ގައުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީ އެއް ޕީޕީއެމް-އެމްޑިއޭ ކޯލިޝަނުން ވާނެ: އަދުރޭ

ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހި ގައުމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީ އެއް ޕީޕީއެމް-އެމްޑިއޭ ކޯލިޝަނުން ވާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އެ ޕާޓީން މަސައްކަތް ކުރަނީ މުޅި ދިވެހި ގައުމުގެ ހައްގުގައި ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރާ ކޮންމެ މީހަކާ ދެކޮޅަށް ކުރިމަތިލާން ތައްޔާރަށް ތިއްބެވި ކަމަށެވެ.

"މީހަކު ދައްކާ ވާހަކަ އަކަށް އަޅުގަނޑުމެން ބިރުން ފަހަތަކަށް ނުދާނަން. އަޅުގަނޑުމެނަށް ފޮނުވާ މެސެޖަކަށް، އަޅުގަނޑުމެނަށް ސޯޝަލް މީޑިއާގައި ދޭ ހަމަލާތަކަކަށް އެއްވެސް ޖެހިލުމެއް ނެތް. އެ ބޭފުޅުން ހަދާނެ ގޮތަކަށް ފޮޓޯ ހަދަންވީ، އަދި ވީޑިއޯ ހަދާފައި ވީޑިއޯ ވެސް ނެރެން ވީ. އަޅުގަނޑުމެން ޕީޕީއެމް-އެމްޑީއޭ ކޯލިޝަނުގެ ރައްޔިތުން މަޖިލީހުގެ މެމްބަރުންނަކީ މި ގައުމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީ އެއް ވަރަށް ކެރިގެން ވާން ތިބި ބައެއް،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އަދިވެސް އިތުރު ބިލްތަކެއް ފާސްކުރަން ޖެހިއްޖެޔާ ކުރާނެ ކަމަށާއި ރައީސް ޔާމީނުގެ ވެރިކަން ދަމަހައްޓަން އިސްލާހު ކުރަން ޖެހޭ ކޮންމެ ގާނޫނެއް، ފާސްކުރަން ޖެހޭ ކޮންމެ ގާނޫނެއް ފާސް ކުރާނެ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ގޮނޑި ވިއްކުމަށް މުޅި މަޖިލީހުން ވެސް ނޫނެކޭ ބުނަން ކެރުނު ހަމައެކަނި އަންހެން މެމްބަރަކީ ޕީޕީއެމްގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ކަމަށެވެ.

"ގޮނޑި ވިއްކުމަށް ނޫނެކޭ ބުނަން އަދާލާތު ޕާޓީގެ އަނާރާ ނައީމަށް ކެރިވަޑައި ނުގަތުމަކީ އަޅުގަނޑުމެން އެކަމާ މެދު ދެވަނަ ފަހަރަށް ސުވާލު އުފައްދަން ޖެހޭ ކަމެއް. އިސްތިހާރާ ނަމާދު ކޮށްގެން ވެސް ނަޒާހާތްތެރި ކަމަށް އާނއެކޭ ބުނަން ނުކެރުނީ ތޯ. ނުވަތަ މިއަދު އަޅުގަނޑުމެން ކުރި މަސައްކަތް އެ ކަމަނާ އަށް އެނގިވަޑައި ނުގަންވަވަނީ ތޯ. އަދާލަތު ޕާޓީ ވީމަ މި ސުވާލު ކުރެއްވީ. ޖޭޕީ އަކީ އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭނެ ވިޔަފާރި ކުންފުންޏެއް ކަން،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ތިމާގެ ގޮނޑި ވިއްކާ ނުލާނަމޭ ބުނަން ކެރުނު 36 މެމްބަރުންގެ ތެރޭގައި ހިމެނިގެން ދިއުމަކީ ރާއްޖޭގެ ތާރީޚުގައި ފަލަ ސުރުހީގަ ރަން އަކުރުން ލިޔެ ލެވޭނެ ކަމެއް ކަމަށެވެ.

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ މިއަދު އެންޓި ޑިފެކްޝަން ބިލަށް ވޯޓު ދެއްވި 36 މެމްބަރުން އެ ވޯޓު ދެއްވީ އަމިއްލަ މަސްލަހަތު ދޫކޮށް ގައުމީ މަސްލަތަށްޓަކައި ކަމަށާއި ޕީޕީއެމް-އެމްޑީއޭ މެމްބަރުން ތިބީ ނަޒާހަތްތެރިކަން އެކަމުން ސާބިތުވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މި ތިއްބެވި އެއްވެސް ބޭފުޅަކު މި ގައުމުގެ އަމަން އަމާންކަން ނަގާލާކަށް ބޭނުމެއް ނުވޭ. ގައުމުގެ އިސްތިގުލާލާ ތޮޅެއް އަންނަ ބަޔަކަށް އާނއެކޭ ބުނަން ބޭނުމެއް ނުވޭ. އަޅުގަނޑުމެން މި ތިބީ ވަރަށް ސާބިތުކަމާއެކު އެކަމާ ދެކޮޅު ހަދަން. އެކަހަލަ ކޮންމެ ހަމަލާއަކާ ދެކޮޅަށް އަޅުގަނޑުމެން ޕީޖީ ގްރޫޕުން ތެދުވާނެކަން މި ސާބިތުކޮށްދިނީ،" އާރިފް ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންޓި ޑިފެންކްޝަން ބިލު، އިލެކްޝަންސް ކޮމިޝަނުން މެންބަރުން ނޫން ކަމަށް ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް 36 މެމްބަރުންގެ ވޯޓާ އެކު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ އެ ބިލު ހިނގާނީ 13 ޖުލައި 2017 ވަނަ ދުވަހުގެ ފަހުން މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް އިލެކްޝަނުން މަޖިލީހަށް އަންގާފައިވާ ހާލަތްތަކުން ފެށިގެން ކަމަށް ކަނޑަ އެޅުމަށް ފަހު އެވެ. އެ ބިލު މަޖިލީހަށް ހުށަހެޅި އިރު ބުނެފައި ވަނީ އެ ބިލަށް އަމަލު ކުރަން ފަށާނީ ގާނޫނަކަށް ބަދަލުވެ ތަސްދީގު ކުރާ ދުވަހުން ފެށިގެން ކަމަށެވެ.

comment ކޮމެންޓް