5. މަޖުދު ރަޝީދު، އޮޓާގޯ، ނ. މަނަދޫ

ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިއްބަވަނީ ހަތް މެންބަރުންނެވެ. އަސްލަމްގެ އިތުރުން ދެން ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުއާއި މެމްބަރު ޒީނާ ޒާހިރު އާއި ހަސަން ނަބާހު އާއި އައިމިނަތު ސަރާހަތުގެ އިތުރުން ފާތިމަތު ޒައިނާ އަދި އިސްމާއިލް ސޮފްވާނެވެ.

comment ކޮމެންޓް