ކަށުކަމާކެމީގެ ތަކެތީގެ އަގު ބޮޑު ނުކުރަން، އާސަހަރާގައި ފަންޑު ފޮއްޓެއް ބަހައްޓައިފި

މަޝްހޫރު ލަވަ ކިޔުންތެރިޔާ މޭޖާ އަހްމަދު އާތިފްގެ ޖަނާޒާ އާ ސަހަރާގައި ބޭއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތަކެތީގެ އަގުބޮޑުވި ނަމަވެސް ކަށުކަމާކެމީގައި ބޭނުން ކުރާ ތަކެތީގެ އަގުބޮޑު ނުކުރަން، އެކަންކަން ކޮށްދެމުން އަންނަ ޖަމިއްޔަތުއް ތައުވާން އިން އާސަހަރާގައި ފަންޑު ފޮއްޓެއް ބަހައްޓައިފި އެވެ.

ހަމައެކަނި ތަކެތީގެ އަގަށްވާ މިންވަރުގެ ފީއެއް ނަގައިގެން، 2001 ވަނަ އަހަރުން ފެށިގެން ކަށުކަމާކެމީގެ ކަންކަން ކޮށްދެމުން އަންނަ ޖަމިއްޔަތުއް ތައުވާންގެ ރައީސް ޖައުފަރު އީސާ މިއަދު ވިދާޅުވީ، ސަރުކާރުން އެ ޖަމިއްޔާއަށް ދީފައިވާ އިމާރާތުގައި މީގެ ކުރީން ވެސް ފަންޑު ފޮއްޓެއް ބަހައްޓާފައި ހުންނަ ކަމަށެވެ.

އަދި މީގެ ކުރިން އެ ޖަމިއްޔާ އިން ކަށުކަމާކެމީގެ ކަންކަން ހަމަޖައްސައިދެމުން އައީ މެމްބަރުންގެ އަތުން ނަގާ ޗަންދާ އާއި ހައިރާތުގެ ގޮތުގައި ލިބޭ ފައިސާ އިން ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މެމްބަރުންގެ އަތުން ވެސް އެކަށީގެންވާ ވަރަށް ފައިސާ ނުލިބި، ދަތިތަކެއް ދިމާވުމުން އައުމާއި އޮފީސް ބަންދު ވަގުތުތަކުގައި އާންމުންނަށް ވެސް ފަންޑަށް ފައިސާ ނުލެވޭތީ، އޮފީހުން ބޭރުން ފައިސާ ލެވޭނެ އިންތިޒާމް ހަމަޖެއްސީ ކަމަށް ޖައުފަރު ވިދާޅުވި އެވެ.

ޖަމިއްޔަތުއް ތައުވާން އިން މިހާރު ފަންޑު ފޮށި ބަހައްޓާފައި ވަނީ އާސަހަރާ އަށް ވަންނަ ގޭޓުގެ ވާތް ފަރާތުގަ އެވެ.

އެގޮތުން މިހާރު ބޮޑު މީހެއްގެ ކަށުކަމާކެމީގެ ހުރިހާ ކަމަކަށް ނަގަނީ 900 ރުފިޔާ އާއި 1،200 ރުފިޔާއާ ދެމެދުގެ އަގެކެވެ. ކުޑަކުދިންނަށް 50 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދުގެ އަގެކެވެ. ނަމަވެސް މީހެއްގެ އިސްކޮޅަށް ބަލައި އަގަށް ބަދަލު އަންނާނެ އެވެ.

މި އަގަކީ ކަފުނާއި ކަފަ އާއި ސަންދޯކާއި ވަޅަށް އަޅާނެ ވެއްޔާއި ވެލި ބާލީހާއި ދެން ވެސް މިކަމަށް ބޭނުންވާ ހުރިހާ އެއްޗަކަށް ނަގާ އަގެވެ. އަދި ފައިސާގެ ތަނަވަސްކަން ނެތް ނަމަ ޖަމިއްޔާ އިން އަގެއް ވެސް ނުނަގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު