ސްޓީވަން ހޯކިންގް އަވަހާރަވެއްޖެ

ފިޒިސިސްޓް ސްޓީވަން ހޯކިންގް އަވަހާރަވެއްޖެ އެވެ.

ސްޓީވަން އަވަހާރަވިކަން އޭނާގެ އާއިލާ އިން ޔަގީންކޮށްދީފައިވާ އިރު އޭނާ އަކީ މޮޑާސް ކޮސްމޮލަޖީގައި އެންމެ ފާހަގަކޮށްލެވޭ ނަމެވެ.

ސްޓީވަން އަވަހާރަވެފައި ވަނީ އުމުރުން 76 އަހަރުގައި މިއަދު އެވެ.

އޭނާ އަކީ އިނގިރޭސި ތިއޮރެޓިކަލް ފިޒިސިސްޓެއްގެ އިތުރުން ކޮސްމޮލަޖިސްޓެކެވެ. އޭގެ އިތުރުން އޭނާ އަކީ ކޭމްބުރިޖު ޔުނިވާސިޓީގެ ތިއޮރަޓިކަލް ކޮސްމޮލަޖީގެ ޑިރެކްޓާ އޮފް ރިސާޗުގެ މަގާމުގައި ވެސް ހުންނެވި ބޭފުޅާ އެވެ.

ސްޓީވަންގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަކީ މޮޅު ސައިންޓިސްޓެއް ކަމަށާއި ގެއްލިގެން އެ ދިޔައީ އަގުނުކުރެވޭ ފަދަ މުހިއްމު ބޭފުޅެއް ކަމަށެވެ. ސްޓީވަންގެ ހިތްވަރާއި ބުރަ މަސައްކަތަކީ އެތައް ބަޔަކަށް ނަމޫނާއެއް އަދި ހިތްވަރެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އުމުރުން އެންމެ 21 އަހަރުގައި ސްޓީވަން އަށް މޯޓަ ނިއުރޯން ޖެހިފައިވާ ކަމަށް ޑޮކްޓަރުން ބުންޏެވެ. އޭރު ޑޮކްޓަރުން ލަފާކުރީ އޭނާ ދިރިހުންނާނީ ގިނަވެގެން އިތުރު ދެ އަހަރު ކަމަށެވެ. ސްޓީވަންގެ ނުކުޅެދުންތެރިކަމަކީ އޭނާ ކުރިއަށްދާން އޮތް ހުރަހަކަށް ނުހަދައި ފިޒިކްސްގެ ދާއިރާގައި އޭނާ ވަނީ ފަހުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ނަމަކަށް ވެފައެވެ.

comment ކޮމެންޓް