ޖިނާއީ ކުށެއް ސާބިތުވުމުން ފަނޑިޔާރުކަން ގެއްލޭ ގޮތަށް މަޖިލީހުން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ޝަރުއީ ކޯޓަކުން ކަނޑައަޅާ ހިސާބުން ފަނޑިޔާރުގެ މަގާމު ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުން އެ އިސްލާހު ފާސްކޮށްފައި ވަނީ 38 މެމްބަރުންގެ ވޯޓާ އެކު އެވެ. އިދިކޮޅު މެމްބަރުން މިއަދު ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރެއަށް ޝަރުތެއް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގެ ފަސް ވަނަ ނަމްބަރެއްގެ ގޮތުގައި އިތުރުކޮށްފައި ވަނީ ފަނޑިޔާރު ވާން ޖެހޭނީ "ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ނުދާ މީހެއް" ކަމުގަ އެވެ.

އޭގެ އިތުރުން ޖިނާއީ ތަހުގީގުތަކާ ގުޅިގެން ފަނޑިޔާރުން ސަސްޕެންޑް ކުރާ މާއްދާ އަކާއި ޖިނާއީ ކުށެއް ސާބިތުވާ ފަނޑިޔާރުންނާ މެދު އަމަލު ކުރާނެ ގޮތުގެ މާއްދާއެއް ގާނޫނަށް ވަނީ އިތުރު ކޮށްފަ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް 24 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރަން ހުށަހަޅާފައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ފަނޑިޔާރަކު ހައްޔަރު ކުރުމުން މުސާރަ ލިބޭ ގޮތަށް ފަނޑިޔާރު ސަސްޕެންޑް ކުރަން ވާނެ ކަމަށް ބުނާ މާއްދާ އެކެވެ. އަދި ދައުވާ އުފުލޭ ހިސާބުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ވެސް ވަނީ ގާނޫނަށް ބަދަލު ގެނެސްފަ އެވެ.

ކޯޓުން ޖިނާއީ މައްސަލައެއް ސާބިތުވާ ކަމަށް ކަނޑައަޅާ ހިސާބުން ފަނޑިޔާރުކަން ގެއްލޭނެ ކަމަށްވެސް އިސްލާހު ކުރި މާއްދާގައި ބުނެފައިވެ އެވެ.

ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެ މީހަކު ގާބިލު ނޫން ކަމަށް ނުވަތަ އެމަގާމާ އެކަށީގެން ނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައި މާއްދާއެއް އިތުރުކޮށް ބުނެފައި ވަނީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާ ޖިނާއީ ކުށެއް ސާބިތުވާ ފަނޑިޔާރުންގެ މައްޗަށް ނުހިނގާނެ ކަމަށެވެ. އެއީ އެހާލަތުގައި ފަނޑިޔާރު މަގާމުން ވަކިވުމަކީ ތައުދީބީ ނުވަތަ އުސޫލީ މައްސަލައަކާ ގުޅިގެން ފިޔަވަޅު އެޅުން ކަމަށް ނުވާތީ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް