ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

ގަތަރު އެއާވޭސްގެ ފްލައިޓެއް ކައިރީ އެ އެއާލައިންގެ ބައެއް ޕައިލެޓުންނާއި ކެބިން ކްރޫއިން ---

ގަތަރުގެ ގައުމީ އެއާލައިން، ގަތަރު އެއާވޭސް އިން ރާއްޖެއަށް ދުވާލަކު ބާއްވާ ފްލައިޓުތަކުގެ އަދަދު އިތުރުކުރުމަށް ނިންމާފައިވާކަން އެ އެއާލައިނުން ހާމަކޮށްފި އެވެ.

ޖަރުމަނުގެ ބާލިންގައި ނިމިގެން ދިޔަ އައިޓީބީ ބާލިން ފެއާގައި، ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރު އަލް ބަކުރު ވަނީ އެ އެއާލައިނުގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ގޮތުން މި އަހަރު ކުރުމަށް ނިންމާފައިވާ ކަންކަން ހާމަކޮށްފަ އެވެ.

އެގޮތުން މިހާރު ވެސް ގަތަރު އެއާވޭސް ދަތުރުކުރާ ބައެއް މަންޒިލުތަކަށް ބާއްވާ ފްލައިޓުތައް އިތުރުކުރުމުގެ އިތުރުން، 16 އާ މަންޒިލަކަށް ދަތުރުތައް ފެށުމަށް އެ އެއާލައިނުން ވަނީ ނިންމައިފަ އެވެ.

ގަތަރު އެއާވޭސްގެ ސީއީއޯގެ ޚާއްސަ އިއުލާނުތަކުގެ ތެރޭގައި ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރާނެކަން ހިމެނެ އެވެ. ގަތަރު އެއާވޭސް އިން މިހާރު ރާއްޖެއާ ދޯހާއާ ދެމެދު ދުވާލަކު ދެ ފްލައިޓު ބާއްވާ އިރު، މި އަހަރުގެ ތެރޭގައި މި އަދަދު ތިނަކަށް އިތުރު ކުރެވިގެން ދާނެ އެވެ.

ގަތަރު އެއާވޭސް އިން މިހާރު ދަނީ ރާއްޖެއާއި ދޯހާއާ ދެމެދު ދުވާލަކު ދެ ދަތުރު ބާއްވަމުންނެވެ. އަދި ރާއްޖެއަށް ކުރާ ދަތުރުތަކުގައި އެ އެއާލައިނުން އެއާބަސް އޭ350 މަރުކާގެ ބޯޓެއް ބޭނުންކުރެ އެވެ.

ގަތަރު އެއާވޭސްއަކީ ވިލާތާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކުގައި ބޭނުންކުރާ މައި އެއް އެއާލައިނެވެ.

ރާއްޖޭގެ އިތުރުން ޕޮލެންޑްގެ ވޯސޯ، ވިއެޓްނާމްގެ ހަނޯއީ އަދި ހޯ ޗީ މިންހް ސިޓީ، ޗެކް ރިޕަބްލިކްގެ ޕްރާގް އަދި ޔޫކްރެއިންގެ ކިއޭވްގެ އިތުރުން ސްޕެއިންގެ މެޑްރިޑާއި ބާސެލޯނާއަށް ވެސް ކުރާ ދަތުރުތައް އިތުރުކުރުމަށް ގަތަރު އެއާވޭސްއިން ވަނީ ނިންމައިފަ އެވެ.

މިއަހަރު ތެރޭގައި އަލަށް ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ ލަންޑަނުގެ ގެޓްވިކް އެއާޕޯޓަށާއި ވޭލްސްގެ ކާޑިފްއަށާއި ޕޯޗުގަލްގެ ވެރިރަށް ލިސްބަންއަށާއި އެސްޓޯނިއާގެ ވެރިރަށް ޓާލިންއަށާއި މޯލްޓާގެ ވެރިރަށް ވަލެޓާއަށާއި ފިލިޕީންސްގެ ސެބޫ އަދި ޑަވާއޯއަށާއި މެލޭޝިއާގެ ލަންގްކަވީއަށާއި ވިއެޓްނާމްގެ ޑަ ނަންގްއާއި، ތުރުކީގެ ބޮދްރުމް، އަންޓާލްޔާ އަދި ހަތާއީގެ އިތުރުން ގްރީސްގެ މައިކޯނޯސްއާއި ތެސަލޮނިކީއާއި ސްޕެއިންގެ މަލާގާއަށެވެ.

comment ކޮމެންޓް