ނޭމާ ބޭނުންވަނީ ވޯލްޑް ކަޕްގެ ކުރިން ޓްރާންސްފާ ކަންތައް ނިންމަން

ބްރެޒިލް އަދި ޕީއެސްޖީގެ ތަރި ނޭމާ --- ފޮޓޯ/ އޭޕީ

ބްރެޒިލް އަދި ޕީއެސްޖީގެ ތަރި، ނޭމާ ބޭނުންވަނީ އަންނަ ޖޫން މަހު އޮންނަ ވޯލްޑް ކަޕްގެ ކުރިން އޭނާގެ ޓްރާންސްފާއަށް ކޮންމެވެސް އެއް ގޮތެއް ނިންމަން ކަމަށް ސްޕެއިންގެެ މީޑިއާތައް ބުނެފިއެވެ.

ދުނިޔޭގެ ރެކޯޑު އަގެއްގައި ސްޕެއިންގެ ބާސެލޯނާއިން ފްރާންސްގެ ޕީއެސްޖީއަށް ނޭމާ ބަދަލުވީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައެވެ.

ޕީއެސްޖީއާއެކު މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އައި ނޭމާ މިވަގުތު ހުރީ އަނިޔާގައެވެ. އޭނާގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ހެދި ކާމިޔާބު ސާޖަރީއަށްފަހު މިވަގުތު އަންނަނީ ރަނގަޅުވަމުންނެވެ. ނޭމާގެ ސާޖަރީ ހެދި ބްރެޒިލްގެ ޑޮކްޓަރު ރޮޑްރީގޯ ލާސްމާ ބުނެފައިވަނީ ނޭމާ އެނބުރި ކުޅުމަށް އަންނަން ތިން މަސް ބޭނުންވާނެ ކަމަށެވެ.

ނޭމާގެ އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ އޭނާގެ ބައްޕަ، ނޭމާ ސަންޓޯސްއާ ހަވާލާދީ ސްޕެއިންގެ ނޫސްތަކުން ބުނެފައިވަނީ ނޭމާ ބޭނުންވަނީ ވޯލްޑް ކަޕްގެ ކުރިން އޭނާގެ މުސްތަގުބަލަށް ގޮތެއް ނިންމަން ކަމަށެވެ. ވޯލްޑް ކަޕަށް ބްރެޒިލާއެކު ދިއުމަށް ނޭމާ ބޭނުންވަނީ އޭނާގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާ، ވަރަށް ހަމަޖެހިގެން ކަމަށްވެސް ނޫސްތަކުން ބުނެއެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑުން ނޭމާއަށް ލޯ އަޅަމުންދާ ކަމަށް މީޑިއާގައި އަޑުތައް ފެތުރިފައިވާއިރު، ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. މީގެ އިތުރުންވެސް ނޭމާގެ އެންމެ ބޮޑު އެއް ސްޕޮންސާކަމަށްވާ ނައިކީގެ އެހީގައި ނޭމާ ރެއާލްއަށް ގެންދަން މަސައްކަތްކުރާ ކަމުގެ އަޑުތައްވެސް މީޑިއާގައިވަނީ ފެތުރިފައެވެ.

comment ކޮމެންޓް