ފަލަސްތީނުގެ ބޮޑުވަޒީރުގެ ވަފުދަށް އަމާޒުކޮށް ގާޒާގައި ހަމަލާއެއް ދީފި

ފަލަސްތީނުގެ ބޮޑުވަޒީރު ރާމީ ހަމަދުﷲ -- ފޮޓޯ: ރޮއިޓާސް

ގާޒާ (މާޗް 13): ފަލަސްތީނުގެ ބޮޑުވަޒީރު ރާމީ ހަމަދުﷲ ގާޒާއަށް ވަޑައިގެންނެވި މަގުމަތީގައި، އެމަނިކުފާނާއި އެމަނިކުފާނުގެ ވަފުދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފިއެވެ.

އަލްޖަޒީރާގައިވާ ގޮތުން އެއްޗެއް ގޮއްވާލާފައިވަނީ ހަމަދުﷲ އަދި އެމަނިކުފާނާ އެކު ދަތުރުކުރެއްވި ވަފުދު، އިސްރާއީލުން ގާޒާއަށް ވަންނަން ހުރަސްކުރަންޖެހޭ ބައިތު ހަނޫން ޗެކްޕޮއިންޓު ފަހަނައަޅާ ދިޔަ ފަހުންނެވެ.

އެ ހާދިސާގައި ބޮޑުވަޒީރު ރާމީ ހަމަދުﷲއަށް އަނިޔާވެފައެއް ނުވެއެވެ. ނަމަވެސް ފަސް މީހަކަށް ކުދިކުދި އަނިޔާ ލިބުނެވެ.

އެހެން ރިޕޯޓުތަކުގައިވާ ގޮތުން ހަމަދުﷲގެ މޮޓޯކޭޑުގައި ހިމެނޭ ތިން އުޅަނދަކަށް އެހަމަލާގައި ގެއްލުން ލިބުނެވެ.

ބޮޑުވަޒީރު ހަމަދުﷲ ނިސްބަތްވާ ފަތަހަ ޕާޓީން ވަނީ އެހަމަލާގެ ފަހަތުގައި ވަނީ ގާޒާގައި ވެރިކަން ކުރާ ހަމާސް ކަމަށް ބުނެފައިއެވެ. ނަމަވެސް އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެއެވެ.

ގާޒާއަކީ ހަމާސް ޖަމާއަތުގެ މެޖޯރިޓީއެއް އޮންނަ ސަރަހައްދެކެވެ. ފަލަސްތީނުގެ ސަރުކާރު ގާއިމުކޮށްފައިވަނީ ހުޅަނގު އައްސޭރީގައެވެ. އެ ސަރުކާރު ކޮންޓްރޯލް ކުރަނީ ފަތަހަ ޕާޓީންނެވެ.

(އަލްޖަޒީރާ)

comment ކޮމެންޓް