ފަތުރުވެރިކަމަށް އަސަރުކުރި، ހަލުއިކަމާއެކު އަރައިގަނެވޭނެ: ޒަމީރު

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހިނގައިދިޔަ ކަންކަމާއި ކުއްލި ހާލަތު އިއުލާނުކުރުމާ ގުޅިގެެން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރު ކުރި ކަމަށާއި، ނަމަވެސް ކުރިމަތިވި ގެއްލުންތަކުން ވަރަށް ހަލުއިކޮށް އަރައިގަނެވޭނެކަން ޔަގީންކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުގެ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ އެހެން ގައުމުތަކުގައި އާންމުކޮށް އިއުލާނުކުރާ ހާލަތާ ވަރަށް ތަފާތު ހާލަތެއް ކަމަށެވެ.

"މި ހާލަތު ބިނާވެފައި މި އޮތީ ހަމައެކަނި ވެރިކަންކުރާ ސިޓީއަށް. މިތަނުގައި މާ ބޮޑެތި މުޒާހަރާތަކެއް ނުހިނގާ،" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ ހަލަބޮލިކަން ފެށުނުކޮޅުގައި ގިނަ އަދަދެއްގެ ފަތުރުވެރިކަމަށް އަސަރުތަކެއް ކުރި ކަމަށެވެ.

"ފުރަތަމަކޮޅު ހާލަތު ދެނެގަތުމަށް ފަތުރުވެރިންނަށް އުނދަގޫތަކެއް ކުރިމަތިވި،"

ޓުއަރިޒަމް މިނިސްޓަރު ވިދާޅުވީ ހިނގަމުންދިޔަ ކަންކަމާ އެކު ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރި ކަމަށާއި، ބައެއް ފަތުރުވެރިން ބުކިންގްތައް ކެންސަލްވެސް ކުރި ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ ކުރިމަތިވާ ގެއްލުންތަކުން ވަރަށް އަވަހަށް އަރައިގަންނަ ދާއިރާއެއް ކަމަށް ޒަމީރު ވިދާޅުވިއެވެ.

"ސުނާމީ ކާރިސާއަށް ބެލިޔަސް ހާމަވާނެ ވަރަށް ހަލުއިކޮށް އަރައިގަނެ، ބައުންސް-ބެކް ކުރެވުނު. ފަތުރުވެރިކަން ކުރިއަށް އަރައިގަތީ ކުރިޔަށް ވުރެ ވެސް ވަރުގަދަކޮށް،"

ޒަމީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މިހާރުވެސް 30 އެއްހާ ޕީއާރު އޭޖެންސީތައް ދުނިޔޭގެ އެކި ކަންކޮޅުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިސާލަކަށް ކުއްލި ނުރައްކަލުގެ ހާލަތުގެ މައުލޫމާތު ބޭރުގައި ހުރި ފަތުރުވެރިއަކަށް ލިބިއްޖެނަމަ ރާއްޖެ އައުމާ މެދު ދެވަނަ ވިސްނުމަކަށް ދާނެ. އެކަމަކު ޓުއާ އޮޕަރޭޓަރު އެ ފަތުރުވެރިޔާއަށް ކިޔައިދޭނެ އަޅުގަނޑުމެންގެ ކުއްލި ހާލަތުގެ ކޮންސެޕްޓް. މި ކުއްލި ހާލަތުގެ އަސަރު، ފަތުރުވެރިން ދާ ރިސޯޓުތަކަކަށް ނުކުރާނެކަން އެމީހުންނަށް އެނގޭނީ ކިޔައިދިނުމުން،" ޒަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަންގެ ތެރޭގައި ހިމެނޭ ފެބްރުއަރީ މަހުގެ ތެރޭގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން ފަތުރުވެރިކަން ހީނަރުވެދާނެކަމުގެ ބިރު، ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކުން ވަނީ ފާޅުކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮންމެ މަހަކުވެސް ޓޫރިސްޓް އެރައިވަލްސްއާ ބެހޭ ތަފާސް ހިސާބުތައް ނެރެއެވެ. ނަމަވެސް ފެބްރުއަރީ މަހުގެ ހިސާބުތައް އަދި އާންމުކޮށްފައެއް ނުވެއެވެ.

ޕީޕީއެމްއިން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ފެބްރުއަރީ މަހު ރާއްޖެ އައުމަށް ހެދި ބުކިންގް ކެންސަލްކޮށްފައި ވަނީ 1،500 ފަތުރުވެރިން ކަމަށެވެ.

ނަމަވެސް އެ މައުލޫމާތު ލިބިވަޑައިގެންނެވި މަސްދަރެއް އޭނާ ހާމައެއް ނުކުރައްވައެވެ.

comment ކޮމެންޓް