ހައްގެއް ގެއްލިގެން މިދިޔަ އަހަރު 365 މައްސަލަ، ގިނައީ ގައިދީންނާ ގުޅޭ މައްސަލަތައް!

ގައިދީން ތަކެއް ދަނޑު ހެއްދުމުގެ މަސައްކަތުގައި --- ސަން ފައިލް ފޮޓޯ/ އަހުމަދު ޝަރުވާން

އިންސާނީ ހައްގެއް ގެއްލިފައިވާ ކަމަށް ބުނެ މިދިޔަ އަހަރު ޖުމްލަ 365 މައްސަލަ ހުށަހެޅި ކަމަށާއި އޭގެ ތެރޭގައި ގިނައީ ގައިދީންއާ ގުޅޭ މައްސަލަތައް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު އެ ކޮމިޝަންގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ވާގޮތުން، މިދިޔަ އަހަރު ހުށަހެޅުނު ޖުމްލަ މައްސަލަތަކުގެ ތެރެއިން 271 މައްސަލައެއް މިއަހަރުގެ ތެރޭގައި ކޮމިޝަނުން ބަލައި ވަނީ ނިންމައިފައެވެ. އެއީ ޖުމްލަ އަދަދުގެ 74 ޕަސެންޓެވެ.

މިދިޔަ އަހަރު ހުށަހެޅި ޖުމްލަ މައްސަލަތަކުގެ ތެރެއިން ގައިދީންގެ ހައްގުތަކާ ގުޅުންހުރި 76 މައްސަލަ އަކާއި ގައިދީން ހުށަހަޅާފައިވާ ސިއްހީ މައްސަލަތަކުގެ 69 މައްސަލައެއް ހިމެނެއެވެ.

އެ މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު ނިމުނުއިރު ނިންމިފައިވަނީ ގައިދީންގެ ހައްގުތަކާ ގުޅުންހުރި 50 މައްސަލައަކާއި ގައިދީން ހުށަހަޅާފައިވާ ސިއްހީ މައްސަލަތަކުގެ އެންމެ 22 މައްސަލަ އެވެ.

އަދި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި 40 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅުނު ނަމަވެސް އަހަރު ދުވަހުގެ ތެރޭގައި އެ މައްސަލަތަކުގެ ތެރެއިން އެޗްއާރުސީއެމްއަށް ނިންމިފައިވަނީ އެންމެ ފަސް މައްސަލައެވެ.

މިދިޔަ އަހަރު ހުށަހެޅި ލާއިންސާނީ އަނިޔާގެ 45 މައްސަލައިގެ ތެރެއިން އެޗްއާރުސީއެމުން ބުނީ، އަހަރު ނިމުނުއިރު ނުނިމި އޮތީ އޭގެ އެންމެ ހަތް މައްސަލަ ކަމަށެވެ. އަދި ބަންދުކުރެވޭ ފަރާތްތަކާ ގުޅޭ 34 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިއިރު، 23 މައްސަލަ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ބަލައި ނިންމައިފައެވެ.

އެޗްއާރުސީއެމުން ބުނީ، މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނުން އިސްނަގައިގެން 33 މައްސަލައެއް ބަލަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަހަލަ މައްސަލަތަކެއް ކަމެއް ބުނެފައެއް ނުވެއެވެ.

އެޗްއާރުސީއެމްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ބުނާގޮތުން މިދިޔަ އަހަރު ނިމުނު އިރުވެސް އެ ކޮމިޝަނުން 173 މައްސަލަ ދަނީ ބަލަމުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ގައިދީން ހުށަހަޅާފައިވާ ސިއްހީ މައްސަލަތަކުގެ 47 މައްސަލަ އަކާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި 35 މައްސަލަ އަކާއި ގައިދީންގެ ހައްގުތަކާ ގުޅުންހުރި 26 މައްސަލަ އެކެވެ.

comment ކޮމެންޓް