Sun Online
19 ފެބްރުއަރީ 2018: މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް
19 ފެބްރުއަރީ 2018: މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލު ފާސްކޮށްފި

ފާތިމަތު ސައީދު
ލިޔުނީފާތިމަތު ސައީދު

އިލެކްޝަންސް ކޮމިޝަނުން މެންބަރުން ނޫން ކަމަށް ކަނޑައަޅާފައި 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންޓި ޑިފެންކްޝަން ބިލު 36 މެމްބަރުންގެ ވޯޓާ އެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ކޮމިޓީން ގެނައި ބަދަލުތަކާ އެކު އެ ބިލު ފާސްކޮށްފައި ވަނީ މިއަދު މަޖިލީހަށް ހާޒިރުވި މެމްބަރުންގެ ތެރެއިން 36 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހަށް ހާޒިރުވި މެމްބަރުންގެ އަދަދަކީ 38 ކެވެ. ވޯޓުގައި ބައިވެރިނުވަނީ ކޮން މެމްބަރެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އިދިކޮޅު މެމްބަރުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ.

އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ އެ ބިލު ހިނގާނީ 13 ޖުލައި 2017 ވަނަ ދުވަހުގެ ފަހުން މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް އިލެކްޝަނުން މަޖިލީހަށް އަންގާފައިވާ ހާލަތްތަކުން ފެށިގެން ކަމަށް ކަނޑަ އެޅުމަށް ފަހު އެވެ. އެ ބިލު މަޖިލީހަށް ހުށަހެޅި އިރު ބުނެފައި ވަނީ އެ ބިލަށް އަމަލު ކުރަން ފަށާނީ ގާނޫނަކަށް ބަދަލުވެ ތަސްދީގު ކުރާ ދުވަހުން ފެށިގެން ކަމަށެވެ.

އެގޮތަށް ބިލު ފާސްކުރުމާ އެކު މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑަ އަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ވަނީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ، ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ)، ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.

ބިލުގައިވާ ގޮތުން މަޖިލީހަށް މެމްބަރަކު އިންތިހާބުވާ ޕާޓީން ވަކި ވުމުން ނުވަތަ އިންތިހާބު ވާ ޕާޓީން ވަކިކުރުމުން ނުވަތަ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނެ އެވެ.

އެހެން ނަމަވެސް މިނިވަން މެމްބަރަކު ޕާޓީއަކަށް ބަދަލުވިޔަސް ގޮނޑި ނުގެއްލޭނޭ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ވިޕްލައިނާ ހިލާފުވެގެން ވެސް ގޮނޑި ނުގެއްލޭނެ ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން ޕާޓީން އަޅާ ސުލޫކީ ފިޔަވަޅަކުން ގޮނޑި ނުގެއްލޭނެ ކަަމަށްވެސް ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

infinity loading...
×
DB released 01.