ނޭޕާލްގެ ރައީސާ ބިދްޔާ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ނޭޕާލްގެ ރައީސާ ބިދްޔާ ދޭވީ ބަންޑާރީ ---

ނޭޕާލްގެ ރައީސާ ބިދްޔާ ދޭވީ ބަންޑާރީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެއެވެ.

ރައީސާ ބިދްޔާ ނޭޕާލްގެ ރައީސާގެ މަގާމަށް އެންމެ ފުރަތަމަ އިންތިޚާބުވީ 2015 ވަނަ އަހަރުއެވެ. އެކަމަނާއަކީ ނޭޕާލްގެ ރައީސާކަމަށް އިންތިޚާބުވި ފުރަތަމަ އަންހެން ބޭފުޅާއެވެ.

ނޭޕާލްގެ ރައީސްކަމަށް ބޭފުޅަކު އިންތިހާބުކުރަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 334 މެމްބަރުންނާއި، ޕްރޮވިންޝަލް ކައުންސިލްތަކުގެ 550 މެމްބަރުން ހިމެނޭ އިލެކްޓޯރަލް ކޮލެޖަކުންނެވެ. ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބުވާނީ ޖުމްލަ 884 ވޯޓުގެ ތެރެއިން ދެބައި ކުޅަ އެއްބައި ވޯޓު ލިބިގެންނެވެ.

ނޭޕާލްގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ނޭޕާލީ ކޮންގްރެސްގެ ކުމާއީ ލަކްޝްމީ ރާއީ ---

އިއްޔެ ކުރިޔަށް ދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ދެ ކަނބަލުންނެވެ. އެއީ ނޭޕާލްގެ ކޮމިއުނިސްޓް (ޔުނިފައިޑް މާކްސިސްޓް-ލެނިނިސްޓް) ޕާޓީގެ ތާއީދު ލިބިވަޑައިގެންފައިވާ، އެޕާޓީގެ ރައީސާ ބިދްޔާ ދޭވީ ބަންޑާރީއާއި، އެގައުމުގެ ނޭޕާލީ ކޮންގްރެސް ޕާޓީގެ މެމްބަރު ކުމާރީ ލަކްޝްމީ ރާއީއެވެ.

އެ އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސް ބިދްޔާކަން ވަނީ ކަށަވަރުވެފައެވެ.

އެހެން ނަމަވެސް އިންތިޚާބުގެ ރަސްމީ ނަތީޖާ އަދި ހާމަކޮށްފައެއް ނުވެއެވެ. ނަތީޖާ ހާމަކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

comment ކޮމެންޓް