އެމެރިކާ އިން ދިމިޝްގްއަށް ދޭ ހަމަލާ ރަޝިއާގެ ސިފައިންނަށް އަމާޒުވެއްޖެނަމަ ރައްދު ދޭނަން؛ ރަޝިއާ

ސީރިއާގެ ލަތާކިއާގައި ހުންނަ ރަޝިއާގެ އަސްކަރީ މަރުކަޒުގައި ރަޝިއާ ސިފައިން--

އެމެރިކާ އިން ސީރިއާގެ ވެރިރަށް ދިމިޝްގަށްދޭ ހަމަލާގައި ރަޝިއާގެ ސިފައިންނަށް އަމާޒުވެެއްޖެ ނަމަ ރައްދުގައި ހަމަލާދޭނެ ކަމަށް ރަޝިއާ އިން ބުނެފި އެވެ.

ރަޝިއާގެ ޖެނެރަލް ސްޓާފް ވެލަރީ ގްރެސެމޯވް ވިދާޅުވީ ސީރިއާގައި ހަރަކާތްތެރިވާ ރަޝިއާގެ ސިފައިންނާއި އެހެނިެހން މީހުންނަށް ހަމަލާތައް އަމާޒުވުމަކީ އެގައުމުން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"ސީރިއާގެ ޑިފެންސްގައި އެބަ ހަރަކާތްތެރިވޭ ވަރަށް ގިނަ ރަޝިއާގެ ސިފައިންނާއި އެޑްވައިޒަރުން،" ވެލަރީ ވިދާޅުވި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ސީރިއާގެ ސަރުކާރުގެ ބޮލުގައި ތުހުމަތުތަކެއް އެޅުވުމުގެ ގޮތުން ސީރިއާގެ ހައްދު ފަހަނަ އަޅާފައިވާ ހަނގުރާމަވެރިން ކެމިކަލް ހަތިޔާރު ބޭނުންކުރަން އުޅޭކަމުގެ މައުލޫމަތު ލިބިފައިވާ ކަމަށެވެ. އަދި އެހަމަލާތައް ދޭއިރު ގޫތާގެ އާންމުން "އިންސާނި އައްޑަނަ" އެއްގެ ގޮތުގައި ބޭނުންކުރުމަށް ވެސް ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރިން ނިންމަައިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކެމިކަލް ހަތިޔާރުގެ ހަމަލާތައް ދިނުމަށް ފަހު "ޕްރޮޕެގަންޑާ" ފެތުރުމުގެ ގޮތުން ސީރިއާގައި ހަރަކާތްތެރިވާ "ވައިޓް ހެލްމެޓްސް"ގެ ފިލްމު ކުރޫ ގޫތާއަށް ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެމެރިކާ ސަރުކާރުގެ ރުހުން ވަަރަށް ބޮޑަށް ލިބިފައިވާ "ވައިޓް ހެލްމެޓްސް' އާ ބެހޭ ގޮތުން ހަދައިފައިވާ ޑޮކިއުމެންޓްރީއަށްް ދާދި ފަހުން ހޮލީވުޑުން ވަނީ އޮސްކާއެއް ވެސް އަރުވައިފަ އެވެ.

comment ކޮމެންޓް