ކެންސަރު ޖެހިފައިވާ މައިދާއެއް ވަކިކޮށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ކާމިޔާބު ބޮޑު އޮޕަރޭޝަނެއް ކޮށްފި

ކެންސަރު ޖެހިފައިވާ މައިދާ ހަށިގަނޑުން ވަކިކޮށް ނަގާފައި --- ފޮޓޯ/ ޑރ. އަހްމަދު މިގްދާދު (ފޭސްބުކް)

ރާއްޖޭގައި ފުރަތަމަ ފަހަރަށް މައިދާ (ސްޓަމަކް) ކެންސަރު ނުވަތަ ގޭސްޓްރިކް ކެންސަރު ޖެހިފައިވާ ބަލި މީހެއްގެ މައިދާ ނަގައި، ބޮޑު އަދި އުނދަގޫ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފިއެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ފަރުވާ ދެމުންދިޔަ އުމުރުން 70 އަހަރުގެ ޕޭޝަންޓެއްގެ ކެންސަރު ޖެހި ހަލާކުވެފައިވާ މައިދާ ވަކިކޮށް ނަގައި، މަސްނޫއީ މައިދާއެއް ހެދުމުގެ އެ އޮޕަރޭޝަން ކޮށްފައިވަނީ ރާއްޖޭގެ ފުރަތަމަ އޮންކޮސާޖަން (ކެންސަރު އޮޕަރޭޝަން ކުރާ) ޑޮކްޓަރު ޑރ. މުހައްމަދު ޝިފާންއެވެ.

އުމުރުން ދުވަސްވީ އެ ޕޭޝަންޓަކީ މައިދާ އެތެރެ ފާރުގެ ސްކިން ސެލްއިން އުފެދެން ފަށާ ކެންސަރުގެ ވައްތަރެއް ކަމަށްވާ ކާސިނޯމާ ޖެހިފައިވާ ޕޭޝަންޓެކެވެ.

އެފަދަ ކެންސަރު ޕޭޝަންޓުންނަށް ރޭޑިއޭޝަން ތެރަޕީ، ކީމޯތެރަޕީ، ޓާގެޓެޑް ތެރަޕީ އަދި ސާޖަރީ މެދުވެރިކޮށް ވެސް ފަރުވާ ކުރެވެއެވެ. ނަމަވެސް ސިއްހީ މާހިރުން ބުނާ ގޮތުން، މައިދާ ކެންސަރަށް ފަރުވާ ކުރަން އުދަނގުލެވެ. ސަބަބަކަށް ވަނީ އެޑްވާންސް ސްޓޭޖަކަށް ދިއުމުގެ ކުރީން ގިނަ ފަހަރަށް އެ ބާވަތުގެ ކެންސަރު ނުފެނުމެވެ.

ސްރީލަންކާއިން ކިޔަވާ ވިދާޅުވެ މިއަހަރުގެ ޖަނަވަރީ މަހު އައިޖީއެމްއެޗްގައި ހިދުމަތް ދެއްވަން ފެއްޓެވި ޑރ. ޝިފާން "ސަން" އަށް ވިދާޅުވީ، ހަ ގަޑިއިރުގެ އެ އުނދަގޫ އޮޕަރޭޝަންގައި ކެންސަރު ޖެހިފައިވާ މައިދާ އެއްކޮށް ނަގަން ޖެހުނު ކަމަށެވެ.

އަދި އެއަށްފަހު ޕޭޝަންޓުގެ ކުޑަ ގޮހޮރު ފަޅައި، އެތަނުން މަސްނުވީ (އާޓިފިޝަލް) މައިދާއެއް ހެދުމަށްފަހު، ކާތަކެތި ދައުރުކުރާ ހޮޅި ނުވަތަ އީސޮފޭގަސް ފަދަ، މައިދާއާ ގުޅޭ ހުރިހާ ގުނަވަންތަކެއް އަލުން ގުޅުވީ ކަމަށް ޑރ. ޝިފާން ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިރޭ "ސަން" އަށް ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ހެދި އެ ސާޖަރީއަށްފަހު ޕޭޝަންޓްގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ހާއްސަ އިސްކަމެއް ދީގެން އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް ވިދާޅުވިއެވެ.

ކެންސަރު ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި ގިނަވެ، ތަކުލީފުތަކެއް އުފުލަން ޖެހިފައިވާއިރު، މީގެ ކުރީން އައިޖީއެމްއެޗުގައި އޮންކޮލޮޖިސްޓެއް ނެތުންވީ އެތައް ބަޔަކަށް ކުރިމަތިވި ވަރަށް ބޮޑު ދައްޗަކަށެވެ.

ނަމަވެސް މިހާރު ޑރ. ޝިފާންއާއެކު އެ ހޮސްޕިޓަލުގައި ކެންސަރުގެ ފަރުވާގެ ފެންވަރު ރަނގަޅުކޮށް، އިންޑިއާގެ އޮންކޮލޮޖިސްޓެއްގެ ޚިދުމަތް ވެސް ދަނީ ލިބެމުންނެވެ.

comment ކޮމެންޓް