ޑޭވިސް ކަޕުގައި ބަހުރޭން އަތުން ރާއްޖެއަށް ބޮޑު ކާމިޔާބެއް

ޑޭވިސް ކަޕާއި ފެޑެރޭޝަން ކަޕުގައި ވާދަކުރާ ރާއްޖޭގެ ޓެނިސް ޓީމު ---

ޖޫނިއާ ޑޭވިސް ކަޕްގެ ކޮލިފައިންގައި ބަހުރޭން އަތުން ރާއްޖޭގެ ޓެނިސް ޓީމުން ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.

ބަހުރޭންއާ ދެކޮޅަށް ރާއްޖޭގެ 16 އަހަރުން ދަށުގެ ފިރިހެން ޓީމު ކުޅުނު ގޭމުން މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ސްރީލަންކާގައި ކުރިއަށްދާ އެ މުބާރާތަކީ ދުނިޔޭގެ އެންމެ ވަރުގަދަ ގައުމުތަކުން ވާދަކުރާ މުބާރާތެކެވެ.

މިއަދު ބަހުރޭނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ ޔޫސުފް ވަނީ ބަހުރޭން އަތުން 6-1، 7-5 އިން ބަލިވެފައެވެ. އެ މެޗުން ޔޫސުފް ބަލިވި ނަމަވެސް، ފުރަތަމަ ސެޓުގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

ދެވަނަ މެޗުގައި ރާއްޖޭގެ ދާއިން ވަނީ ފަސޭހަކަމާއެކު ބަހުރޭން ކުޅުންތެރިޔާ ބަލިކޮށްފައެވެ. މޮޅު ކުޅުމެއް ދެއްކި ދާއިން އެ މެޗު ކާމިޔާބުކުރީ 6-2، 6-2 އިންނެވެ. ތިންވަނަ މެޗެއްގެ ގޮތުގައި ކުޅުނު ޑަބަލްސް މެޗަށް ރާއްޖެއިން ނުކުތީ ދާއިންއާއި ހުމައިދެވެ. އެ މެޗު 6-2، 6-3 އިން ރާއްޖެ ވަނީ މޮޅުވެފައެވެ.

ރާއްޖޭގެ 16 އަހަރުންދަށުގެ އަންހެން ޓީމު ވަނީ ފެޑެރޭޝަން ކަޕުގައި ވާދަކޮށްފައެވެ. ވިއެޓްނާމްއާ ދެކޮޅަށް ކުޅުނު ގޭމުގައި ރާއްޖޭގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. އެ ގޭމުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ މެޗުގައި ވިއެޓްނާމް އަތުން ރާއްޖޭގެ ޔޫމީ ބަލިވެފައިވަނީ 6-1، 6-1 އިންނެވެ. ދެވަނަ މެޗުގައި ރާއްޖޭގެ ޓީމުން ކުޅެން ނުކުތް ހަޝްމާގެ ފަރާތުން ގޯސްތަކެއް ފެނިގެންދިޔަ އިރު، އެ މެޗުން ބަލިފައިވަނީ 6-1، 6-1 އިންނެވެ. ޑަބަލްސް މެޗަށް ރާއްޖެއިން ނުކުތީ ހަޝްމާއާއި ޔޫމީއެވެ. އެ މެޗުންވެސް ރާއްޖެ ބަލިވެފައިވަނީ 6-1، 6-1 އިންނެވެ.

މާދަމާ ރާއްޖޭގެ އަންހެން ޓީމު ނުކުންނަން ޖެހޭނީ ސްރީލަންކާއާ ދެކޮޅަށެވެ. އެ ގޭމުގައި ރާއްޖޭގެ ޓީމުން ފުރަތަމަ ޔާލާ ނުކުންނަ އިރު، ދެވަނަ މެޗުގައި ނުކުންނާނީ ހަޝްމާއެވެ. އަދި ޑަބަލްސް މެޗަށް ނުކުންނަ ދެ ކުޅުންތެރިން ކަށަވަރުވާނީ ފުރަތަމަ ދެ މެޗުގެ ނަތީޖާއަށް ބެލުމަށްފަހުއެވެ. ޑޭވިސް ކަޕްގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޓީމު، މާދަމާ މެޗެއް ކުޅޭކަށް ނުޖެހޭނެއެވެ. ޑޭވިސް ކަޕުގެ މެޗުތައް ކްލޭ ކޯޓުގައި ކުޅޭ އިރު، ފެޑެރޭޝަން ކަޕްގެ މެޗުތައް ކުޅޭނީ ހާޑް ކޯޓުގައެވެ.

މުބާރާތުގެ ފޯމެޓުގައިވާ ގޮތުން، ފުރަތަމަ މެޗަށް ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ދެވަނަ ކުޅުންތެރިޔާ ނެރެން ޖެހޭ އިރު، ދެވަނަ މެޗަށް ނެރެން ޖެހޭނީ އެއްވަނަ ކުޅުންތެރިޔާއެވެ. އެ ދެ މެޗަށްފަހު، 1-1 އިން ދެ ޓީމު އެއްވަރުވެފައިވާ ނަމަ، ތިންވަނައަށް ކުޅޭ ޑަބަލްސް މެޗުގައި ދެ ޓީމުން ނެރެން ޖެހޭނީ އެއްވަނަ ކުޅުންތެރިޔާއެވެ. އެ މެޗަށް ނުކުންނަ އިރު، ފުރަތަމަ ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާ ޓީމެއް ނަމަ، މެޗަށް ނެރެން ޖެހޭނީ އެއްވަނަ ކުޅުންތެރިޔާއާއެކު ތިންވަނަ ކުޅުންތެރިޔާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް