ޓިލަސަން ވަކިކޮށް، ސެކްރެޓަރީ އޮފް ސްޓޭޓުކަމަށް ސީއައިއޭގެ ޑިރެކްޓަރު ޕޮމްޕިއޯ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުކަމަށް އައްޔަނުކުރި މައިކް ޕޮމްޕިއޯ --

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓު (ޚާރިޖީ ވަޒީރު)ގެ މަގާމުގައި ހުންނެވި ރެކްސް ޓިލަސަން އެމަގާމުން ވަކިކޮށްފިއެވެ.

މަގާމުގައި ހުންނަވާތާ 14 މަސް ދުވަސް ފަހުން ޓިލަސަން ވަކިކުރެއްވިކަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓްވީޓުކުރައްވައި، ހާމަކުރައްވައިފައެވެ.

ޓްރަމްޕްގެ ޓްވީޓުގައިވާ ގޮތުން، އެ މަގާމާ ދެން ހަވާލުވެވަޑައިގަންނަވާނީ އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ މައިކް ޕޮމްޕިއޯއެވެ.

ރައީސް ޓްރަމްޕް ވަނީ ރެކްސް ޓިލަސަން ސަރުކާރަށް ކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދާކުރައްވައިފައެވެ.

މީގެ ތިން މަހެއްހާ ދުވަސް ކުރިންވެސް ސެކްރެޓަރީ އޮފް ސްޓޭޓުގެ މަގާމުގައި ހުންނެވި ޓިލަސަން މަގާމުން ދުރުކޮށް، އެމަގާމަށް ޕޮމްޕިއޯ ގެނައުމަށް ރައީސް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދެވިކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް އެކަމަށް އެމެރިކާގެ ސެކްރެޓޭރިއެޓް އޮފް ސްޓޭޓުން ވަނީ ދޮގު ކޮށްފައެވެ.

ސެކްރެޓަރީ އޮފް ސްޓޭޓުކަމަށް ޕޮމްޕިއޯ ހަމަޖެއްސުމާ އެކު، ހުސްވެފައިވާ ސީއައިއޭގެ ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސަނީ ކަނބަލެއްކަމަށް ރައީސް ޓްރަމްޕްގެ ޓްވީޓުގައި ވަނީ ހާމަކުރައްވައިފައެވެ.

ސީއައިއޭގެ ޑިރެކްޓަރުކަމަށް އައްޔަނުކުރަނީ އެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރުގެ ގޮތުގައި ހުންނެވި ޖީނާ ހެސްޕެލްއެވެ.

comment ކޮމެންޓް