"ކުދިން" ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރާމެދު ކަންބޮޑުވާން ޖެހޭ!

---

ފުރާވަރުގެ ކުދިންނާއި އެއަށްވުރެ ކުޑަކުދިން ސޯޝަލް މީޑިއާ ވިއުގަތައް ބޭނުން ކުރާ މިންވަރު ކޮންޓްރޯލު ނުކުރެވި އޮތުމަކީ ޖީލެއް "ހަލާކުގެ ތެރެއަށް ވައްޓާލުން" ފަދަ ކަމެކެވެ. މިއީ ކުދިންގެ ސިއްހަތަށާއި އުޅުމަށްވެސް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެކެވެ.

މި ކަމަށް ހުއްޓުވުމެއް ގެނައުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އެގޮތުން ވަކި އުމުރަކަށް ނޫނީ ސޯޝަލް މީޑިއާ ވިއުގަތައް ބޭނުން ނުކުރެވޭ ގޮތަށް ހެދުމަށް ގޮވާލާއިރު މިއީ މިހާރުވެސް ގިނަ ވިއުގަތަކުގައި އޮންނަ އުސޫލެވެ. އުމުރު އޮޅުވާލައިގެން ސޯޝަލް މީޑިއާގެ ވިއުގަތަކުގައި އުޅޭ ކުދިންގެ އަދަދު ގިނައެވެ.

މިކަމަށް ހައްލެއް ގެނައުމަށް ބެލެނިވެރިން ކުޅެންޖެހޭ ރޯލު ބޮޑެވެ. ކުދިންނަށް އިންޓަނެޓާއި ފޯނު އަދި ލެޕްޓޮޕް ދިނުމަށްފަހު އެ އެއްޗެހި ބޭނުންކުރާގޮތް މޮނީޓާ ކުރަން ޖެހެއެވެ.

ފުރާވަރު އުމުރުގެ 75 ޕަސެންޓަށް ވުރެ ގިނަ ކުދިންނަކީ އަމިއްލަ ފޯނު އޮންނަ، އިންޓަނެޓް އެކްސެސް ލިބޭ ކުދިންނެވެ. ފޭސްބުކް އިންސްޓަގްރާމް އަދި ސްނެޕްޗެޓް ފަދަ ސޯޝަލް މީޑިއާގެ ވިއުގަތައް ބޭނުންކުރާ ކުދިން މީގެ ތެރޭގައި ގިނައެވެ.

ސޯޝަލް މީޑިއާ ބޭނުންކުރާގޮތް މޮނީޓާކޮށް ކޮންޓްރޯލު ނުކުރާނަމަ އޭގެ ސަބަބުން ކުދިންގެ އުޅުމަށް ބަދަލުއާދެއެވެ. ހަމަ ނިދި ނުލިބުމާއި، ކިޔެވުމާއި ދުރުވުން، އުޅުމަށް ނުރަނގަޅު ބަދަލު އައުމަކީ މީގެ ތެރެއިން މަދު ކަންތަކެވެ.

ކުދިންގެ އުމުރަށް ބަލައި، ސޯޝަލް މީޑިއާ ބޭނުންކުރާ ވަގުުތު ލިމިޓްކޮށް ވަކި ގަވައިދެއްގެ ތެރެއިން އެކަން ކުރިއަށް ގެންދާށެވެ. އިންޓަނެޓު ލިބޭ ވަގުތު ލިމިޓް ކުރުމަކީވެސް ހައްލެކެވެ.

comment ކޮމެންޓް