ގްރީން ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިއްޖެ: ސުޒޭން

ގްރީންގެ ކޯޗު އަލީ ސުޒޭން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިހާތަނަށް މާލޭ ލީގުގައި ކުޅުނު ތިން މެޗުން ދެ ޕޮއިންޓް ލިބިފައި އޮތް ކްލަބު ގްރީން ސްޓްރީޓްސް އިން މި ހަފްތާ ނިންމާލީ ބައްޔަކާއެކުގަ އެވެ. ކްލަބު އީގަލްސް އާ ދެކޮޅަށް ގްރީން ކުޅުނު މެޗުން އެޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސުޒޭން ބުނީ މެޗު ދިޔައީ ބެލެންސްކޮށް ނަމަވެސް އީގަލްސްއިން ނަތީޖާ ނެރުނީ ލިބުނު ހިލޭ ޖެހުމަކުން ކަމަށެވެ.

"މެޗު ގްރީންއަށް މިދިޔައީ ވަރަށް އުނދަގޫކޮށް. އީގަލްސް އިން ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ކުޅުނު ވަގުތުތަކެއް ދިޔަ. އެހެން ނަމަވެސް ދެވަނަ ހާފްގައި ދިޔައީ ވަރަށް ބެލެންސްކޮށް. އީގަލްސްއަށް ރަނގަޅު ހިލޭ ޖެހުމަކުން ގޯލް ޖެހުނީ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ސީޒަންގެ ކުރީކޮޅުގައި ހަތް ޕޮއިންޓް ގެއްލުމުން ގަދަ ހަތަރު އުންމީދު ކަނޑާލަން ޖެހިއްޖެ ކަމަށާއި ގްރީން ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިއްޖެ ކަމަށެވެ.

"ހަތަރު ޓީމު ތެރެއަށް އަރަން ނުވިސްނާ ހިސާބަށް މިދިޔައީ. ހަތް ޕޮއިންޓް ގެއްލުނީ މި. ގްރީން ވަރަށް ބޮޑަށް ޕްރެޝަރަށް ދިޔައީ މި،" ސުޒޭން ފާހަގަކުރި އެވެ.

ސީޒަންގެ ފުރަތަމަ މެޗަށް ނުކުތް އިރު ކޯޗު ސުޒޭން ބުނެފައި ވަނީ ގްރީންގެ ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވެ، ނުކުންނާނީ މުޅިން އާ ޗެލެންޖަކަށް ކަމަށެވެ. ހާއްސަކޮށް ސަޕޯޓަރުންގެ ފަރާތުން ފެންނަ ބައެއް އަމަލުތައް މި ސީޒަންގައި ރަނގަޅުވާނެ ކަމަށް ފާހަގަކޮށްފައިވާ އިރު، ސީޒަންގައި ގްރީންގެ ފުރަތަމަ ބައްޔާއެކު ގިނަ ސަޕޯޓަރުންތަކެއް ވަނީ ރެފްރީއަށް ވަރަށް ބޮޑަށް ނުރުހުމުގެ ބަސްތައް އަމާޒުކޮށްފަ އެވެ.

"ރެފްރީގެ ނިންމުންތަކާ ބޭރުން ހިތްހަމަ ނުޖެހުނީ ކަންނޭނގެ. އެ ކަންކަން އެބަ ޖެހޭ ބަދަލުކުރަން. ގްރީނުން ކުރަން ޖެހޭ ކަންކަން ކުރާނަން އެކަން ރަނގަޅުކުރަން،" ސުޒޭން ބުންޏެވެ.

މާލޭ ލީގުގައި ދެން ގްރީނުން ނުކުންނަން ޖެހޭނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭގަ އެވެ.

comment ކޮމެންޓް