ބީއެމްއެލްގެ ގެދޮރާ ބެހޭ ދެ ލޯނެއްގެ އިކުއިޓީ ބޮޑުކޮށްފި

އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ --- ސަން ފައިލް ފޮޓޯ: އަލީ ނަސީރު

ބޭންކް އޮފް މޯލްޑިވްސްއިން ގެދޮރު އެޅުމަށްޓަކައި ދޫކުރާ ދެ ލޯނެއްގެ އިކުއިޓީގެ އެންމެ ކުޑަ މިންވަރު ބޮޑުކޮށްފިއެވެ.

ބީއެމްއެލްއިން އިކުއިޓީ ބޮޑުކޮށްފައިވާ ދެ ލޯނަކީ ޕާސަނަލް ލޯންސްގެ ދަށުން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ލޯނު އަދި ބިޒްނަސް ލޯންސްގެ ދަށުން ދޫކުރާ "ރިއަލް-އެސްޓޭޓް" ލޯނެވެ.

މީގެ ކުރިން ހޯމް ކޮންސްޓްރަކްޝަން ލޯނުގެ އިކުއިޓީގެ ގޮތުގައި ބަހައްޓަންޖެހެނީ އެންމެ މަދުވެގެން 20 ޕަސެންޓެވެ. އަދި ރިއަލް އެސްޓޭޓް ލޯނު ނަމަ އިކުއިޓީގެ ގޮތުގައި ބަހައްޓަންޖެހެނީ އެންމެ މަދުވެގެން 25 ޕަސެންޓެވެ.

ހޯމް ކޮންސްޓްރަކްޝަން ލޯނުގެ ގޮތުގައި މިހާރު ބަހައްޓަން ޖެހޭނެ އެންމެ ކުޑަމިންވަރަކީ 30 ޕަސެންޓެވެ. ބީއެމްއެލްގެ ވެބްސައިޓުގައި ބުނެފައިވާގޮތުން އިކުއިޓީ 30 ޕަސެންޓަށް އިންޓްރެސްޓަކީ 11.25 ޕަސެންޓެވެ. އިކުއިޓީ 40 ޕަސެންޓަށް އިންޓްރެސްޓަކީ 11 ޕަސެންޓެވެ. އަދި އިކުއިޓީ 50 ޕަސެންޓު ބަހައްޓައިފިނަމަ އިންޓްރެސްޓަކީ 10.50 ޕަސެންޓެވެ.

ހޯމް ކޮންސްޓްރަކްޝަން ލޯނު އެހެން މީހަކާ އެކުވެގެންވެސް ނެގިދާނެއެވެ. އެންމެ ކުޑައަދަދެއްގެ ގޮތުގައި ނެގޭނީ 50،000 ރުފިޔާއެވެ. އެންމެ ބޮޑު އަދަދަކަށް 10،000،000 ރުފިޔާއެވެ. އަހަރު ދުވަހުގެ ގްރޭސޕީރިއަޑަކާއެކު މި ލޯނު ހަލާސްކުރަން 15 އަހަރުގެ މުއްދަތެއް ލިބެއެވެ.

ރިއަލް އެސްޓޭޓް ލޯނުގެ އިކުއިޓީގެ ގޮތުގައިވެސް އެންމެ ކުޑަ މިންވަރަކަށްވެސް މިހާރު ބެހެއްޓޭނީ 30 ޕަސެންޓުކަމަށް ބީއެމްއެލްގެ ވެބްސައިޓުގައި ވެއެވެ. އެހެންކަމަށްވާނަމަ އިންޓްރެސްޓަކީ 11.75 ޕަސެންޓެވެ. އިކުއިޓީ 40 ޕަސެންޓުނަމަ އިންޓްރެސްޓަކީ 11.50 ޕަސެންޓެވެ. އިކުއިޓީ 50 ޕަސެންޓުގެ އިންޓްރެސްޓަކީ 10.50 ޕަސެންޓެވެ.

ރިއަލް އެސްޓޭޓު ލޯނުގެ ގޮތުގައި 50،000 ރުފިޔާ އާއި 10،000،000 އާ ދެމެދުގެ އަދަދެއް ނެގޭނެއެވެ. ގްރޭސް ޕީރިއަޑުގެ ގޮތުގައި އެއް އަހަރާއެކު މި ލޯނު ދައްކަން ޖެހެނީ 20 އަހަރުންނެވެ.

comment ކޮމެންޓް