Sun Online
ކަތުމަންޑޫ އެއާޕޯޓަށް ވެއްޓުނު ޔޫއެސް ބަންގްލާ އެއާލައިނުގެ ބޯޓު--ފޮޓޯ: ކަތަމަންޑޫ ޕޯސްޓު
ކަތުމަންޑޫ އެއާޕޯޓަށް ވެއްޓުނު ޔޫއެސް ބަންގްލާ އެއާލައިނުގެ ބޯޓު--ފޮޓޯ: ކަތަމަންޑޫ ޕޯސްޓު

ނޭޕާލްގައި ބޯޓު ވެއްޓެން މެދުވެރިވި ސަބަބާ މެދު އެއާލައިނާއި އެއާޕޯޓާ ދެމެދު ދެބަސްވުންތަކެއް

ރުގިއްޔާ މުހައްމަދު މޫސާ
ލިޔުނީރުގިއްޔާ މުހައްމަދު މޫސާ

ކަތަމަންޑޫ (މާޗް 13): ނޭޕާލްގެ ކަތަމަންޑޫއަށް އިއްޔެ ބަންގުލަދޭޝްގެ ބޯޓެއް ވެއްޓެން މެދުވެރިވި ސަބަބާ ބެހޭ ގޮތުން ބޯޓު ނިސްބަތްވާ ޔޫއެސް-ބަންގްލާ އެއާލައިނާއި ހާދިސާ ހިނގި ޓްރިބުވަން އިންޓަނޭޝަަލް އެއާޕޯޓު (ޓީއައިއޭ)އާ ދެމެދު ދެބަސްވުންތަކެއް އުފެދިއްޖެ އެވެ.

ސާޅީސްނުވަ މީހަކު މަރުވި އެހާދިސާއާ ބެހޭ ގޮތުން ޓީއައިއޭގެ ޖެނެރަލް މެނޭޖަރު ކުމާރު ޗެތްރީ ވިދާޅުވި ގޮތުގައި ބޯޓު ޖައްސަން ދިޔައިރު ޕައިލެޓު އަމަލު ކުރީ ކޮންޓްރޯލް ޓަވަރުން ދިން އިރުޝާދުތަކާ ހިލާފަށެވެ. އަދި ބޯޓު ރަންވޭގައި ޖައްސަން ދިޔައީ ނުބައި ކޮޅުން ކަމަށް ވެސް ޗެތްރީ ވިދާޅުވި އެވެ.

ނަމަވެސް ޔޫއެސް ބަންގްލާ އެއާލައިންސްގެ ސީއީއޯ އިމްރާން އާސިފް ތުހުމަތު ކުރައްވާ ގޮތުގައި އެހާދިސާ ހިނގީ އެއާ ޓްރެފިކް ކޮންޓްރޯލުން އަމަލު ކުރި ގޮތުގެ ސަބަބުންނެވެ.

"އަޅުގަނޑުމެންގެ ޕައިލެޓަކީ ބޮމްބާޑިއާ އެއާކްރާފްޓުގެ އިންސްޓްރަކްޓަރެއް. އޭނާގެ ފްލައިޓް އަވާސް 5،000 ގަޑި އިރަށް ވުރެ އިތުރުވާނެ. އޮޅުން އެރުވީ ކޮންޓްރޯލް ޓަވަރުން،" އާސިފް ވިދާޅުވި އެވެ.

ނޭޕާލުގެ ސަރުކާރުން ވަނީ އެހާދިސާ ތަހުގީގު ކުރަން ހާއްސަ ކޮމިޓީއެއް އެކުލަވާލާފައި އެވެ. އަދި މިހާރު އެބޯޓުގެ ޑޭޓާ ރިކޯޑަރު ވަނީ ހޯދައިފަ އެވެ.

އެހާދިސާގައި އަނިޔާވި 22 މީހުންގެ ތެރޭގައި، ނޭޕާލުގައި ގައިނަކޮލޮޖީ ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރެއް ކަމަށްވާ ރިޒާނާ އަބްދުﷲ ވެސް ހިމެނެ އެވެ. ރިޒާނާގެ އާއިލާއިން ވަނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި މިވަގުތު އޭނާ އޮތީ ޑޮކްޓަރުންގެ އޮބްޒަވޭޝަންގައި ކަމަށް ބުނެފަ އެވެ.

އިއްޔެގެ ހާދިސާއަކީ 1992 ވަނަ އަހަރު ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ބޯޓެއް ވެއްޓި، 167 މީހުން މަރުވި ފަހުން ނޭޕާލްގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ އެވެ. (އެސްބީއެސް)

ގުޅޭ ޓެގު

ނޭޕާލް
infinity loading...
×
DB released 01.