އީރާނުގެ ގޭސް ޕާކިސްތާނަށް ފޯރުކޮށްދިނުމުގެ މަޝްރޫއު އަލުން ފެށުމަށް މަޝްވަރާ ކުރަނީ

ޖަވާދު ޒަރީފް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޚަވާޖާ އާސިފް އާ ބައްދަލުކުރައްވަނީ

އިސްލާމް އާބާދު (މާޗް 13) : އީރާނުގެ ގޭސް ޕާކިސްތާނަށް ފޯރުކޮށްދިނުމުގެ މަޝްވަރާތައް އަލުން ފެށުމަށް ޓަކައި އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އިސްލާމް އާބާދަށް ވަޑައިގެން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޚަވާޖާ އާސިފް އާ ބައްދަލުކުރައްވައިފި އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް މިދަތުރުފުޅަކީ އިގްތިސާދީ ކަންކަމަށް ޚާއްސަ ދަތުރުފުޅެއްކަމުން އީރާނުގެ ވަފްދުގައި އެ ގައުމުގެ ބޮޑެތި ބައެއް ކުންފުނިތަކުގެ ވެރިންނާއި މަތީ ފެންވަރުގެ ވިޔަފާރިވެރިންގެ ފަންސާހަކަށް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. ޒަރީފް ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރުގެ އިތުރުން ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިން އާއި ބޮޑުވަޒީރު ޝާހިދު ޚާގާން އައްބާސީ އާއި ޕާކިސްތާނުގެ ބޮޑެތި ކުންފުނިތަކުގެ ވެރިންނާ އަދި އިސް ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖަވާދު ޒަރީފް ގެ މިދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އީރާނާއި ޕާކިސްތާނާ ދެމެދު ބިނާކޮށްފައިވާ ގޭސް ހޮޅީގެ މަސައްކަތް އަލުން ފެށުމަށް މަގުފަހިކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެގޭސް ހޮޅީގެ މަސައްކަތް ނިންމުމާ އަދި ގޭސް ހޮޅި މެދުވެރިކޮށް އީރާނުގެ ގޭސް ޕާކިސްތާނަށް ފޮނުވުމާ ބެހޭ އިތުރު އެއްބަސްވުންތަކެއްގައި ދެގައުމުގެ މަސްއޫލުވެރިން ސޮއިކުރައްވާނެ އެވެ. ނަމަވެސް މިދަތުރުފުޅުގައި އެނޫން މައްސަލަތަކާ ބެހޭ ގޮތުން ވެސް ޕާކިސްތާނާއި އީރާނުގެ ވަފްދުގެ ބޭފުޅުން މަޝްވަރާ ކުރައްވާނެ އެވެ. މީގެ ތެރޭގައި ދެގައުމުގެ ސަރަހައްދީ ރޮނގުގެ މައްސަލަތަކާއި ޓެރަރިޒަމްގެ މައްސަލައާއި އަފްޣާނިސްތާނުގެ މައްސަލަ ފަދަ މައްސަލަތައް ހިމެނޭނެކަމަށް ޚަބަރު ލިބެ އެވެ.

ހަސަތޭކަ ކިލޯ މީޓަރުގެ ދިގު މި ގޭސް ހޮޅީގައި ހިމެނޭ އީރާނުގެ ބައި ބިނާކޮށް ވަނީ ނިމިފަ އެވެ. ނަމަވެސް އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ޕާކިސްތާނުންވަނީ އެ ގޭސް ހޮޅި ފުރިހަމަ ކުރުމަށް ޕާކިސްތާނުން ފުރިހަމަ ކުރަންޖެހޭ ބައި ފުރިހަމަ ނުކޮށެވެ. ދާދިފަހުން ޕާކިސްތާނާއި އެމެރިކާގެ ގުޅުންތައް ގޯސްވެ އެމެރިކާއިން ޕާކިސްތާނަށް ދޭ ބައެއް އެހީތައް ކަނޑާލުމުން ޕާކިސްތާނުންވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔައި އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ހުއްޓާލާފައިވާ ބައެއް ކަންކަން އަލުން ފެށުމަށް ނިންމާފަ އެވެ. މިގޮތަށް އަލުން ފަށަން ޕާކިސްތާނުން ނިންމި މަޝްރޫއުތަކުގެ ތެރޭގައި އީރާނުގެ ގޭސް ޕާކިސްތާނަށް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ މަސައްކަތް ހިމެނެ އެވެ.

އީރާނުގެ ގޭސް ޕާކިސްތާނަށް ފޯރުކޮށްދިނުމުން އަހަރެއްގެ މައްޗަށް އީރާނަށް ދެބިލިޔަނެއްހާ ޑޮލަރުގެ އާމްދަނީ އެއް ލިބޭނެތީ އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ޕާކިސްތާނުންވަނީ އެމަޝްރޫއު ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. ނަމަވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ދާދިފަހުން ވަނީ އީރާނުގެ ގޭސް ހޮޅީގެ މަޝްރޫއު އަލުން ކުރިޔަށްގެންދަން ނިންމައި ވަރަށް އަވަހަށް އެމަޝްރޫއުގެ ޕާކިސްތާނުގެ ބައިގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

ޕާކިސްތާނަކީ ހަކަތައަށް އިންތިހާއަށް ބޭނުންވެފައިވާ ގައުމެކެވެ. ސަތޭކަ ހަތްދިހަ މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނަކީ ކަރަންޓްގެ މައްސަލަތައް ވަރަށް ބޮޑުގައުމެވެ. ޕާކިސްތާނުގެ ގިނަ ރަށްތަކާއި ވިލެޖްތަކާއި އަވަށްތަކަށް ފުރިހަމައަށް ކަރަންޓް ނުލިބެ އެވެ. ލިބޭ ރަށްރަށަށް ވެސް ލިބެނީ ދޭތެރެއަކުން ކަރަންޓް ކަނޑައިގެންދާ ފަދަ ގޮތަކަށެވެ.

ޕާކިސްތާނުގައި މިހާރު ކަރަންޓްނެތް އެތައް ސަރަހައްދުތަކެއް ހިމެނޭއިރު އެސަރަހައްދުތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް އެގައުމުން ރާވާފައި ވަނީ އީރާނުގެ ގޭސް ހޮޅި މެދުވެރިކޮށް ލިބޭ ގޭހުންނެވެ. އެ ގޭސް ހޮޅި މެދުވެރިކޮށް އީރާނުން ދުވާލެއްގެ މައްޗަށް 750 ކޮޑި މީޓަރުގެ ގޭސް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވެ އެވެ. ގޭސް ހޮޅި ބިނާކުރުމުގެ އަގަކީ 7.6 ބިލިޔަން ޑޮލަރެވެ. މީގެތެރެއިން ފަސް ބިލިޔަން ޑޮލަރު އެމަޝްރޫޢަށް ޚަރަދުކޮށް އީރާން ފަޅިން ބިނާކުރަންޖެހޭ ބައި ވަނީ 2015 ވަނަ އަހަރުގައި ބިނާކޮށް ނިންމައިފަ އެވެ.

މިމަޝްރޫއުގެ ދަށުން ލިބޭ ގޭހުން ކަރަންޓް އުފެއްދުމަށްޓަކައި ގޭހުން ކަރަންޓް އުފައްދާ އިންޖީނުގެތަށް ބިނާކުރުމުގެ މަޝްރޫޢުތަކެއް ވެސް ޕާކިސްތާނުން ވަނީ ފަށާފަ އެވެ. އީރާނުން ޕާކިސްތާނަށް ގޭސް ފޯރުކޮށްދިނުމަށް ކުރިން އެއްބަސްވެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު ހުންނަ ވަރަށްވުރެ ހެޔޮކޮށެވެ.

ޕާކިސްތާން މެދުވެރިކޮށް އީރާނުގެ ގޭސް (ހޮޅި އަޅައިގެން) އިންޑިޔާއަށް ފޯރުކޮށްދިނުމަށް ވެސް ކުރިން ރޭވި އެވެ. ނަމަވެސް ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން އެގޭސް ހޮޅި ހަލާކުކޮށްލާނެ ކަމުގެ ބިރު އޮތުމުންނާއި އެމެރިކާގެ ފިއްތުންތަކާ ގުޅިގެން އެމަޝްރޫޢުވަނީ ހުއްޓާލާފަ އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މިދަތުރުފުޅުގައި އަރަބި ކަނޑުގައިވާ އީރާނުގެ ބަނދަރެއްކަމަށްވާ ޗަޕްހާރު ބަނދަރު ބޭނުންކުރުމުގެ ހުއްދަ އީރާނުން އިންޑިޔާއަށް ދިން މައްސަލާގައި ހިތްހަމަނުޖެހޭކަން ޕާކިސްތާނުގެ މަސްއޫލުވެރިން ހާމަކުރައްވާނެ އެވެ. އީރާނުގެ ޗަޕްހާރު ބަނދަރު ބޭނުންކުރުމުގެ ހުއްދަ އީރާނުން އިންޑިޔާއަށް ދިނުމަކީ އެބަނދަރާ އެންމެ ދުއިސައްތަ ކިލޯ މީޓަރު ދުރުގައިވާ ޕާކިސްތާނުގެ ގުވާދަރު ބަނދަރު ގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ޕާކިސްތާނުން ބުނެ އެވެ.

އީރާނުން އެބަނދަނރު ބޭނުންކުރުމުގެ ފުރްސަތު އިންޑިއާ އަށް ދިނީ ކުރު މުއްދަތަކަށެވެ. މިކަމުގެ ބޭނުމަކީ ގޭސް ހޮޅީގެ މަޝްރޫޢު އަލުން ފެށުމަށް ޕާކިސްތާނަށް ފިއްތުންތައް ކުރިމަތި ކުރުންކަމަށް ރިޕޯޓްތައް ބުނެ އެވެ. އީރާނަކީ ރަޝިޔާ ފިޔަވައި ދުނިޔޭގެ ގުދްރަތީ ގޭހުގެ ރިޒާވް އެންމެ ބޮޑު ގައުމެވެ. ގޭހުގެ ރިޒާވް ތިންވަނައަށް އެންމެ ބޮޑީ ގަތަރުގައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް