ލޯނު ނަގަނީ އާމްދަނީ ލިބޭ މަޝްރޫއުތަކަށް، ދަރަނިވެރިއެއް ނުވާނެ: ސަރުކާރު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (މ) އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު (ވ) ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހި ސަރުކާރުން ބޭރުގެ އިދާރާތަކާއި ގައުމުތަކުން ބޮޑެތި ލޯނުތައް ނަގަމުން ދަނީ އާމްދަނީ ލިބޭނެ މަޝްރޫއުތަކަށް ޚަރަދުކުރުމަށް ކަމަށާއި، ޢެގެ ސަބަބުން ރާއްޖެ ދަރަނިވެރި ނުވާނެކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފިއެވެ.

މިހާރު ރާއްޖެ އައިސް އުޅޭ އިންޑިއާގެ ނޫސްވެރިންގެ ގްރޫޕަކަށް ދިވެހި ސަރުކާރުން ދިން ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމަށް އޮތީ ހުޅުވާލެވިފައިވާ ދައުވަތެއް ކަމަށެވެ.

"ރައީސް ޔާމީން އޮތީ މުޅި ދުނިޔެއަށް އެކަމުގެ ދައުވަތު ދެއްވާފައި. އެއީ މި ސަރުކާރުގެ އެންމެ ބޮޑު ޕްރަޔޯރިޓީއަކީ. އެހެންވެ މި ބުނަނީ ރާއްޖެއަކީ ހުޅުވިފައިވާ ގައުމެކޭ. އެންމެންނަށްވެސް އިންވެސްޓްމެންޓަށް ހުޅުވާލެވިފައި އޮތް ގައުމެއް މިއީ،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިންވެސްޓްކުރާ ގައުމުތަކާއި އެ ގައުމުތަކުގެ އިންވެސްޓްމެންޓްތަކަށް އިހުތިރާމުކުރަންޖެހޭ ކަމަށެވެ. އަދި ބޭރުގެ ބޭންކްތަކުން ރާއްޖެއަށް އިތުބާރުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖެއަށް ކްރެޑިޓު ދޫކޮށްފައިވާ ހުރިހާ ބޭންކްތަކުންވެސް ގަބޫލުކުރޭ ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން ރާއްޖެއިން އެ އިންވެސްޓްމެންޓްތައް އަނބުރާ ދެއްކުމުގެ ގާބިލުކަން ހުރެގެންކަން ލޯނު ނަގަނީ،"

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ލޯނު އަނބުރާ ދެއްކުމުގެ ގާބިލުކަން ނެތްނަމަ ރާއްޖެއަށް އެ ލޯނުތައް ފޯރުކޮށްނުދޭނެ ކަމަށެވެ.

މި ޕްރެސް ކޮންފަރަންސްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖެއިން ލޯނުތައް ނަގަނީ ބަޖެޓު ސަޕޯޓަށް ނޫން ކަމަށެވެ. ނަމަވެސް ލޯނުތައް ނަގަނީ ރެވެނިއު ނުވަތަ އާމްދަނީ އުފައްދާ މަޝްރޫއުތައް ހިންގުމަށް ކަނަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގައި ދަރަންޏެއްގެ މަޅީގައި ޖެހޭނެ ގޮތެއް ނޯންނާނެ. އާމްދަނީ ޖެނެރޭޓުކުރާ މަޝްރޫއުތަކަށް ލޯނު ހޯދަނީ. މިސާލަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަށް ފައިސާ އައީ ޗައިނާގެ އެގްޒިމް ބޭންކާއި ސައުދީ ފަންޑުން. ހުޅުމާލޭގެ މަގުތަކުގެ ނެޓްވޯކް ގާއިމުކުރީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި،"

"މިއިން އެއްވެސް ލޯނެއް ނެގީ ބަޖެޓު ސަޕޯޓަކަށް ނޫން. ބައެއް ލޯނުތައް ސޮވެރިން ގެރެންޓީއާ އެކު ދީފައި ވަނީ،" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ގިނަ އިންވެސްޓްމެންޓް އައީ ސިންގަޕޫރުންނެވެ. ދެން އެންމެ ބޮޑު އިންވެސްޓްމެންޓް އައީ މެދު އިރުމަތީގެ ގައުމުތަކުންނެވެ.

comment ކޮމެންޓް