ފަނޑިޔާރުންގެ ބިލާއި އެންޓި ޑިފެކްޝަން ބިލް މިއަދު މެންދުރަށް ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލިސް: ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އެންޓި ޑިފެކްޝަން ބިލް މިއަދު މަޖިލީހުން ފާސްކުރާނެ ކަމަށް ވަނީ ބެލެވިފައި --- ފައިލް ފޮޓޯ/ މަޖިލިސް

މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އެންޓި ޑިފެކްޝަން ބިލް ކޮމެޓީ މަރުހަލާ ނިންމައި ވޯޓަށް އެހުމަށް މިއަދު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ.

އާންމު ގޮތެއްގައި ހެނދުނު ނުވައެއް ޖަހާއިރު މަޖިލީހުގެ ޖަލްސާތައް ބޭއްވި ނަމަވެސް މިއަދުގެ ޖަލްސާ އެޖެންޑާކޮށްފައި ވަނީ މެންދުރު 1:00 ޖަހާއިރަށެވެ. އެޖެންޑާގައި އޮތީ ވެސް ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކް ހުށަހެޅުއްވި އެންޓި ޑިފެކްޝަން ބިލް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ހުށަޙެޅުމެވެ.

އެ ދެ ބިލް ރޭ ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފަ އެވެ. ފަނޑިޔާރުންގެ ބިލް ފާސްކޮށްފައި ވަނީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ކޮމެޓީން ފާސްކޮށްފައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އެ މައްސަލައެއްގެ އިސްތިއުނާފުގެ މަރުހަލާތައް ނިމޭ ހިސާބުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށެވެ.

އެ ބިލް މިއަދު ފާސްކުރާނެ ކަމަށް ބެލެވިފައިވާ އިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހުންނެވީ ބޮޑެތި ތުހުމަތުތަކެއްގައި ފުލުހުންގެ ބަންދުގައެވެ.

އެންޓި ޑިފެކްޝަން ބިލް ކޮމެޓީން ފާސްކޮށްފައި ވަނީ މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، އެ ޕާޓީން އަމިއްލަ އަށް ވަކިވުން ނުވަތަ ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭ ގޮތަށެވެ.

comment ކޮމެންޓް